ޚަބަރު

ބޭންކާއި، ހެޕީ މާކެޓާއި، ހޯމް މިނިސްޓްރީއާއި، ދިމްޔާތު ވަގުފައިސާ ބަހައިގެން ވެސް ފޭދޫ ވޯޓުން ބަލިވުމުން އެނގުނީ މުއިއްޒަށް ވޯޓު ގަނެގެން 2028 ކާމިޔާބު ނުވާނެކަން!

ދިޔަވަރު
ބޭންކާއި، ހެޕީ މާކެޓާއި، ހޯމް މިނިސްޓްރީއާއި، ދިމްޔާތު ވަގުފައިސާ ބަހައިގެން ވެސް ފޭދޫ ވޯޓުން ބަލިވުމުން އެނގުނީ މުއިއްޒަށް ވޯޓު ގަނެގެން 2028 ކާމިޔާބު ނުވާނެކަން!

2028ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މުއިއްޒުގެ ވިސްނުން ހުރީ ފައިސާއިންނެވެ. ވޯޓު ގަނެގެންނެވެ. ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްކޮށް އެ ފައިސާ ހުސްވެގެން، ފައިސާ ޕްރިންޓު ކޮށްގެން އެއިން ވައްކަން ކުރުމަށް ތައްޔާރު ވަމުން އެދަނީ ހަމަ އެކަމަށެވެ.

މުއިއްޒު ވެރިކަން ކުރަމުން ދަނީ ރައްޔިތުންގެ ރުހުމާއި އެކީ ނޫން ކަން ޚުދު މުއިއްޒަށްވެސް ސާފުވާނެއެވެ. ރުހުމެއް ނެތްތާގައި ރައްޔިތުންގެ ނަފްރަތު މުއިއްޒުއާއި މެދު ހުރީ މިއިން ޒަމާނަކު އެއްވެސް ޤައުމެއްގެ ވެރިއަކާއި މެދު، އެ ޤައުމުގެ އަމިއްލަ ރައްޔިތުން ރުޅި ނާންނަހާ ބޮޑަށެވެ.

މުއިއްޒު ރަށްރަށަށް ދިޔުމުން ދަމާލާ ސަފުތަކުން ހިތްހަމަ ޖައްސާލައިގެން ހުންނައިރު، އެއީ ސަރުކާރު މުއައްޒަފުންނާއި، ކުންފުނިތަކުގެ މުއައްޒަފުންކަން މުއިއްޒަށް ސާފުކޮށް އެނގޭނެއެވެ. ދޮގު ހަދާ މީހަކަށް އެވަރު އަމިއްލަ ނަފްސަށް އޮޅުވާލައިގެން ޅޮސްއުނދޯލި ހެއްލަ ހެއްލާ ހުރެވެސް ދާނެއެވެ. ރަށްރަށުގައި ދީފައިވާ ވަޒީފާތަކުގައި ތިބި މީހުންނެއްވެސް މުއިއްޒަކަށް ތާޢީދެއް ނުކުރެއެވެ. އަމިއްލަ ކެބިނެޓުގެ ވަޒީރުންގެ މެދުގައި މުއިއްޒު ވެރިކަމުގައި ބަހައްޓަން ސިއްރު ވޯޓެއް ނެގިއަސް ގިނަ ވަޒީރުން މުއިއްޒު އާއި ދެކޮޅަށް ވޯޓު ދޭނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މުއިއްޒުގެ ނާގާބިލު ކަމުގެ ކުލަ ޖެހި އޭގެ އަނިޔާގެ ރަހަ ޣަރުގައި ނުލާ ހަމަ އެކަކުވެސް މިއަދު މިރާއްޖޭގައި ނެތެވެ.

ނަމަވެސް އިޒުރޭލުގެ އަނިޔާއަށް ތާޢީދު ކުރާ މަދު ބަޔަކު ދުނިޔޭގައި ތިބިހެން މުއިއްޒަށް ވޯޓު ދޭނެ ނުބައި ބަޔަކު މި ބިމުގައިވެސް ތިބެދާނެއެވެ. އެއީ ވޯޓުލާ އާބާދީގެ އެންމެ %18 އެވެ. ގެއްލިފައިވާ ތަރުހީބާއި، މުއިއްޒުގެ ވައްކަމުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރާ ދަތި ދިރިއުޅުމުގައި މުއިއްޒު ބަހާ ފައިސާއަކުން، ދޭނެ ވަޒީފާއަކުން އިތުރު ދައުރެއް ލިބޭނެ ކަމުގެ ކުޑަ އުންމީދެއް އޮތްނަމަވެސް ފޭދޫ ވޯޓު ބޮޑުތަނުން މުއިއްޒު ނަގާނެއެވެ.

ފޭދޫ ވޯޓު ހޯދަން ބީއެމްއެލްއިން ކެމްޕެއިނަށް ދިޔައެވެ. ގޮސް ހަމަ ނުޖައްސާ ލޯނެއް ނެތެވެ. ފޭދޫގެ ވޯޓު ހޯދަން އެއޮށްބޮޑު ހެޕީމާކެޓް ދިޔައެވެ. ގޮސް ނުބަހާ ފައިސާއެއް ނެތެވެ. ފޭދޫ ވޯޓު ހޯދަން ހޯމް މިނިސްޓަރ ދިޔައެވެ. މިނިވަން ކުރާނެ ކަމުގެ ޔަގީންކަން ނުދޭ ކުށްވެރިއެއް ޑްރަގް ލޯޑެެއް ނެތެވެ. ފޭދޫގެ ވޯޓު ހޯދަން ދިމްޔާތުގެ ވަގު ފައިސާ ގޯނި ވެސް ގެންދިޔައެވެ. ބެހީ ލައްކައިންނެވެ. މުއިއްޒު ޕޯޑިއަމަށް އަރާ ގްރާންޓު ފައިސާއިން ފޭދޫއަށް ލިބޭނެ ވަރު ކިޔައި ކެމްޕެއިން ވެސް ކުރިއެވެ. މި ހުރިހާ ކަމެއް އެދިޔައީ ފަނު ފުލުންނެވެ. %75 މީހުން ފޭދޫއިން މުއިއްޒަށް ނޫނެކޭ ބުނީ ހަމަ އެންމެ ސަބަބެއް އޮވެގެންނެވެ. އައްޕަތުރޭ އާއި މުއިއްޒު ފޭދޫ، އައްޑޫ ސިޓީއިން ވަކި ކުރަން ބޭނުންވާ ކަން އެނގުމުންނެވެ.

އެހެންކަމުން މި ވޯޓަކީ މުއިއްޒަށް ނޫނެކޭ ބުނި ވޯޓެކެވެ. މިއީ ރިޔާސީ އިންތިހާބު މުއިއްޒަށް ފައިސާ އަޅައިގެންވެސް، މަރުދަން ޖެހިގެންވެސް އީސީއާއި، ހުރިހާ މުއައްސަސާއެއް ޣައިރު ޤާނޫނީކޮށް ކޮންޓްރޯލް ކޮށްގެންވެސް ނުލިބޭނެ ކަން ހާމަވެގެންދިޔަ ވޯޓެކެވެ.

ރައްޔިތުން އެތިބީ ކޮންމެ ގޮތެއް ހަދައިގެންވެސް މުއިއްޒުގެ ވެރިކަން ނިންމަން ކެތް މަދުވެފައެވެ. ވަންޏާމުން މިހާރުވެސް ނިންމަން ތައްޔާރަށެވެ.