ޚަބަރު

މަލްޝާއާއި ޝިއުނާގެ ހުތުރު ޓުވީޓުތަކުން ޓުއަރިޒަމަށް ލިބުނު ގެއްލުމުން އަދިވެސް އަރައި ނުގަނެވި ރާއްޖެއަށް ދަނީ ގެއްލުން ލިބެމުން

ދިޔަވަރު
މަލްޝާއާއި ޝިއުނާގެ ހުތުރު ޓުވީޓުތަކުން ޓުއަރިޒަމަށް ލިބުނު ގެއްލުމުން އަދިވެސް އަރައި ނުގަނެވި ރާއްޖެއަށް ދަނީ ގެއްލުން ލިބެމުން

ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުން ގޮތުގައި ތިބި އެކްޓިވިސްޓުން ކަމުގައިވާ ޝިއުނާ އާއި މަލްޝާ އިންޑިއާ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ސޯޝަލް މީޑިއާގައި ބޭއަދަބީ ޓުވީޓްކުރުމާގުޅިގެން ޓުއަރިޒަމް ދަށަށް ދިޔުމަށް ދެ އަހަރު ވަމުން ދާއިރުވެސް އިންޑިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެފައެއް ނުވެއެވެ. ޑިޕްލޮމެޓިކް ގުޅުން ރަނގަޅުކުރުމަށް ރައީސް މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ބޮޑުވަޒީރު މޯދީ 2025 ޖުލައި މަހު ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހުވެސް، 2025 ވަނަ އަހަރު އިންޑިއާއިން މުޅި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 100,000 ފަތުރުވެރިންނެވެ. މިއީ 2023 ގައި ރެކޯޑުކުރެވުނު އަދަދަށްވުރެ %52 ދަށް އަދަދެކެވެ. އަދި ސަރުކާރުގެ 300,000 ޓޫރިސްޓުންގެ ލަނޑުދަނޑިއާ ވަރަށްބޮޑަށް ދުރު އަދަދެކެވެ.

ޝިއުނާއާއި، މަލްޝާ ޓްވީޓް ނުކުރިނަމަ، 2025 ވަނަ އަހަރު ރާއްޖެއަށް އިންޑިޔާއަށް 400،000 އާއި 500،000 އަދަދަކަށް ޓުއަރިސްޓުން އަންނާނެއެވެ. އަދި ދިވެހިންނަށް ޖެހިފައިވާ ޑޮލަރުގެ ތާށިކަންވެސް ބޮޑު ތަނުން ކުޑަވާނެއެވެ. މިއިން ލިބޭ ޓެކްސް ފައިސާއިން ރާއްޖޭގެ ތަރައްޤީއަށް ނުހަނު ގިނަ ޕްރޮޖެކްޓްތައް ހިންގޭނެއެވެ.

ދިވެހިރާއްޖެއަށް ބިލިއަނުން މި ލިބުނު ގެއްލުމުގެ ބަދަލުގައި ޝިއުނާ އަދި މަލްޝާގެ ކިބައިން ދިވެހިންނަށް އިންސާފެއް މުއިއްޒަށް ހޯދައި ނުދެވުނުތާގައި، ޝިއުނާ ހުރީ އެއަޕޯޓްސް ކުންފުނީގެ ވަޒީފާއެއްގައެވެ. މުސާރައިގެ ބައިކުޅަ ބައި ލިބެނީ ޑޮލަރުންނެވެ. މަލްޝާ ހުރީ އެޗްޑީސީގެ ބޮޑު މަގާމެއްގައެވެ. މީގެ އިތުރުން ކޮންމެ މަހަކު 90 ހާސް ރުފިޔާ މުއިއްޒު އަތުން ޝިއުނާ އަށް ދިވެހިންގެ ޓެކްސް ފައިސާއިން އޭނާ ހިންގާ މީޑިޔާ ޕްލެޓްފޯމްތައް ހިންގުމަށް ދޭކަމަށް ސޯޝަލް މީޑިޔާގައި ވާހަކަ ދެކެވެއެވެ.

މި މައްސަލަ ފެށުނީ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް ގެ ހުތުރު ޓުވީޓްތަކަށް ފަހު، އިންޑިއާގެ ސެލެބްރިޓީން، އިންފްލުއެންސަރުން އަދި އާންމު ރައްޔިތުން ގިނަ އަދަދެއްގެ ދަތުރުތައް ކެންސަލް ކުރަން ފެށުމުންނެވެ. (ދުވަސްތަކެއްގެ ތެރޭގައި 20،000 އަށްވުރެ ގިނަ ދަތުރު) އެއަރލައިންތަކުން ފްލައިޓްތައް ހުއްޓާލިއެވެ. އަދި މޭކްމައިޓްރިޕް ފަދަ ޕްލެޓްފޯމްތަކުން ބުކިންގތައް %60 އަށް ދަށްވިއެވެ. އިންޑިއާއަކީ އޭރު ދިވެހިރާއްޖޭގެ ނަމްބަރ 1 މާކެޓެވެ. ޖުމްލަ ޓުއަރިސްޓުންގެ 11 އިންސައްތަ އަކީ އިންޑިޔާ ޓުއަރިސްޓުންނެވެ. އެހެން ނަމަވެސް، 2024 ގެ ޖަނަވަރީ ނިމުނުއިރު 1 ވަނައިން ވަނީ 5 ވަނަ އަށް ވެއްޓިފައެވެ.

2024: 37% ގެ ބޮޑު ވެއްޓުން

މަޢުލޫމާތު: މިނިސްޓްރީ އޮފް ޓޫރިޒަމް

ޝިއުނާއާއި މަލްޝާއާއި މެދު އެކަށީގެންވާ ފިޔަވަޅު ނާޅައި، އެމީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެސް ރައީސް މުއިއްޒު ދެން ކުރާ އެއްވެސް ކަމަކީ، ނުވަތަ އެމްއެމްޕީއާރުސީއިން ބޮލީވުޑް ފިލްމުސްޓާރުން އެމްބަސަޑަރުންނަށް ހެދައިގެން ކުރާ އެއްވެސް ކަމަކީ އިހްލާސްތެރިކަމެއް އޭގައި އޮތް ކަމެއް ކަމަށް އިންޑިޔާއިން ރާއްޖެއަށް އަންނަ ޓުއަރިސްޓުންނެއް ނުދެކޭނެއެވެ.

ޝިއުނާ އާއި މަލްޝާ އަކީ ރާއްޖެއަށް އެތައް ބިލިއަން ރުފިޔާ ކޮންމެ އަހަރަކު ގެއްލުން ވިއަސް އެބަޔަކަށް ސަރުކާރުންނާއި ދައުލަތުން ރައްކާތެރިކަން ދޭން ޖެހޭ ބައެއް ތޯއެވެ؟ ބޮޑު މަގާމު ދޭން ޖެހޭ ބައެއް ތޯއެވެ؟ ޝިއުނާ އާއި މަލްޝާގެ ބޭއަދަބީ ބަސްތަކުން ބޭއިންސާފާއި ކުރިމަތިލާން ޖެހިފައިވަނީ ހަމައެކަނި އަވަށްޓެރި އިންޑިޔާގެ ސަރުކާރަކަށް ނޫނެވެ. އޭގެ އަގު ދައްކަމުން މިދަނީ ދިވެހި ކޮންމެ ރައްޔިތެކެވެ. ގެއްލުނީ ޓުއަރިޒަމުން ދައުލަތަށް ވަންނަ ޓެކްސް ފައިސާއެވެ. ގެއްލުނީ ޓޫރިޒަމް ޓެކްސް ފައިސާއިން އަޅާ މިސްކިތާއި ހޮސްޕިޓަލެވެ. ގެއްލުނީ ޓުއަރިޒަމް އިން ލިބޭ ފައިދާއިން ލިބެމުން އައި އާސަންދައިގެ ބޭސް ގުޅައެވެ. މި ހުރިހާކަމަކަށް މިއިން ނުސީދާ ގޮތުން އަސަރު ކުރާއިރު، ޑޮލަރުން ރޭޓަށް އައި ބަދަލަށް ސީދާ އަސަރު ކުރާނެއެވެ. މުއިއްޒުއާއި އޭނާގެ ވެރިކަމުގެ ސަބަބުން ދިވެހިންނަށް ލިބެމުންދާ ގެއްލުންތައް މިއީ އެންމެ 5 އަހަރުުގެ ދައުރަކުން ނިމޭނެ ގެއްލުންތަކެއް ނޫނެވެ. މީގެ ގެއްލުން އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް ދަންދެން ފޯރާނެއެވެ.