ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކުރާ އިސްރާއީލަށް އެންމެ ބޮޑަށް ވާގިދޭ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފިއެވެ. ކަށަވަރު ކުރެވިފައިވާ ގޮތުގައި މުއިއްޒު އޭނާއާއި ބައްދަލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފީފާގެ ރައީސް އިންފަންޓީނޯއަކީ އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެކެވެ. އިސްރާއީލުން ޢައްޒާގައި ހިންގާފައިވާ ގަތުލުޢާންމާއެކުވެސް އިންފަންޓީނޯވަނީ ފުޓުބޯޅައިގެ ހަރަކާތްތަކުން އެގައުމު ސަސްޕެންޑް ކުރުމަށް ދެކޮޅު ހަދާފައެވެ. އޭގެ ހުއްޖަތަކަށް އޭނާ ދައްކާފައިވަނީ ފުޓްބޯޅައަކީ ސުލްހައަށް ފުރުސަތުދޭ ކުޅިވަރަކަށް ވާންޖެހޭނެކަމަށް ބުނެއެވެ. އެހެންނަމަވެސް އޭނާވަނީ ރަޝިއާއާއި ޔޫކުރެއިންއިން ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ރަޝިއާ ފީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާ ދަނީ ރަޝިއާ ފީފާގެ ހަރަކާތްތަކުގައި ބައިވެރި ކުރުމަށް ދެކޮޅު ހަދަމުންނެވެ.
އިސްރާއީލުން ޣާއްޒާގައި ހިންގަމުންދިޔަ ގަތުލުޢާންމާއި ގުޅިގެން އެގައުމު ބައިނަލްއަގުވާމީ ފުޓްބޯޅައިން ސަސްޕެންޑް ކުރުމަށް ދުނިޔޭގެ އެތައް ގައުމަކުން އިންފަންޓީނޯއަށް ގޮވާލާފައި ވެއެވެ. އެހެންނަމަވެސް އޭނާ ވަނީ އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދާފައެވެ. އޭނާ ފާހަގަ ކުރެވިފައިވަނީ އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ އަދި ޔަހޫދީންނަށް ވާގިވެރިވާ މީހެއްގެ ގޮތުގައެވެ.
ފަލަސްތީނުގެ މުސްލިމުން ގަތުލުކުރުމަށް ސަޕޯޓު ދިން، އަދި އިސްރާއީލަށް ހިމާޔަތްދޭ އިންފަންޓީނޯއާއި މުއިއްޒު ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މުއިއްޒުއަކީ ފަލަސްތީނަށް ތާއީދުކޮށް އެކްސްގައި ގިނަގިނައިން ޕޯސްޓުކޮށް އެހެންނަމަވެސް އަމަލުން ދެފުށް ދެގޮތްކަން ދައްކަމުންދާ، އަމަލާއި ބަހާ ދިމާނުވާ ރައީސެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.