އިންތިޚާބީ ކޮންމެ ދަނޑިވަޅެއް ޖެހުމާއެކު ސަރުކާރުން އަންނަނީ އައްޑޫ ބްރިޖްގެ ވާހަކަ ދައްކަމުންނެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު ބްރިޖް ރައްޔިތުންނަށް ފެނިފައި ނުވާ ކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު، މަޖިލިސް އިންތިޚާބު ކައިރިވެފައިވަނިކޮށް، ރައީސް މުޢިއްޒު އައްޑޫއަށް ވަޑައިގެން ހުޅުމީދޫގައި ބޭއްވި ޖަލްސާއެއްގައި ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް" ކުންފުންޏާއެކު އެމްއޯޔޫގައި ސޮއިކުރެއްވިއެވެ. އޭރު މިނިސްޓަރ މުއްޠަލިބް ވިދާޅުވެފައިވަނީ ބްރިޖާ މެދު ޝައްކެއް ނެތް ކަމަށާއި ރައީސް މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ބްރިޖް ނިންމާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ބްރިޖްގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ނަމަވެސް، އެތައް މަސްތަކެއް ފާއިތުވިއިރުވެސް އެ މަސައްކަތާ ގުޅޭ އެއްވެސް ކުރިއެރުމެއް ފެންނާކަށް ނެތެވެ. ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނަ ދަނޑިވަޅުގައި، އަނެއްކާވެސް ސަރުކާރުން މި ބްރިޖްގެ ވާހަކަ ދައްކަން ފަށައިފިއެވެ. މިފަހަރު ސާވޭތައް ކުރުމާއި ފީސިބިލިޓީ ސްޓަޑީ ހެދުމާއި ޑީޓެއިލް ޑިޒައިންގެ މަސައްކަތް 1.025 މިލިއަން ޑޮލަރަށް ޗައިނާގެ ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފައިއެވެ.
ސުވާލަކީ، ދާދި އިހަށްދުވަހު މިސްރުގެ ކުންފުންޏަކާ ހަވާލުކުރި މަސައްކަތް ކޮބައިތޯއެވެ؟ އެ މަސައްކަތުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ މިނިސްޓަރ މުއްޠަލިބް މިފަހަރު ވިދާޅުވެފައިވަނީ މިސްރުގެ ކުންފުންޏަށް އެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ފޭކު ކުންފުންޏަކާއި އޭރު މަސައްކަތް ހަވާލު ކުރީ ނޭނގިތޯއެވެ. އަދި މިފަހަރު ބިޑް ކުރުމާ ހަމައަށް ގެންދެވޭވަރަށް ސާވޭއާއި ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތް ވަކިން ކުރުމަށް ނިންމި ކަމަށެވެ.
އިންތިޚާބުތަކަށް ތަފާތު ކުންފުނިތަކުން އެއްކަމެއް ކުރުމަށް ރާވާ މަންޒަރު ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ. މަޖިލިސް އިންތިޚާބާ ދިމާކޮށް މިސްރުގެ ކުންފުންޏަކާ ހަވާލުކުރެވުނު މި މަސައްކަތް، ކައުންސިލް އިންތިޚާބާ ދިމާކޮށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރެވުނީއެވެ. ޗައިނާގެ ޕްރައިވެޓް ކުންފުންޏަކާއި ހަވާލު ކުރި އެއްވެސް މަސައްކަތެއް މުއިއްޒުގެ ދައުރުގައި ފެށިފައި ނުވެއެވެ. ނަމަވެސް އަނެއްކާވެސް ޗައިނާގެ ކުންފުންޏަކަށް މި މަސައްކަތް ހަވާލު މި ކުރީއެވެ.
ރައްޔިތުން ނިކަމެތިކޮށް، އިންތިޚާބީ ބޭނުންތަކަށް ވަޢުދު ކޮށްކޮށް ދޮގު ހެދުމަކީ މިހާރު ސިޔާސީ ކެމްޕެއިންތަކުގެ އާންމު ކަމަކަށް މުއިއްޒު ހަދައިފިއެވެ.
2028 ވަނަ އަހަރު ރިޔާސީ އިންތިޚާބާ ދިމާކޮށް އައްޑޫ ބްރިޖްގެ މަޝްރޫޢު ތަންފީޒުކުރަން ދެން ގެންނާނީ ޔޫރަޕުގެ ކޮންމެވެސް ކުންފުންޏެއް ކަންނޭނގެއެވެ.
ސިޔާސީ ބޭނުމަށް ހަދާ ރީތި ކުރެހުންތަކާއި، އެމްއޯޔޫތަކާއި، ވަޢުދުތަކުން ބްރިޖެއް ނޭޅޭނެއެވެ. ބްރިޖެއް އެޅުމަށް ބޭނުންވަނީ އިޚްލާޞްތެރިކަމާއި، ސާފު ނިޔަތާއި، ތެދުވެރި މަސައްކަތެވެ.