ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބެއްގެ ވޯޓު ކަރުދާހުގައި ނަން އޮންނާނެ ކަމަށް ވިދާޅުވެ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވިކަން ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސް އަބްދުالله ޔާމީން އިއުލާން ކުރައްވައިފި އެވެ.
ރައީސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާއެކު، ރައީސްކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މުއިއްޒު ދެކެމުންދާ ހުވަފެންތައް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބިލާހަކަށް ވެ ނިމިގެން ދާނެއެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރަނީ، މިސަރުކާރަށް އާ ބަސް ބުނެގެން ތިބި ގިނަ ބައަކީ މިހާރުވެސް ރައީސް ޔާމިނަށް ތާއީދުކުރާ، އަދި މި ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު މީހުންކަމަށް ވާތީއެވެ. އޭގެ ތެރޭގައި ގިނައީ ސިޔާސީ ކޮންމެވެސް މަންފާއަކަށް ނުވަތަ ނުފޫޒެއްގެ ސަބަބުން މި ސަރުކާރަށް އާބަސް ބުނަންޖެހިފައިވާ ބައެކެވެ. އެގޮތުން ރައީސް ޔާމިން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހާލަތެއްގައި ޕީޕީއެމް ޕީއެންސީގެ ފިކުރު ދެބަޔަކަށް ބެހި، މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭވަރަށް ވޯޓު ނުލިބެނެކަމަށް ސިޔާސީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ހަމަ އެއާއެކު ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށް މުއިއްޒުއަށް އޮންނާނެ ހަމަ އެކަނި ގޮތަކީ އެމަނިކުފާނު ޖަލަށްލުމެވެ. އެހެންނަމަވެސް އެ ހާލަތުގައިވެސް މުއިއްޒުއަށް އޮތް ތާއީދު އެތައް ގުނައަކުން ހަނިވެ، މުއިއްޒުއަށް ރައްޔިތުންގެ ވޯޓަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށްވެސް ގިނަބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ. އެފަދަ ހާލަތެއްގައި ދެން އޮންނާނީ ގަދަ ބާރު ޚިދުމުޚްތާރުކޮށް ވެރިކަމުގައި ދެމި ހުރުމަށް ނިންމުމެވެ. އެއީ ދިވަހިރާއްޖެފަދަ ވަސީލަތެއް ނެތް، ބޭރު ދުނިޔެއަށް ބަރޯސާވުން މަޖުބޫ ގައުމަކަށް އޮންނަނެ އެއްވެސް ހައްލެއް ނޫނެނެވެ. އެހެންނަކަމުން ހުރިހާ ގޮތަކުން ބެލި ކަމުގައި ވިނަމަވެސް، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ޔާމިން އިއުލާން ކުރެއްވުމާ ހަމަކައިން، ވެރިކަމުގެ ދެވަނަ ދައުރަކަށް މުއިއްޒު ދެކެމުންދާ ހުވަފެން ބިލާހަކަށްވެ ނިމުނީކަމަށް ގަބޫކުރަން މިއަދު މިވަނީ މަޖުބޫރު ވެފައެވެ.
މިއަދު ގިނަ ބަޔަލު ގަބޫލުކުރާ ގޮތުގައި މުއިއްޒު ހުންނެވީ އޭނާގެ އަމިއްލަ އަތުން އަމިއްލަ ކަށްވަޅު ކޮންނަވައިގެންނެވެ. އޭ ހަގީގަތަކީ، ރައީސް ޔާމިން ވާދަކުރާ ރިޔާސީ އިންތިޚާބެއްގައި ރިޔާސީ އިންތިޚާބު ކަމިޔާބު ކުރެވޭނެ އެއްވެސް ފޯމިއުލާއެއް މުއިއްޒުއަށް ފެންނާން ނެތުމެވެ. ރައީސް ޔާމިން ވާދަކުރައްވައިފި ނަމަ އެމަނިކުފާނު، އެމަނިކުފާނުގެ ވާދަ ނުކުރާ އިންތިޚާބެއްގައި މުއިއްޒުއަށް ވޯޓުލާނެ އެތައް ބައެއްގެ ވޯޓު ހޯއްދަވާނެއެވެ. އަދި އެ ހާލަތު އަޔަ ނުދިނުމަށް ރައީސް ޔާމިން ޖަލަށް ލައްވައިފިނަމަ އެކަމުގެ ރުޅިވެރި ކަމުގައި މުއިއްޒުއަށް އެތައް ބައެއްގެ ވޯޓު ގެއްލިގެން ދާނެއެވެ.
އެހެންކަމުން މިއަދުގެ އެންމެ ބޮޑު ހަގީގަތަކީ، މުއިއްޒުއަށް ރައީސް ޔާމިން ޖަލަށް ލެވޭކަށް ނެތްތާގައި، އެމަނިކުފާނު ޖަލަށް ނުލާ ވާކަށްވެސް ނެތްކަމެވެ. މުއިއްޒުއަށް އެ މާ ބިނދެވޭކަށް ނެތެވެ. ނުބިނދެ ވާކަށްވެސް ނެތެވެ. މުއިއްޒުއަކީ ވިސްނުމެއް ފިކުރެއް ނެތް، ސިޔާސީ ދުރު ވިސްނުމެއް ނެތް ކަނޑުކޮހެއްކަމީ ރާއްޖޭގެ ސިޔާސީ މަސްރަހުން މިއަދު ފެންނާން އޮތް އެންމެ ބޮޑު ހަގީގަތެވެ.