ޚަބަރު

އައްޑޫގައި އެކަންޏެއް ނޫން، ފުލުހުންނާއި ސިފައިންގެ މެދުގައިވެސް އިހްސާނުގެ އެއްވެސް މަގުބޫލު ކަމެއް ނެތް

ދިޔަވަރު
އައްޑޫގައި އެކަންޏެއް ނޫން، ފުލުހުންނާއި ސިފައިންގެ މެދުގައިވެސް އިހްސާނުގެ އެއްވެސް މަގުބޫލު ކަމެއް ނެތް

އައްޑޫ ފޭދޫ ވޯޓުން އިހްސާނުގެ މަގުބޫލުކަން ނެތްކަން ރައީސް މުއިއްޒަށް އެވަނީ ސާފުވެފައެވެ. ރައީސް މުއިއްޒު ސިޔާސީ މާ ބޮޑު ބާރެއް ކަމަށް ގަބޫލު ކޮށްގެން ހުރި އިހްސާނުގެ ފެންވަރު ރައްޔިތުން އެވަނީ ސާފުކޮށް ބުނެދީފައެވެ. އެއީ އައްޑޫގައެވެ.

ވޯޓެއް ނެގެން ނެތުމުން ސިފައިންނާއި ފުލުހުންގެ ފަރާތުން އެއަޑު މުއިއްޒަށް އިއްވަން ދަތިވެދާނެއެވެ. ނަމަވެސް ރާއްޖޭގެ ތާރީޚުގައި ސިފައިންނާއި ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވައި، ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރުމުގައި އިހްސާނު އަދާކުރަމުންދާ ދައުރަކީ ދައުލަތުގެ ސަލާމަތީ ބާރުތަކުން ބަލައިގަންނަ ކަމެއް ނޫނެވެ. އިހްސާނުގެ މަގުބޫލުކަން އިންތިހާއަށް ފުލުހުންގެ ތެރޭ ދަށް އިރު، އޭނާގެ ބަލާވެރިކަމާއި މެދު ޝަކުވާ ކުރާ އެތައް ބަޔަކު ސަލާމަތީ ބާރުތަކުގައި އެބަތިއްބެވެ.

ޑީއެންއާރުން ފެށިގެން، އައްޕަތުރޭގެ ޒާތީ ފޮޓޯތަކާއި، ފުއްޕާ ފުއްޕުމާއި، ކުރަމުންދާ ޣައިރު ގާނޫނީ އަމުރުތަކަކީ ސަލާމަތީ ބާރުތަކުން އެއްވެސް ވަރަކަށް އިޚްތިރާމު ކުރާ ކަންކަމެއް ނޫނެވެ. މުއިއްޒު އާއި އައްޕަތުރޭގެ ޣައިރު ޤާނޫނީ ސިޔާސީ އޯޑަރުތަކަށް މީހުން ހައްޔަރު ކުރުމާއި، މީހުންނަށް އަނިޔާވެރި ވުމަކީ މިއަދު އޮތް ފުލުހުންގެ މުއައްސަސާ ޤަބޫލު ކުރާ ކަންކަމެއް ނޫނެވެ.

ފުލުހުންނާއި ސިފައިންނެއް ރާއްޖޭގެ ވެރިކަމެއް ނުވައްޓާނެއެވެ. އެއީ އައްޕަތުރޭ މޮޅުވެގެންނެއް ނޫނެވެ. އެއީ އެފަދައިން ސަލާމަތީ ބާރުތަކުން ވެރިކަން ވައްޓާލުމަށް ދިވެހި އެއްވެސް ފަރުދެއް ބޭނުން ނުވާކަން އެމީހުންނަށް ކަނޑައެޅިގެން އެނގޭތީއެވެ. ނަމަވެސް އައްޕަތުރޭ ފަދަ ފުލުހުންނާއި ސިފައިންގެ މެދުގައި މަގުބޫލުކަން ކުޑަ މީހަކު ލައްވައި އެމީހުންނަށް ގޮތް ކިޔަން ބަހައްޓައިގެން އުޅެނިކޮށް މުއިއްޒުގެ ވެރިކަމަށް ހަމަ ކިތަންމެ ބޮޑު ލަގާއެއްވެސް ލިބިދާނެއެވެ. އަދި އެ ލޮޅުމުގައި ވެރިކަން ވެއްޓުމަކީވެސް ހަމަ ގާތްކަމެކެވެ.

މީހެއްގެ ސިޔާސީ ބުރަދަން ވަޒަން ކުރެވޭނީ އެމީހަކަށް އޮތް މަގުބޫލު ކަމާއި، ގަދަރާއި، އިޚްތިރާމުން އޭނާ ހޯދާ ވޯޓުގެ އަދަދުގެ މައްޗަށެވެ. ފައިސާއާއި މުޅި ދައުލަތް ބޭނުންކޮށްގެން އައްޕަތުރޭއާއި އޭނާގެ މުޅި އާއިލާއިން ގޭނިގެން ހޯދި ވޯޓަށް ވުރެ ގިނަ ވޯޓު އާދައިގެ ރަށު ކައުންސިލަރަކުވެސް މިހާރު ނަގާނެއެވެ.

އަމިއްލަ ފޮޓޯ އަމިއްލަ އޮފީހުގައި ހަރުކޮށްގެން އުޅޭ މީހަކަށް މިނިސްޓަރުކަން ދީ ގާތް ކުރާނީ ތަންކޮޅެއް ސިޔާސީ ކަންކަމުގައި ޅަ މީހުންނެވެ. އިހްސާނަކީ މުއިއްޒުގެ ވެރިކަމަށް އޮތް ކިހާވަރެއްގެ ނުރައްކަލެއްކަން މުއިއްޒަށް އިހްސާސްވާއިރު އޮންނާނީ މާ ލަސްވެފައި ކަމަށް ޤަބޫލު ކުރެވެއެވެ.