ޚަބަރު

ބޭންކުތަކަށް ބޯހިޔާވަހިކަމުގެ ލޯނު ލާޒިމުކުރުމަކީ: ރައްޔިތުން ލައްވައި ލޯނު ނަގުވައިގެން ސިޔާސީ މީހުންނަށް އެއިން މުސާރަ ދޭން ހިންގާ ސްކޭމެއް؟

ދިޔަވަރު
ބޭންކުތަކަށް ބޯހިޔާވަހިކަމުގެ ލޯނު ލާޒިމުކުރުމަކީ: ރައްޔިތުން ލައްވައި ލޯނު ނަގުވައިގެން ސިޔާސީ މީހުންނަށް އެއިން މުސާރަ ދޭން ހިންގާ ސްކޭމެއް؟

މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ މަޤްޞަދުގައި އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކުގެ މައްޗަށް "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް ފަންޑު" އަށް ލޯނުގެ %10-15 ދޫކުރުން ލާޒިމުކޮށްފައިވީނަމަވެސް، މި ނިންމުމާމެދު އިޤްތިޞާދީ މާހިރުން ސުވާލު އުފައްދަމުންދެއެވެ. އިޤްތިޞާދަށް ދިގުމުއްދަތުގައި ކޮށްފާނެ އަސަރުތަކަށް ބަލާއިރު މި ނިންމުމަކީ އަލުން ވިސްނާލަންޖެހޭ ނިންމުމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ.

1. މާކެޓުގެ އަސްލު ސިފަ ގެއްލުމާއި ވަސީލަތްތައް ނުހަމަގޮތުގައި ބެހިގެންދިއުން

ބޭންކުތަކުން ލޯނު ދޫކުރުމުގައި އާންމުކޮށް ބަލަނީ ރިސްކާއި ފައިދާގެ ނިސްބަތަށާއި، މާކެޓުގައި ހުރި ޑިމާންޑަށެވެ. ލޯނު ޕޯޓްފޯލިއޯގެ %10-15 ބޯހިޔާވަހިކަމަށް ލާޒިމުކުރުމުން، ބޭންކުތަކަށް މަޖުބޫރުވާނީ އެހެނިހެން ދާއިރާތަކަށް ދޫކުރާ ފައިސާ މަދުކުރުމަށެވެ. މީގެ ސަބަބުން ފަތުރުވެރިކަން، ވިޔަފާރިއަށް ނުވަތަ ކުދި ވިޔަފާރިތައްފަދަ އިޤްތިޞާދަށް ލާބަހުރި ދާއިރާތަކަށް ފަންޑިންގ ލިބުން ދަތިވެދާނެއެވެ. ހާއްސަކޮށް މުދާ އިމްޕޯޓް ކުރުމަށް ބޭންކު ތަކުން ދޭ ފެސިލިޓީތައް މަދުވެ، ތަކެތީގެ އަގު އިތުރަށް ބޮޑުވެގެން ދާނެއެވެ.

2. ބޭންކުތަކަށާއި މާލީ ނިޒާމަށް ދިމާވެދާނެ ރިސްކުތައް

25 އަހަރުގެ މުއްދަތަށް ދޫކުރެވޭ ދިގު މުއްދަތުގެ ލޯނުތަކަކީ ބޭންކުތަކަށް ވަރަށް ބޮޑު ރިސްކެކެވެ. ޚާއްޞަކޮށް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތައް އަމާޒުކުރެވިފައިވާ މި ސްކީމުގެ ދަށުން، ކްރެޑިޓް ވޯތިނަސް ދަށް (ލޯނު އަދާ ކުރުމުގެ ފުރުޞަތު ކުޑަ) ފަރާތްތަކަށް ލޯނު ދޫކުރުމަށް ބޭންކުތަކަށް މަޖުބޫރުވެއެވެ. މީގެ ސަބަބުން ނޮން-ޕަރފޯމިންގ ލޯނުތައް (ނުދައްކާ ލޯނުތައް) އިތުރުވެ، ބޭންކުތަކުގެ ފައިދާއަށާއި ސްޓެބިލިޓީއަށް އަސަރުކުރުމުގެ ބިރު އޮވެއެވެ. މިހާރުވެސް ފޭސް 2 އިން ދީފައިވާ ފްލެޓްތަކަށް އެތައް މިލިއަނަކުން އެޗްޑީސީއަށް ކުލި ނުދައްކާ ހުރި ކަމީ މިކަމުގެ ހެއްކެކެވެ. އެގޮތުން، އޮގަސްޓު މަހުގެ ނިޔަލަށް ހިޔާ ފުލެޓުތަކުން 650 މިލިއަން ރުފިޔާ، ވިނަރެސް ފުލެޓުތަކުން 43 މިލިއަން ރުފިޔަ، އަދި ފޭސް އެކެއްގެ ފުލެޓުތަކުން 283 މިލިއަން ރުފިޔާ ކުލީގެ ގޮތުގައި ނުލިބި އެބަހުއްޓެވެ.

ރާއްޖޭގެ ބޭންކިންގ ސެކްޓަރަކީ ކުޑަ އަދި ގުޅިލާމެހިފައިވާ ނިޒާމަކަށްވުމާއެކު، ބޭންކަށް ލޯނު ފައިސާ އަނބުރާ ނުލިބޭ ނަމަ ކްރެޑިޓް ކްރަންޗެއް ނުވަތަ ބެއިލްއައުޓްތަކަށް މަގުފަހިވެ، ދައުލަތުގެ މާލީ ހާލަތަށް އިތުރު ބުރައެއް ކުރިމަތި ވާނެއެވެ. ނޫނީ ބޭންކުތައް ބޭކްރަޕްޓް ވާނެއެވެ.

3. ކޮރަޕްޝަނާއި ނަހަމަ ބޭނުންތަކަށް މަގުފަހިވުން

ދައުލަތުގެ ބާރުގެ ދަށުން ކަނޑައެޅޭ ފަންޑުތަކަކީ ކުދި އިޤްތިޞާދެއް އޮތް ރާއްޖެފަދަ ޤައުމެއްގައި، ސިޔާސީ ގުޅުންތަކަށް ބެލުމާއި ވަކި ފަރާތްތަކަށް ފައިދާވާ ގޮތަށް ނިންމުންތައް ނިންމުމަށް މަގުފަހިވެދާނެ ކަމެކެވެ. މުއިއްޒުގެ ސަރުކާރަކީ ގެދޮރު ނުވަތަ ފުލެޓް ލިބޭފަރާތްތައް ސިއްރު ކުރާ ވެރިކަމެކެވެ. ސިއްރުން އެކަން ކުރަނީ ނުގަވާއިދުން ލިބެން ނުޖެހޭ ފަރާތްތަކަށް ފްލެޓް ދޭތީއެވެ. ބޭންކުން ލޯނު ނަގައިގެން މިކަން ވާގޮތް ހެދުމުން، އިންތިހާއަށް ގެދޮރު ހައްޤު ނޫން ސިޔާސީ ފަރާތްތައް މި ފްލެޓާއި ގެދޮރު ހޯދުމުގެ މަސައްކަތް ފަށާނެއެވެ. މި ސްކީމުގެ ދަށުން ލިބެންޖެހޭ ފައިދާ އަސްލު އަމާޒުކުރެވޭ ފަރާތްތަކަށް ނުލިބި، ސިޔާސީ ގުޅުން ހުރި ފަރާތްތަކަށް ލިބިދާނެއެވެ.

4. ރައްޔިތުން ލައްވައި އިމާރާތް ނުކުރަނީސް ލޯނު ނެގުވުން

ސަރުކާރަށް 2 އަހަރު ވެގެން ދިޔައިރު އެއްވެސް ހައުސިންގ ޕްރޮޖެކްޓެއް ނުފައްޓައެވެ. އޭގެ ބަދަލުގައި ސަރުކާރުން ކުރިއަށް ގެންދާ ފުށި ދިއްގަރުފަޅު ޕްރޮޖެކްޓަށް ދަނީ މިލިއަނުން ޚަރަދު ކުރަމުންނެވެ. ނަމަވެސް މިއީ މުއިއްޒުގެ ސަރުކާރަށް ނިންމޭނެ ޕްރޮޖެކްޓެއް ނޫންކަން މިހާރު މިވަނީ ހާމަވެފައެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ފުށި ދިއްގަރު ފަޅުގައި ނުވަތަ ހުޅުމާލޭގައި ފްލެޓްތަކެއް އަޅަނީ ކަމަށް ބުނެ، އެ ފްލެޓްތައް އެޅުމުގެ ކުރިން ސަރުކާރުން އާންމުންނަށް އެ އެޕާރޓްމެންޓްތައް ދޫކޮށް، އެ ދޫކުރި ފަރާތް ލައްވައި ބޭންކުތަކުން ދޭން ލާޒިމް ކުރުވާފައިވާ ލޯނު ނަގުވައި، އެ ފައިސާ ސަރުކާރަށް ނަގައިގެން ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމުގެ މަކަރުވެރި ރޭވުން މިކަމުގައި އޮތް ކަމަށް ގަބޫލު ކުރެވޭ ގަބޫލު ކުރެވުމެވެ.

ދައުލަތުން މިފަދަ ސްކޭމެއް ހިންގައި ބޭންކަށް އެތައް ބައެއް ދަރުވައި، ޕްރޮޖެކްޓް މުއްދަތުގައި ނުނިމި އާއިލާތަކެއް އަނެއްކާވެސް އިތުރަށް ބިކަ ކޮށްލުމަކީ މުއިއްޒު ކޮށްފާނެ ކަމެކެވެ.

ޕްރޮޖެކްޓްތަކަށް ކަނޑައެޅިފައިވާ ފައިސާ، މަސައްކަތް ނިމުމުން ކޮންޓްރެކްޓަރުންނަށް ނުދީ ބޭނުން ކުރީ ސިޔާސީ މީހުންގެ މުސާރަ ދިނުމަށެވެ. ސަރުކާރާއި ކުންފުނިތަކުގައި 12،000 ވުރެ ގިނަ ސިޔާސީ މަގާމު މިހާރު އޮތް އިރު މިއީ ރައްޔިތުން ލައްވައި ބޭންކު ތަކުން ލޯނު ނަގުވައިގެން ސިޔާސީ މުއައްޒަފުންނަށް މުސާރަ ދޭން ސަރުކާރުން ހިންގާ ސްކޭމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން، ބޯހިޔާވަހިކަމުގެ ލޯނުތައް ދޫކުރުން މިފަދަ ހަރުކަށި ގޮތަކަށް ލާޒިމުކުރުމުން ބޭންކުތަކަށާއި، ރައްޔިތުންނަށާއި، އޮތީ ގެއްލުމެވެ. އަތްފޯރާފަށުގެ ގެދޮރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ބޭނުންވާ ނަމަ، ވެރިކަމުގެ ފުރަތަމަ އަހަރު އެ ފްލެޓް އަޅަން ފަށާނެއެވެ. ކުރިއަށް 3 އަހަރު މި ސަރުކާރަށް ނުނިންމޭނެ ޕްރޮޖެކްޓެއް ރައްޔިތުން ލައްވައި ލޯނު ނަގުވައިގެން އެ ފައިސާއިން ފެށުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ.