އައްޑޫ އަށް ގެނައި 3 ޑްރޯން އާއި ގްރައުންޑް ކޮންޓްރޯލް ޔުނިޓަށް 90 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދެއްކި ކަމަށް ތުރުކީގެ މީޑިޔާއިން ބުނެފިއެވެ.
Clash Report TR އާއި، yeniakit އާއި، ޓުވިޓާރއިން ތުރުކީގެ ޚަބަރު ގެނެސްދޭ ޗެނަލް @savunma_trhaber އިން ވެސް ވަނީ މިއަގު ކަށަވަރު ކޮށްދީފައެވެ.
މީގެ ކުރިން މިވާހަކަ އަޑު އިވުނު ނަމަވެސް، ދިވެހި ރައްޔިތުން ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި ދިވެހި ސަރުކާރުން 90 މިލިއަން ޑޮލަރު ޑްރޯން ގެނައުމަށް އިސްރާފު ކޮށްފާނެ ކަމަށް ދިޔަވަރު ނޫހަށް ގަބޫލު ކުރަން ދަތިވެގެން އަދި މިކަމުގެ ޙަޤީގަތާއި ހަމައަށް ވާސިލް އޭރު ނުވެވޭތީ، މިވާހަކަ މީގެ ކުރިން ޝާއިޢު ކޮށްފައި ނުވާނެއެވެ.
15-18 އޮކްޓޯބަރު ގައި 3 ފްލައިޓަކުން ވަނީ ގަމަށް ޑްރޯން އާއި ކޮންޓްރޯލް ޔުނިޓް ގެނެސްފައެވެ. އޭގެ ފަހުން 23 އޮކްޓޯބަރުގައި ލޭޒާގައިޑެޑް KG 8-22 ގެ ބޮންތަކެއް ވަނީ ގެނެސްފައެވެ. މި ބޮންތަކަކީ ޑްރޯން ގައި ހަރުކޮށްގެން ބޭނުން ކުރެވޭ ބޮންތަކެކެވެ.
ތުރުކީގެ މީޑިޔާގެ ރިޕޯޓުތަކުން 90 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާކަން ސާފު ވަނީ 3 ޑްރޯން އަށާއި، ކޮންޓްރޯލް ޔުނިޓަށެވެ. ބޮން ގަތުމަށް ދިވެހި ސަރުކާރުން ހަރަދުކޮށްފައިވާ ވަރެއް ސާފުކޮށް ބަޔާން ކޮށްފައި ނުވިއަސް 90 މިލިއަން ޑޮލަރުގެ ތެރޭގައި ބޮމުގެ އަގު ނުހިމެނޭކަން ދިޔަވަރު ނޫހުން ބެލި ބެލުމުން ވަނީ ސާފުވެފައެވެ.
ރައީސް މުއިއްޒު ދަނީ ކޮންމެ ކަމެއްގައި ދޮގު ހަދާ އުސޫލުން ކޮންމެ ކަމަކުން މިހާރު ވައްކަން ކުރަމުންނެވެ. ތުރުކީއިން 90 މިލިއަނަށް 3 ޑްރޯން ގަތުމުގެ ބޭނުމަކަށް ވެފައިވަނީ، އެއިން ބޮޑު ކަޓެއް ނަގައި އަމިއްލަ އަށް އިތުރަށް ދައުލަތުން ވައްކަން ކޮށްގެން މުއްސަނދި ވުމެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި، މުއިއްޒަށް މި ރިޝްވަތުގެ ފައިސާ ނަގައިދެނީ ތުރުކީގެ އެމްބަސީގައި ހުރި މުއިއްޒު އަރިސް ފަރާތެއްގެ އަނބިމީހާއެވެ.
ދިވެހިރާއްޖެއަށް މިވަގުތު އިތުރު 3 ޑްރޯންއެއް ކުއްލިއަކަށް ބޭނުމެއް ނުވެއެވެ. ރާއްޖެއާއި ހަނގުރާމަ ކުރަން އުޅޭ ބަޔަކު ނޫޅެއެވެ. ދައުލަތުގެ ފައިސާއިން މިފަދަ ބޮޑެތި ވައްކަމާއި އިސްރާފު ކުރާ ފަރާތެއް ވެރިކަމުގައި އެންމެ ހިނދުކޮޅަކަށް ހުރުމަކީވެސް ދިވެހި ޤައުމަށް ލިބޭނެ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެކެވެ.