ޔޫއޭއީގެ އެހީގައި ނ. މާފަރުގައި އިމާރާތްކުރެވުނު ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކީ، ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުވުމަށާއި، ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށާއި، ސޮފްޓް ޕަވަރ ޕޮލިޓިކްސްގެ ތެރެއިން ރާއްޖޭގައި އޮތް ޔޫއޭއީގެ ބާރުގެ ރަމްޒެއް ގޮތުގައި އެޅުނު އެއަރޕޯޓެކެވެ. މި އެއަރޕޯޓަށް މައިގަނޑު ގޮތެއްގައި ޖައްސަނީ ޔޫއޭއީގެ ޝާހީ އާއިލާގެ ޖެޓްތަކެވެ. މާފަރު ސަރަހައްދުގައި ވާ ރިސޯޓުތަކަށް ޔޫއޭއީގެ ވެރިން ކުރައްވާ ދަތުރުތައް ގިނަވުމުން މިފަދަ އެއަރޕޯޓެއް އެޅުމަށް ޔޫއޭއީ ސަރުކާރަށް ރާއްޖޭގައި މުހިންމު ވެގެން ދިޔައެވެ. ހާއްސަކޮށް ޝެވަލް ބްލާންކް ރަންދެލި އަކީ ޔޫއޭއީއަށް މުހިންމު ރިސޯޓެކެވެ.
މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ ޔޫއޭއީގެ އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 52 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ދީފައިވާ އެހީއެއްގެ ދަށުން އިމާރާތްކުރެވުނު ތަނެކެވެ. މި އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގައި 2,200 މީޓަރުގެ ރަންވޭއެއް ހިމެނެއެވެ. 2019 ވަނަ އަހަރު ޑިސެމްބަރު މަހު މި އެއަރޕޯޓް ރަސްމީކޮށް ހުޅުވުނެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގައި ރަންވޭ ފުޅާކޮށް އެހެނިހެން މަސައްކަތްތައް ކުރުމަށް ޔޫއޭއީން 27 މިލިއަން ޑޮލަރުގެ އިތުރު އެހީއެއްވެސް ދީފައިވެއެވެ.
ނަމަވެސް، 2024 ވަނަ އަހަރުގެ މާރިޗު 15 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ (އެމްއެންޑީއެފް) އެއަރކޯރޕްސް ރަސްމީކޮށް އިފްތިތާހްކުރުމަށްފަހު، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތުރުކީން ގަނެފައިވާ ބައިރަކްޓަރ ޓީބީ2 ޑްރޯންތައް ބަހައްޓައިފައިވެއެވެ. އަދި އެތަކެތި އޮޕަރޭޓު ކުރުމަށް ތުރުކީ ސިފައިން މާފަރުގައި ވަޒަންވެރި ކުރުވިއެވެ.
ތުރުކީއާއި ޔޫއޭއީ އަކީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ދެ ގައުމެވެ. ޔޫއޭއީއިން ބިނާ ކުރި އިންފްރާސްޓްރަކްޗަރ އެއްގައި ތުރުކީގެ މިލިޓަރީ ބެހެއްޓުމަކީ މުއިއްޒުގެ ތަންދޮރު ނުދަންނަކަމާއި، ބައިނަލްއަގްވާމީ ގުޅުންތައް ނޭނގޭ ވަރު ދައްކުވައިދޭ ކަމެކެވެ. ޔޫއޭއީއަށް ދޭން ޖެހޭ އިޚްތިރާމާއި ގަދަރާއި، އެގައުމުން ވަޑައިގަންނަވާ ޝޭޚުންނަށް އޮތް ޕްރައިވެސީ އާއި ރައްކާތެރިކަން ތުރުކީގެ ސިފައިންނާއި ޑްރޯން ބަހައްޓައިގެން ނަގާލުމަކީ ވަރަށް ހުތުރުކޮށް މުއިއްޒު ހިންގާފައިވާ އަމަލެކެވެ. ރާއްޖެއަށް ތާއަބަދު އެހީ ވަމުން އައިސްފައިވާ ގައުމަކަށް މިހާ ދަށްކޮށް ހިތައި ދެގައުމުގެ ގުޅުމަށް މިފަދަ ނުބައި މެސެޖެއް މުއިއްޒު ދިން ދިނުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.
ޑިޕްލޮމެޓިކް މާހިރުން ފާހަގަކުރައްވާ ގޮތުގައި މާފަރު އެއަރޕޯޓް އަސްކަރީކުރުމާ ގުޅިގެން އުފެދޭ ކަންބޮޑުވުންތަކުގެ ތެރޭގައި:
- ޔޫއޭއީގެ މާލީ އެހީގައި ބިނާކުރި ތަނެއް ކުއްލިއަކަށް އެހެން ބޭރު ޤައުމެއްގެ (ތުރުކީގެ) އަސްކަރީ ޕްލެޓްފޯމްގެ ގޮތުގައި ބޭނުންކުރުމުން ދިމާވާ ޑިޕްލޮމެޓިކް ކަންބޮޑުވުންތައް
- ހައިއެންޑް ޓޫރިޒަމަށް ކުރާ އަސަރު - މިލިޓަރައިޒް ކުރެވިފައިވާ އެއަރޕޯޓެއްގެ ސަބަބުން ޔޫއޭއީއިން ރާއްޖެއަށް ކުރިން ޖެޓްތަކުގައި އައި ޓުއަރިސްޓުން އައުން މަދުވުން
މިހާރު މާފަރު އެއަރޕޯޓަކީ ސިވިލިއަން ބޭނުމާއި މިލިޓަރީ ބޭނުން އެކުއެކީގައި ހިފޭ ތަނަކަށްވުމުން، ލަގްޒަރީ ޓޫރިޒަމް އޮޕަރޭޓަރުންނާއި އިންވެސްޓަރުންގެ ކަންބޮޑުވުންތައް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ޔޫއޭއީގެ އެހީގައި އަޅާފައިވާ މާފަރު އެއަރޕޯޓް ތުރުކީގެ އަސްކަރީ ޑްރޯންތަކުގެ ބޭސްއަކަށް ހެދުމުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުންތަކަށް އަސަރުކޮށް އޭގެ އަގު ދިވެހިން މިއަދު ދައްކަން ޖެހިފައިވާ ނިންމުމެކޭ ބުނެވިދާނެއެވެ. ޔޫއޭއީން މީގެ ކުރިން ބަޖެޓް ސަޕޯޓަށް ލިބެމުން ދިޔަ އެހީތަކާއި، އޮތް ގާތް ގުޅުން ކުރިއާއި އެއްވަރަށް ނުފެންނަ އެއްސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ.
މިފަދައިން ޑިޕްލޮމެޓިކް ގުޅުންތަކަށް ބުރޫއަރާހެން އެއްވެސް އެދެވޭ ސަބަބެއް ނެތް ޒަމާންވީ ގުޅުންތައް މުއިއްޒު ދުއްވާލާފައި ވުމަކީ އޭގެ އަސަރު ރާއްޖެއަށް އެތައް ޒަމާނެއް ވަންދެން ކުރާނެ ކަމެކެވެ. ނަމަވެސް މުއިއްޒުގެ ނާގާބިލު ސިކުނޑިއަށް މިކަން އަދި މިހާތަނަށް ވިސްނިފައި އޮތްހެނެއް ވެސް ހިއެއް ނުވެއެވެ. މުއިއްޒު އުޅެނީ ދޮގު ހެދުމާއި، ވައްކަން ކޮށް ދައުލަތް ދަވާލުމުގައި އެއަށްވުރެ މާ ބުރަކޮށެވެ.