ރައީސް މުޙައްމަދު މުޢިއްޒު ޗައިނާއަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކު 11 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާއިރު، މި އެއްބަސްވުންތަކުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. ކުޑަމިނުން މި އެއްބަސްވުން ތަކުގެ ނަންތަކެއްވެސް ދިވެހި ސަރުކާރުން އަދި ޗައިނާ ސަރުކާރުންވެސް ހާމަ ކޮށްފައި ނުވެއެވެ.
ރައީސް އޮފީހުގެ އާންމު އުސޫލަކީ ދިވެހި ރައީސް ކުރައްވާ ބޭރު ދަތުރުފުޅުތަކުގައި ސޮއިކުރައްވާ އެއްބަސްވުންތަކުގެ ނަންތައް ހާމަކުރެއްވުމެވެ. މިއީ މި ގޮތަށް އެއްބަސްވުންތަކެއް ނަންތައް ދިވެހި ސަރުކާރުން ސިއްރު ކުރި ފުރަތަމަ ފަހަރެވެ. މިފަހަރު ރައީސް އޮފީހުން ނެރުއްވި ޚަބަރުގައި ވަނީ "އިޤްތިޞާދީ ތަރައްޤީ، ޢުމްރާނީ ތަރައްޤީ އަދި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ފަހުމުނާމާތައް ހިމެނޭ" ކަމަށް އާންމުކޮށް ބަޔާންކޮށްލައްވާފައެވެ. ޗައިނާގެ ފޮރިންގ މިނިސްޓްރީއިން ހާމަ ކުރި މައުލޫމާތުގައިވެސް ވަނީ މިވަރަށެވެ.
އެއްބަސްވުންތަކުގެ ތަފްސީލް ހޯދުމަށް ރައީސް އޮފީހުގައި ކުރެވުނު ސުވާލުތަކަށް، އެ މަޢުލޫމާތު ފޮރިން މިނިސްޓްރީން ހޯއްދެވުމަށް އިރުޝާދު ދެއްވާފައިވެއެވެ. އެހެންނަމަވެސް، ފޮރިން މިނިސްޓްރީން މިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެގެ މިނިވަންކަމާއި އިސްތިގްލާލަށް އެއިން އަސަރު ކުރާ، ނުވަތަ ރާއްޖެއަށް އެއިން ގެއްލުން ލިބޭ އެއްބަސްވުންތަކެއް ކަމުގައި މި އެއްބަސްވުންތައް ނުވާނަމަ، މުއިއްޒުގެ ސަރުކާރުން އެ މީހުންގެ ކާމިޔާބީ ދެއްކުމަށްޓަކައިވެސް މި އެއްބަސްވުންތަކުގެ ނަންތައް ހާމަ ކުރާނެއެވެ. އެއްބަސްވުންތަކުގެ ނަންތައް ސިއްރުކުރުމުން ދޭހަވަނީ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ހާއްސަކޮށް ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭވަރުގެ އެއްބަސްވުންތަކަކަށް މި އެއްބަސްވުންތައް ވުން އެކަށީގެންވާކަމެވެ.
ސަރުކާރުގެ މިފަދަ ގޮތަކަށް މަޢުލޫމާތު ސިއްރުކުރުމަކީ ރައްޔިތުންނަށް ކަންބޮޑުވުން އުފެދޭ ކަމެކެވެ. ދިވެހި ރައްޔިތުންގެ މުސްތަޤްބަލާ ގުޅިފައިވާ މިފަދަ އެއްބަސްވުންތަކުގެ ތަފްސީލްތައް ދިވެހި ރައްޔިތުންނަށް ލިބުމަކީ ޙައްޤެކެވެ. ތަފްސީލްތައް ސިއްރުކުރުމުން އެ އެއްބަސްވުންތަކުން ދިވެހިރާއްޖެއަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރު ރައްޔިތުންގެ ހިތުގައި އުފެދެއެވެ.