އައްޑޫ ސިޓީގައި މެރިޓައިމް އަދި ފިޝަރީޒް ލޮޖިސްޓިކް ހަބެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ ޗައިނާގެ ކުންފުންޏެއްކަމުގައިވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް، އަލަށް މި ހަވާލުކުރި މަޝްރޫޢު ހަވާލުކޮށްފައި މިވަނީ، މި ސަރުކާރު އައުމަށްފަހު ސީއެމްއީސީއާ ހަވާލުކޮށްފައިވާ އެތައް ޕްރޮޖެކްޓެއްގެ ތެރެއިން އެއްވެސް މަޝްރޫޢުއެއް މިހާތަނަށް ފަށާފައި ނުވަނީސްއެވެ.
އިހަށް ދުވަހު ލ. ކައްދޫ އެއާޕޯޓު އެޅުމަށް ސީއެމްއީސީ އާއި ހަވާލު ކޮށްފައި ވަނިކޮށް، އެ ޕްރޮޖެކްޓް ވަނީ ސީއެމްއީސީ އަށް ނުވެގެން އެމްއޭސީއެލްއާއި ހަވާލު ކޮށްފައެވެ. އައްޑޫ މީހުން ހެއްދުމަށް މުއިއްޒު ފިޝަރީޒް ހަބް އެޅުމަށް ހަވާލު މިކުރީ ހަމަ މިކުންފުންޏާއެވެ.
ދާދިފަހުން ރައީސް މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާއެކު ސޮއިކުރި 11 އެއްބަސްވުމުގެ ތެރެއިން އެއް އެއްބަސްވުމެއްގެ ގޮތުގައި، އައްޑޫގައި މެރިޓައިމް އަދި ފިޝަރީޒް ލޮޖިސްޓިކް ހަބެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި ދަތުރުފުޅުގައި ވަނީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫޢުއެއްގެ އެއްބަސްވުމެއްގައިވެސް ޗައިނާގެ ގުއޯޝެން އެނަޖީ ކޯ އެލްޓީޑީއާއެކު ސޮއިކޮށްފައެވެ.
ސަމާލުކަން ގެންނަންޖެހޭ ކަމަކީ، އައްޑޫގައި ފިޝަރީޒް ހަބް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސީއެމްއީސީއަކީ ރާއްޖޭގައި މިހާރުވެސް އެއްވެސް މަސައްކަތެއް ފަށާފައިނުވާ އެތައް ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާ ކުންފުންޏެއްކަމެވެ. އޭގެތެރޭގައި ހިމެނެނީ:
- ގުޅިފަޅު - މަގުފަހިކުރުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗަރގެ މަސައްކަތް: 2025 ވަނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހު ސޮއިކުރި މި އެއްބަސްވުން މިވަގުތު އަދިވެސް ސަރވޭ އަދި ޑިޓެއިލް ޑިޒައިން މަރުހަލާގައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މި މަސައްކަތް އެއްވެސް ގޮތަކަށް މިހާތަނަށް ފަށާފައި ނުވާކަން ދިޔަވަރު ނޫހަށް ވަނީ އެނގިފައެވެ.
- ރަސް މާލެ / ފުށިދިއްގަރު ފަޅު ޔުޓިލިޓީސް އަދި މުނިސިޕަލް ޚިދުމަތްތައް: 2024-2025 ދެމެދު އިޢުލާންކުރެވި ސީއެމްއީސީއާއި ހަވާލު ކުރެވުނު މި މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ފަށާފައި އަދި ނުވެއެވެ.
- ކަނޑޫދޫ (ލ. އަތޮޅު) - ކަނޑޫދޫ އެއަރޕޯޓް އަޕްގްރޭޑްކޮށް ބައިނަލްއަޤްވާމީކުރުން: 2024 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު ސޮއިކުރި މި އެމްއޯޔޫއާ ގުޅޭގޮތުން ފުރިހަމަ އެއްބަސްވުން ނުވަތަ މަސައްކަތުގެ ތާވަލެއް އާންމުކޮށްފައިނުވާއިރު، ރައީސް މުޢިއްޒު ވަނީ 3 އަހަރުގެ ތެރޭގައި މި މަޝްރޫޢު ނިންމުމަށް ވަޢުދުވެވަޑައިގެންފައިވެއެވެ. ނަމަވެސް މި ސީއެމްއީސީއިން މި މަޝްރޫޢު ފަށާފައި ނުވެއެވެ.
- އައްޑޫ ސިޓީ - ޓޫރިޒަމް ކޮމްޕްލެކްސް އަދި ގުޅުންހުރި އިންފްރާސްޓްރަކްޗަރ: މިވެސް ސީއެމްއީސީއާއި ހަވާލު ކޮށްފައިވާ ޕްރޮޖެކްޓެކެވެ. ނަމަވެސް މި މަސައްކަތްވެސް ފަށާފައި ނުވެއެވެ.
ޗައިނާގެ މިކުންފުންޏާއި އެކު ސޮއިކުރެވިފައިވާ މިފަދަ އެއްބަސްވުންތަކުގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން އިތުރުވަމުންދާއިރު، މީގެ ކުރިން ސޮއިކޮށްފައިވާ ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމްކުރުމުގެ އެއްބަސްވުމުގެ މަސައްކަތްވެސް ކުރިއަށް ގޮސްފައިނުވާއިރު، ފަހުން ސަރުކާރުން އެ ޕްރޮޖެކްޓް އިންޑިއާ ކުންފުންޏަކާއި ވެސް ހަވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި ހުރިހާ ކަންކަމަށް ރިޢާޔަތްކުރާއިރު، އައްޑޫގައި އަޅަން ނިންމާފައިވާ ފިޝަރީޒް ހަބްގެ މަސައްކަތްވެސް ކުރިއަށްދާނެކަމާމެދު ސުވާލު އުފެދެއެވެ. މިހުރިހާ ކުންފުންޏަކުންވެސް މަސައްކަތް ކުރަނީ ޗައިނާގެ ބޭންކުތަކުން ލޯނު ދިނުމުންނެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގައި ހިނގާ އެއްވެސް ޕްރޮޖެކްޓަކަށް ޗައިނާގެ ބޭންކުތަކުން އިންވެސްޓް ނުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އެއީ މުއިއްޒުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތަށް އިތުބާރު ނުކުރާތީއެވެ.
ސީއެމްއީސީއަކީ މި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހަވާލުކުރި ނަމަވެސް މިހާތަނަށް އެއިން އެއްވެސް ޕްރޮޖެކްޓެއް ފަށާފައިނުވާ ކުންފުންޏަކަށްވުމާއެކު، އައްޑޫގެ ރައްޔިތުންނަށް ވަޢުދުވެފައިވާ މި މަޝްރޫޢުވެސް ވެގެންދާނީ ސޮއިކުރުމަށް ފަހު ނުހިނގާނެ ޕްރޮޖެކްޓަކަށެވެ. މިކަން ސަރުކާރަށްވެސް އެނގެއެވެ. ނަމަވެސް އައްޑޫ ރައްޔިތުންނަކީ މޮޔައިން ކަމަށް މުއިއްޒު އާއި އޭނާގެ މިނިސްޓަރުން ދެކެއެވެ.