ޚަބަރު

އާމްދަނީ އިތުރުކުރާނެ އިތުރު ސިޔާސަތެއް އަންނަ އަހަރުގެ ބަޖެޓްގައި ނެތް، މިއީ މިހާތަނަށް ހުށަހެޅި އެންމެ ދޯހަޅި ބަޖެޓް

ދިޔަވަރު
އާމްދަނީ އިތުރުކުރާނެ އިތުރު ސިޔާސަތެއް އަންނަ އަހަރުގެ ބަޖެޓްގައި ނެތް، މިއީ މިހާތަނަށް ހުށަހެޅި އެންމެ ދޯހަޅި ބަޖެޓް

ފާއިތުވި އަހަރުތަކުގައި ޓެކުހާއި ފީގެ ރޭޓުތަކަށް ބަދަލުގެނެސްފައިވާއިރު، އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ 2025 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު ފެނިގެންދާނީ 2026 ވަނަ އަހަރު ކަމުގައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް ހުށަހަޅާފައިނުވަނީ ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ހީނަރުކަމެއް އަޔަ ނުދީ އާރޯކަން ގެނައުމަށްކަމުގައެވެ.

އަދި ޓެކްސް ތަންފީޒުކުރުމާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޓެކުހާބެހޭ ޤާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް މި ބަޖެޓާއެކު ފާސްވެގެންދިޔުމަކީ އާމްދަނީން އޭގެ ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމެއްކަމަށް ޒަމީރު ވިދާޅުވިއެވެ.

ނަމަވެސް ޓެކުހުގެ ޤާނޫނުތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރުތައް ތަންފީޒީ އިދާރާތަކަށް ލިއްބައިދިނުމާއެކު، މިހާރު އެފަރާތްތަކަށް ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް އެކަށޭނަ ހައްލު ހޯދައިދެވުމުން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ. މިގޮތުން، 2026 ވަނަ އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ. ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ބެލެވޭ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ.

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ބަޖެޓް ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއްކަމުގައެވެ.