ޚަބަރު

ރިޔާސީ ހުވާކުރުމުގެ ތަގުރީރުގައި ފަލަސްތީނުގެ ވާހަކަ ނުދެއްކީ ކީއްވެ؟

ދިޔަވަރު
ރިޔާސީ ހުވާކުރުމުގެ ތަގުރީރުގައި ފަލަސްތީނުގެ ވާހަކަ ނުދެއްކީ ކީއްވެ؟

މިއަދުގެ ހުވާ ކުރުމުގެ ހަފްލާއަކީ 46 ގައުމެއްގެ އިއްޒަތްތެރިން ވަޑައިގެންނެވި ހަފުލާއެކެވެ. ދިވެހި ޤައުމުގެ ވިންދު ބައިނަލްއަޤަވާމީ ދުނިޔޭގައި ހާމަކުރުމަށާއި، ފަލަސްތީނާއި ދެކޮޅަށް އިޒްރޭލު ޒަޔަނިސްޓުން ހިންގާ ގަތުލު އާންމު ކުށްވެރި ކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލަން މިއަށް ވުރެ ފަހި ފުރުޞަތެއް ރާއްޖޭގެ ފަސްގަނޑުގައި ދެން ލިބޭނެ ދުވަހެއް ކުރިއަށް އޮތް 5 އަހަރު ތެރޭ ވެސް ނާންނާނެއެވެ.

މިފަދަ ފުރުޞަތެއްގެ ބޭނުން މުއިއްޒު ނުހިއްޕެވީ ހަމަ އެންމެ ސަބަބަކާއި ހުރެއެވެ. އެއީ މުއިއްޒުގެ ސަރުކާރަށް އެކަން އެއްވެސް ވަރަކަށް މުހިންމު ނުވީމައެވެ. އިސްލާމީ އުންމަތަށް ދިމާވެފައިވާ އެންމެ ބޮޑު މުސީބާތާއި މެދު ބަހެއް ބުނެ ނުލީ އެހެންވެއެވެ.

ބައްޓަން ކުރަމުން ދަނީ ގަޓުހުރި ފޮރިންގ ޕޮލިސީއެއް ކަމާށާއި، Maldives First ކަމަށް ބުނެ މޮޅު ވާހަކަ ދެއްކިޔަސް، މިއަދު ފަލަސްތީނުގެ ދިފާޢުގައި ބަހެއް ބުނެ ނުލުމުން ސާފުވެގެން މިދިޔައީ އިންޑިޔާ ފިޔަވާ އެހެން ބަޔަކާއި ދިމާލަށް އެއްމިޔަކަނުން ބަލާލާނެ ފެންވަރުވެސް މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ނެތްކަމެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ލީޑަރެއްގެ ގޮތުގައި މިއަދު ހުވާ ކުރެއްވި ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފަލަސްތީނުގެ ވާހަކަ ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އިސްލާމީ އުންމަތުގެ ގައުމަކާ ހަވާލުވެ، ތިން ބަހުން މުޅި ދުނިޔެއާ މުހާތަބުކޮށް ދެއްވި މި ތަގުރީރުގައި އެ ވާހަކަ ހިމަނާލެއްވި ނަމަ އެކަން ވެގެންދިޔައީހީ ދެވިގެންދާނެ ވަރުގަދަ މެސެޖަކަށެވެ.

އިސްލާމީ އުއްމަތުގެ ހައްޤުގައި ބަހެއް ބުނަން ނުކެރޭ ބަޔަކަށް، ޤައުމުގެ މިނިވަން ކަމުގެ ދިފާޢުގައި ތެދުވެ ކުރެވޭނެ މާ ބޮޑު މަސައްކަތެއް ނޯންނާނެވެ. ޤައުމަށް ވުރެ ކުރިން އަންނަނީ ދީނާއި، އުއްމަތެވެ.