ޚަބަރު

2.5 ބިލިއަން ރުފިޔާ ޗާޕް ކުރުމުގައި ހައްވާ ފަޖުވާ އާއި، ސުޖާތާ ޙަލީމް ބައިވެރި ވެއްޖެނަމަ ޖިނާޢީ ދައުވާ އުފުލައި ޖަލަށް ލެވޭނެ

ދިޔަވަރު
2.5 ބިލިއަން ރުފިޔާ ޗާޕް ކުރުމުގައި ހައްވާ ފަޖުވާ އާއި، ސުޖާތާ ޙަލީމް ބައިވެރި ވެއްޖެނަމަ ޖިނާޢީ ދައުވާ އުފުލައި ޖަލަށް ލެވޭނެ

ޤާނޫނާއި ޚިލާފަށް 2.5 ބިލިއަން ރުފިޔާ ޕެންޝަން އޮފީސް މެދުވެރިކޮށް ޕްރިންޓް ކުރުމަށް އޯތަރައިޒް ކޮށްފައިވާ ހައްވާ ފަޖުވާ (ޗީފް ފައިނޭންޝިއަލް އޮފިސަރ) އާއި، އެ ޤާނޫނާއި ޚިލާފު ކުށް ތަސްތީގު ކުރުމަށް މަސައްކަތް ކުރަމުންދާ ސުޖާތާ ޙާލީމް (ޗީފް އެގްޒެކެޓިވް އޮފިސަރ) އަށް ޤާނޫނާއި ޚިލާފަށް މުއިއްޒުގެ ސަރުކާރަށް ފައިސާ ޗާޕުކޮށް ދީފި ނަމަ، އެކަމާއި ގުޅިގެން ޖިނާޢީ ދައުވާ އުފުލައި ޖަލަށް ލެވޭނެ ކަމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އެމީހުންނަށް ކުރިމަތި ކުރުވަމުންދާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވުމަކީ އޮތް ހުއްޖަތެއް ނޫންކަމަށާއި، ކޯޓުގައި އެއީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް ދައުވާ ކުރުމަށް ތައްޔާރުވަމުންދާ ފަރާތުން ހާމަ ކުރިއެވެ.

ސަރުކާރު ބަދަލުވުމުން އެންމެ ފުރަތަމަ ރައްޔިތުންނަށް އިންސާފު ހޯދުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ތެރޭގައި، ފައިސާ ޗާޕު ކުރަން ޕެންޝަން އޮފީސް ބޯޑުން ނިންމި 3 ފަރާތަށާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ގަވަރުނަރުގެ މައްޗަށް ދައުވާ ކުރެވޭނެއެވެ. އަދި ޕެންޝަން އޮފީހުން މި މުއާމަލާތް ހިންގާ ފަރާތްތަކަށް ދައުވާ އުފުލޭނެއެވެ.

މި ފައިސާ ޕްރިންޓް ކުރުމާއި އެކު ޑޮލަރުގެ އަގު އިތުރަށް ބޮޑުވެގެން ދާނެއެވެ. ރައްޔިތުންނަށް ކުރިމަތިވާ މި ނިކަމެތިކަމުގެ ޒިންމާ ނަގައި އޭގެ އަދަބު ބަޔަކަށް ލިބޭތަން ދެކެން ރާއްޖޭގެ މުޅި އާބާދިހެން ބޭނުންވެއެވެ. އެހެންކަމުން މި މީހުންގެ މައްޗަށް އުފުލޭ ދައުވާ ވެގެންދާނީ އާންމު ރައްޔިތުންގެ މެދުގައި އިންތިހާއަށް މަގުބޫލު އަދި ރައްޔިތުންގެ މައްޗަށް ކުރިމަތި ކުރުވި ނިކަމެތި ކަމުގެ މައްޗަށް 2.5 ބިލިއަން ޕްރިންޓް ކޮށް ޑޮލަރުގެ އަގު އިތުރަށް ބޮޑު ކުރި ކުރުމަށް އިންސާފުގެ ކުޑަ މިންވަރެއް ނަމަވެސް ހޯދައި ދިނުމަށް ކުރެވިގެންދާނެ މަސައްކަތަކަށެވެ. އިތުރަށް ޑޮލަރުގެ އަގު ބޮޑުވުމާއި އެކު މި މީހުންގެ ފޮޓޯ ޖަހައި އިންސާފު ހޯދުމަށް މިހާރުން ސުރެ ރައްޔިތުން ޕޯސްޓަރުތައް ހިފައިގެން މަގުތަކަށް މުޒާހަރާތަކުގައި ނުކުންނާނެއެވެ.

ޤާނޫނީ ގޮތުން ފައިސާ ޕްރިންޓް ކުރެވޭނީ ރާއްޖެއަށް އެންމެ ފަހުން ލިބުނު 3 އަހަރުގެ އާމްދަނީގެ އެވްރެޖް އިން %2.5 އެވެ. މި ސަރުކާރުން ވަނީ ކުރިން %1 އޮއްވާ %2.5 އަށް މަޖިލީހަށް ނުފޫޒު ފޯރުވައިގެން ބަދަލު ކޮށްފައެވެ.

ރާއްޖެއަށް ލިބިފައިވާ އެވްރެޖް އާމްދަނީއަކީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާއެވެ. ފައިސާ ޗާޕް ކުރަން ޤާނޫނު ތަންދޭ މިންވަރަކީ އޭގެ %2.5 އަށް ވުރެ މަދު އަދަދެއް ކަމުން އެންމެ ގިނަވެގެންވެސް ޗާޕު ކުރެވޭނީ 825 މިލިއަން ރުފިޔާއެވެ. އެހެން ކަމުން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރުމަކީ ޤާނޫނީ ކުށެކެވެ.

އެކުށް ކުރުމުގައި އެންމެ ބޮޑަށް ޝާމިލު ވަނީ މުއިއްޒު އާއި، ފިނޭންސް މިނިސްޓަރަކަށް ހުރި ޒަމީރެވެ. އަދި އެކަމަށް ވާގިވާ ގަވަރުނަރުގެ މައްޗަށާއި އަދި އެކަން އެގޮތަށް ކުރަމަށް ޕެންޝަން އޮފީސް ބޭނުން ކުރުމަށް ވޯޓު ދިން 3 މެމްބަރުންގެ މައްޗަށް އަދި އެކަން އެޑްމިނިސްޓަރ ކޮށްދޭ ޕެންޝަން އޮފީހުގެ ސްޓާފުންނަށް ޖިނާޢީ ދައުވާ ނުކުރެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ.