ދައުލަތުގެ މާލިއްޔަތުގައި ފައިސާ ނެތިގެން، ބޭންކް އޮފް މޯލްޑިވްސްގައި ހުރި ރައްޔިތުންގެ ޑިޕޮޒިޓަރީން ފައިސާ ނެގުމަށްފަހު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް މުއިއްޒު ބަހާލާފައިވަނީ އެކަމަށް ބޭންކު އޮފް މޯލްޑިވްސްއިން އެއްބާރުލުން ދިނުމާއި ގުޅިގެންނެވެ. މުއިއްޒުގެ ސިޔާސީ އެޖެންޑާ ހާސިލްކޮށްދިނުމަށް، ބޭންކު ޑިޕޮޒިޓަރީގައި ހުރި ފައިސާތައް ލޯނުގެ ގޮތުގައި ޕްރޮޖެކްޓްތަކަށް ދޫކުރުމަށް ބޭންކުން ނިންމާފައިވަނީ އެ ބޭންކުގެ ބޯޑުގެ އެއްވެސް ރުހުމެއް ހޯދުމަކާ ނުލައެވެ. އަދި މިއީ ބޭންކުގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ޝަރީފް އެކަމަށް ހުއްދަ ދީގެން ހިންގާފައިވާ ބޮޑު މުއާމަލާތެއްކަން މިހާރުވަނީ އެނގި ކަށަވަރު ވެފައެވެ. އެހެންނަމަވެސް މިއީ އެއްވެސް އުސޫލަކުން، ބޭންކު ސީއީއޯއަށް ލިބިގެންވާ ބާރެއް ނޫނެވެ. އާންމު އެތައް ރައްޔިތުންނެއްގެ ހިއްސާވެސް އޮތް ބޭންކުގައި ރައްޔިތުންގެ ފައިސާ ބޭންކުގެ ސީއީއޯއަށް މިއުސޫލުން ސިޔާސީ ބޭނުމަށް ބަހާލި ބަހާލުމަކީ ބޭންކުގެ ސީއީއޯގެ މަގާމުގައި ހުރި މުހައްމަދު ޝަރީފް ހިންގާފައިވާ ވަރަށްވެސް ބޮޑު ޚިޔާނާތެކެވެ. ބޮޑު ޖަރީމާއެކެވެ.
ހަމަ އެއާއެކު ފާހަގަ ކޮށްލާންޖެހޭ އަނެއް ނުކުތާއަކީ ޝަރީފަކީ ބޭންކު އިސް މަގާމެއްގައި ހުރި، މީގެކުރިންވެސް މިފަދަ ޖަރީމާތަކުގައި ޝާމިލްވެފައިވާ ފަރާތެއް ކަމެވެ. ރާއްޖޭގައި މިހާތަނަށް ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު ޖަރީމާކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތައް ބޭންކުގެ އިސް މަގާމެއްގައި ހުރެ މަގުފަހުކޮށްދިން ކަމުގެ ތުހުމަތުގައި ޝަރީފަކީ ވަޒީފާއިން ވަކޮށްފައިވާ ފާރާތެއްވެސް މެއެވެ. އެހެންނަަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގެން އޭނާ ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ ބޭންކުގެ ސީއީއޯގެ މަގާމުގައި އޭރުހުރި ކާލް ސްޓުމަކަށް މުއިއްޒު ބިރު ދައްކައިގެން އޭނާއަށް އިސްތިއުފާ ދޭން މަޖުބޫރު ކުރުވައިގެންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯކަމަށް މުއިއްޒު ޝަރީފް އައްޔަންކުރި ހަގީގީ ސަބަބު އޭނާ މަގާމަށް އައްޔަންކުރިތާ އަހަރެއްހާ ދުވަސް ފަހުން މިއަދު މިދަނީ މާ ސާފުކޮށް ފާޅުވަމުންނެވެ. މުއިއްޒު ހިންގާ ސިޔާސީ ހުރިހާ ޖަރީމާއަކަށް ޝަރީފް ގެންދަނީ އާބަސް ބުނަމުންނެވެ. މުއިއްޒު ދިވެހީންގެ ބޭންކު ލޫޓުވާލުމުން ދަނީ ޝަރީފުގެ ފުރިހަމަ އެއްބާރުލުމާ އެކުއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މަސްލަހަތުގަ، އާންމުކޮށް އިއުލާން ކުރުމަކާ ނުލާ 200 ޕްރޮޖެކްޓް ކުންފުނިތަކާ ހަވާލުކުރީ ބީއެމްއެލްއިން މުއިއްޒުގެ އަމުރަށް ލޯން ދޫކުރާ ގޮތަށްކަމަށް ”ދިޔަވަރު އޮންލައިން“އަށް ވަނީ ކަށަވަރު ވެފައެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން ބީއެލްގެ އިސް އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓްތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް ބީއެމްއެލްއިން ފައިސާ ހަމަޖައްސާފައިވަނީ މުއިއްޒު އަންގަވައިގެން އެ ބޭންކުގެ ބޯޑުގެ ރުހުމާވެސް ނުލާ ކަމުގައެވެ. އަދި ކުންފުނިތަކަށް ފައިސާ ދޫކުރުމަށްފަހު މިފައިސާއިން ޚަރަދު ކޮށްގެން ޕްރޮޖެކްޓްތައް ހިންގާއިރު، ބޭންކު ލޯނަށް ޒިންމާވަނީވެސް ދިވެހި ސަރުކާރުން ކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވިއެވެ.
މިއީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެއް ނޫންކަން ހާމަ ކުރައްވަމުން ބޭންކުގެ އޮފިޝަލް ވިދާޅުވީ ބޭންކުގެ އުސޫލަކީ ބޭންކުން ލޯން ދޫކުރާ ފަރާތުން ލޯނަށް ޒިންމާ ވުން ކަމަށާއި، އާންމު ފަރާތަކަށް ލޯނު ދޫކުރުމަށްފަހު އެލޯނަށް ސަރުކާރުން ޒިންމާވާ އެންމެ ޒަރޫރީ ހާލަތުގައިވެސް ސަރުކާރުން ވާން ޖެހޭނީ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައި ހުންނަ ލޯނުތަކަށް ކަމަށެވެ.
އެހެންނަމަވެސް 200 ޕްރޮޖެކްޓް އާންމުކޮށް އިއުލާން ކުރުމަކާ ނުލާ ސަރުކާރުން ބޭނުންވާ ކުންފުނިތަކާ ހަވާލުކުރިއިރު އެފަރާތްތަކަށް ދޫކުރާ ލޯންތަކަށް އެފަރާތްތަކުން ޒިންމާ ވާން ނުޖެހޭކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބޭންކުން އަމިއްލަ ފަރާތްތަކަށް ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ލޯނު ސަރުކާރުން ބޭންކަށް ދައްކަންޖެހޭ ގޮތަކަށް ކަމަށް ފާހަގަ ކުރައްވަމުން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ބޭންކުގެ އޮފިޝަލް ވިދާޅުވީ މިފައިސާ ބީއެމްއެލްއަށް ލިބުމަކީ ވަރަށް ދުރު ކަމެއް ކަމުގައެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޮފިޝަލް ވިދާޅުވީ ސަރުކާރުގެ ބަޖެޓުގައި ފައިސާ ނެތުމުން، މިހާރުވެސް ސަރުކާރަށް އާންމު ވިޔަފާރިތަކަށް ފައިސާ ދޫނުކުރެވި ވާތީ އެބީދައިން ބޭންކަަށް ސަރުކާރުން މި ފައިސާ ދައްކާން ޖެހިއްޖެ ނަމަ އެފައިސާ އެތައް އަހަރެއް ވަންދެން ބޭންކަށް ނުލިބުމުގެ ފުރުސަތު ވަރަށްވެސް ބޮޑު ކަމުގައެވެ. އޭނާ ވިދާޅުވީ ބޭންކުގެ ބޯޑުގެ ރުހުން ނެތި މިފަދަ މުއާމަލާތެއް ކޮށްފައި މިވަނީ މި މުއާމަލާތަށް ބޭންކު ބޯޑުގެ ރުހުން ލިބޭނެ ގޮތެއް ނޯންނާނެތީ ކަމުގައެވެ. އޭގެ ސަބަބަކީ ބޯޑުގެ މެމްބަރުން ސަރުކާރަށް ތާއީދު ކުރި ނަމަވެސް، ބޭންކުގެ އުސޫލާ ޚިލާފަށް މާލީ މިފަދަ މުއާމަލާތަކަށް ރުހުން ދިނުން އެއީ ކުރެވޭނެ ކަމަކަށް ނުވުމެވެ.
އެހެންކަމުން މުއިއްޒުއަށް ވާގިވެރިވާ މެމްބަރުންގެ ކުންފުނިތަކަށް ބީއެމްއެލްގެ ޑިޕްސޮޓަރީން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދު މިކުރަނީ މުއިއްޒުގެ ސިޔާސީ މަންފާ ހާސިލް ކުރުމަށް ދައުލަތުގެ ބޭންކު ގުރުބާން ކޮށްގެންނެވެ. އަދި މި ޖަރީމާގެ ފަހަތުގައި ހުރި އެންމެ އިސް ފަރާތަކީ ބޭންކުގެ މިހާރު ސީއީއޯ ޝަރީފްކަން މިއީ ސާފުކޮށް އެގެން އޮތް އެންމެ ބޮޑު ހަގީގަތަކެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއުސޫލުން ގައުމީ ބޭންކު ގުރުބާން ކޮށްލުމުގެ އެއްވެސް ހައްގެއް ޝަރީފަކަށް ނޯންނާނެއެވެ. އޭނާގެ މައްޗަށް މި ޖަރީމާތަކުގެ ތަހުގީގު ހިންގާ އިންސާފު އޭނާއާއި އަރާ ހަމަކުރާން ޖެހެއެވެ. މިއަދު ނޫނީ މާދަމާއެވެ. އިންސާފުގެ ދިގުއަތް ޝަރީފްއާ މިއަދު ނޫނީ މާދަމާ، ނުވަތަ ކޮންމެވެސް ސަމާނެއްގައި އަރާ ހަމަ ކުރާނެކަން އޭނާ ދަންނާން ޖެހެއެވެ.