ޚަބަރު

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް މި އަހަރު 1.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ

ދިޔަވަރު
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް މި އަހަރު 1.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ

ޗައިނާއާއި ރާއްޖޭއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ސަބަބުން ދައުލަތަށް ލިބޭ ކަސްޓަމްސް ޑިއުޓީއަށް ބޮޑު އަސަރެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިކަން ސާބިތުކޮށްދެނީ 2025 ވަނަ އަހަރުގެ ޖަނަވަރީން އޮގަސްޓްއަށް ލިބުނު ކަސްޓަމްސް ޑިއުޓީގެ އަދަދުތަކެވެ. މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ލިބުނު 2.897 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ލިބިފައިވަނީ 2.635 ބިލިއަން ރުފިޔާއެވެ. މިއީ 262 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ދުންފަތުގެ ޑިއުޓީ މައްޗަށް ދިޔަނަމަވެސް ޖުމްލަ އާމްދަނީ ދަށަށް

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޗައިނާއިން އެތެރެކުރާ ގިނަ މުދަލަކުން ޑިއުޓީ ނެގުން ހުއްޓާލާފައިވާއިރު، 2024 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޮށްފައިވެއެވެ. ކުރިން ސިނގިރޭޓް އަކުން 3 ރުފިޔާ އާއި އަގުގެ %25 ނަގަމުންދިޔަ ތަނުން، މިހާރު ނަގަނީ ސިނގިރޭޓް އަކުން 8 ރުފިޔާ އަދި އަގުގެ %37.5 އެވެ.

ސަރުކާރުގެ އަންދާޒާއިން މި ބޮޑުކުރުމުގެ ސަބަބުން އަހަރަކު 1.05 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެކަމަށް ބެލެވުނެވެ. އެހެންނަމަވެސް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އާމްދަނީ އިތުރުވީނަމަވެސް، އެފްޓީއޭގެ ސަބަބުން ލިބުނު ގެއްލުން އެއަށްވުރެވެސް ބޮޑުކަން މި އަދަދުތަކުން ދައްކުވައިދެއެވެ.

ވިޔަފާރީގެ މިންވަރު ދަށްނުވި ނަމަވެސް ޑިއުޓީގެ އާމްދަނީ ދަށްވީ ކީއްވެ؟

ޑިއުޓީ އިން ލިބުނު އާމްދަނީ ދަށްވެފައިވަނީ ވިޔަފާރީގެ މިންވަރު ދަށްވުމުގެ ސަބަބުން ނޫންކަން ކަސްޓަމުން އާންމުކޮށްފައިވާ ސްޓެޓިސްޓިކްސްއިން އެނގެއެވެ. 2024 ވަނަ އަހަރުގެ ޖަނަވަރީން އޮގަސްޓްއަށް 29.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި ނަމަވެސް، 2025 ގެ ހަމަ މި މުއްދަތުގައި 29.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މާނައަކީ އިމްޕޯޓްގެ މިންވަރުގައި ބޮޑު ބަދަލެއް ނެތެވެ.

އެހެންނަމަވެސް، އިފެކްޓިވް ކަލެކްޝަން ރޭޓް (ޖުމްލަ އިމްޕޯޓް އަގުން ޑިއުޓީގެ ގޮތުގައި ލިބޭ އިންސައްތަ) ވަނީ ބޮޑުތަން ދަށްވެފައެވެ:

  • 2024: 9.8% (2,897 މިލިއަން ÷ 29.6 ބިލިއަން)
  • 2025: 8.9% (2,635 މިލިއަން ÷ 29.7 ބިލިއަން)

ގެއްލުމުގެ މިންވަރު ކިހާވަރެއް؟

ދިރާސާތަކުން ދައްކާގޮތުގައި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން 8 މަސްދުވަހަށް މަދުވެގެން 400 މިލިއަން ރުފިޔާ އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މިއަދަދު ލިބުނުނަމަ، ކަސްޓަމްސްއަށް ލިބެންޖެހޭނީ މަދުވެގެން 3.297 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް ލިބުނީ 2.635 ބިލިއަން ރުފިޔާއެވެ. މިއީ 662 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

ސަރުކާރުގެ ދުންފަތު ޑިއުޓީގެ އަންދާޒާތަކަށް ބަލާނަމަ، 2025 ގެ ފުރަތަމަ 8 މަސްދުވަހުގައި 700 މިލިއަން ރުފިޔާ އިތުރުވާނެކަމަށް ބެލެވުނެވެ. މިގޮތަށް ބަލާނަމަ، ގެއްލުމުގެ މިންވަރަކީ 962 މިލިއަން ރުފިޔާއެވެ.

އަހަރަކަށް ބަލާނަމަ:

  • އެންމެ ކުޑަ އަންދާޒާ: 990 މިލިއަން ރުފިޔާ
  • ސަރުކާރުގެ އަންދާޒާތަކަށް ބަލާނަމަ: 1.44 ބިލިއަން ރުފިޔާ

އެންމެ އެކަށީގެންވާ ގޮތަށް ބަލާނަމަ، އެފްޓީއޭގެ ސަބަބުން އަހަރަކު 900 މިލިއަން ރުފިޔާއިން 1.2 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދައުލަތަށް ގެއްލުންވާނެކަމަށް ބެލެވެއެވެ. މިއީ ޖުމްލަ ކަސްޓަމްސް ޑިއުޓީގެ %22 އިން %29 އާ ދެމެދުގެ އަދަދެކެވެ.

ފާއިތުވި އަހަރުތަކުގައި ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގަށް ބަލާއިރުވެސް މި ގެއްލުމުގެ މިންވަރު ޞައްޙަކަން ކަށަވަރުކުރެވެއެވެ. 2021 ވަނަ އަހަރު 4,956.83 މިލިއަން ރުފިޔާގެ މުދާ ޗައިނާއިން އެތެރެކޮށްފައިވާއިރު، 2022 ގައި 5,876.94 މިލިއަން އަދި 2023 ގައި 6,230.27 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މި ޓްރެންޑަށް ބަލައި 2025 ވަނަ އަހަރަށް ޕްރޮޖެކްޓްކުރާއިރު، ޗައިނާއިން ގާތްގަނޑަކަށް 7,000 މިލިއަން ރުފިޔާގެ މުދާ އެތެރެކުރެވޭނެކަމަށް އަންދާޒާކުރެވެއެވެ. މި ބާވަތުގެ އިމްޕޯޓްތަކަށް އާންމުކޮށް ނެގޭ %15 ގެ ޑިއުޓީއަށް ބަލާއިރު، އެފްޓީއޭގެ ސަބަބުން ދައުލަތަށް 1,050 މިލިއަން ރުފިޔާގެ ގެއްލުން 2025 ވަނަ އަހަރު ލިބޭނެކަމަށް ބެލެވެއެވެ. މި އަދަދު އަޅުގަނޑުމެންގެ ކުރީގެ ހިސާބުކުރުމާ ވަރަށް ބޮޑަށް ދިމާވެއެވެ.

ނިންމުން

މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަކީ ވިޔަފާރި ފުޅާކުރުމަށް މުހިންމު ވަސީލަތެއް ނަމަވެސް، ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރުތައް ރަނގަޅަށް ދިރާސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ރާއްޖެފަދަ ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް އިމްޕޯޓް ޑިއުޓީން ލިބޭ ޤައުމުތަކުގައި މިކަމުގެ އަސަރު އިތުރަށް ބޮޑުވާނެއެވެ.

ދިވެހިރާއްޖެއަކީ ކުޑަ ގައުމެކެވެ. ބޮޑެތި ޤައުމުތަކުން އެދޭހާ ކަމެއް ކުރުމުގެ ބަދަލުގައި ސޮފްޓްޕަވަރ ޕޮލިޓިކްސްގެ ޑިޕްލޮމަސީ ކުރިއަށް ނެރެން ޖެހެއެވެ. ޑިޕްލޮމެޓިކަލީ އެމްޑީޕީ ވެރިކަމުގައި ޗައިނާ އާއި ރާއްޖެއާއި އޮތް ގުޅުން މިސަރުކާރާއި ޗައިނާއާއި އޮތް ގުޅުމަށްވުރެ މާ ރަނގަޅެވެ. މި ސަރުކާރާއި އެކު ކުރަން ނިންމާފައިވާ އެއްވެސް ޕްރޮޖެކްޓަކަށް ޗައިނާ ބޭންކުތަކުން ފައިސާ ދޫ ނުކުރަނީ އެ ގައުމުގެ ސަރުކާރުން މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ޚަރަދު ކުރަން ބޭނުން ނުވާތީއެވެ. އެންމެ ކުރުކޮށް ބުނާނަމަ ޗައިނާއިން މުއިއްޒަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެއެވެ.

ޗައިނާގެ މުދަލުން ނަގާ ޑިޔުޓީ ކަނޑާލާފައި އެމްޕީއެލް ފީތައް ބޮޑުކޮށް ދުންފަތުން ނަގާ ޑިޔުޓީ ބޮޑުކޮށްގެން ޚަރަދުތައް ފަރުޖައްސަން މުއިއްޒު ވިސްނި ވިސްނުމަކީ އާންމު ރައްޔިތު މީހާގެ ޖީބު ފަގީރުވެގެން ދިޔަ ކަމެކެވެ. ދުންފަތުގެ ޑިއުޓީން އިތުރުވާ އާމްދަނީއިން ޗައިނާއިން އެތެރެކުރާ މުދަލުން ލިބޭ ގެއްލުން ފޫނުބެއްދޭކަން މިހާރުގެ ތަފާސްހިސާބުތަކުން ވަރަށް ސާފުކޮށް ދައްކުވައިދެއެވެ. އެހެންކަމުން މުއިއްޒުގެ ދުންފަތުގެ ޕޮލިސީއިންވެސް އަދި އެފްޓީއޭއިންވެސް ޤައުމަށް ފައިދާއެއް ނުވާކަން ހިސާބުތަކުން އެއޮތީ ސާފުކޮށް ފެންނާށެވެ.