ހއ. އަތޮޅު ކައުންސިލުން ބާއްވާ "ތިލައުތުރު އެވޯޑް 2025″ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ދިއްދޫއަށް ވަޑައިގަންނަވާއިރު އެރަށުގެ ރައްޔިތުންނަށް މުއިއްޒު ވީ ދޮގު ވައުދާ ގުޅިގެން މުއިއްޒުއަށް އެރަށަށް މި އެވާޑް ހަފްލާއަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެނގިފައިވާ ގޮތުގައި މުއިއްޒު އަށް ވެސް މިހަފްލާއަށް ވަނީ ދައުވަތު ދީފައެވެ. އެހެންނަމަވެސް މީގެ ކުރިން ދިއްދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވެފައި ވަނީ އެރަށަށް ވަޑައިގަންނަވާނީ އެރަށުގެ އެއަރޕޯޓު ހުޅުވަން އެއަރޕޯޓު މަގުން ކަމުގައެވެ. އެހެންނަމަވެސް މި ދޮގު ވައުދަށްފަހު އެރަށު އެއަރޕޯޓު އެޅުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ހއ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތައް އަގުވަޒަންކުރުމަށް ދެ އަހަރުން އެއްފަހަރު ބާއްވާ ތިލައުތުރު އެވޯޑުގައި މިފަހަރު ހަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 2023 ވަނަ އަހަރު ބޭއްވި އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ހަފްލާއަށް މިއަދު ރައީސް ޔާމިން ދިއްދޫއަށް ވަޑައިގެންނަވާތީ އެ ރަށުގެ ރައްޔިތުން ދަނީ ރައީސް ޔާމިނަށް މަރުހަބާ ކިއުމަށް ތައްޔާރު ވަމުންނެވެ.
މުއިއްޒު ދަނީ ރަށްރަށަށް ވަޑައިގެން ދޮގު ވައުދު ވަމުންނެވެ. ރަށްރަށަށް ވަޑައިގެން ޕްރޮޖެކްޓްތަކުގެ ބިންގާ އަޅާ އަދި އިފްތިތާހު ކުރަމުން ދަނީ ދައުލަތުގެ ކެޕޭސިޓީ ނެތް ހަވާލު ކޮށްގެންނެވެ.