ޚަބަރު

ވެރިކަމަށް 2 އަހަރު ވީއިރު، މެގަ އެއްވެސް ޕްރޮޖެކްޓެއްގެ ތަސައްވުރެއްވެސް ދެއްކިފައި ނުވާ މުއިއްޒުއަށް ޖެހިފައިވަނީ ރައީސް ސާލިހުގެ މެގަ ޕްރޮޖެކްޓްތަކުގެ ރިބަން ކަނޑުއްވާ، ކޮންމެ މަޝްރޫއެއްގެ %70 ނިންމީ ތިމަންނާ ކަމަށް ބުނެ މުތުލަގަށް ދޮގު ހަދަން

ދިޔަވަރު
ވެރިކަމަށް 2 އަހަރު ވީއިރު، މެގަ އެއްވެސް ޕްރޮޖެކްޓެއްގެ ތަސައްވުރެއްވެސް ދެއްކިފައި ނުވާ މުއިއްޒުއަށް ޖެހިފައިވަނީ ރައީސް ސާލިހުގެ މެގަ ޕްރޮޖެކްޓްތަކުގެ ރިބަން ކަނޑުއްވާ، ކޮންމެ މަޝްރޫއެއްގެ %70 ނިންމީ ތިމަންނާ ކަމަށް ބުނެ މުތުލަގަށް ދޮގު ހަދަން

ރޭ ހުޅުވިގެންދިޔަ ހަނިމާދޫ އެއަރޕޯޓުގެ %70 ނިންމީ ތިމަންނާކަމަށް ބުނެ މުއިއްޒު ދޮގު ހައްދަވައިފިއެވެ. ހަނިމާދޫ އިންޓްރނޭޝަނަލް އެއަރޕޯޓު ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވީއިރު ހަނިމާދޫ އެއްރޕޯޓުގެ ނިމިފައިވަނީ %30 ކަމުގައެވެ. އަދި މުއިއްޒު ވިދާޅުވީ އެ އެއަރޕޯޓުގެ %70 ނިންމީ މިސަރުކާރުން ކަމުގައެވެ.

މުއިއްޒު މިހެން ވިދާޅުވިއިރު މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓު ހަނިމާދޫ އެއާޕޯޓަށް ޖެއްސޭ ފެންވަރަށް އެ އެއަރޕޓޫ ތަރައްގީ ކޮށްފައިވަނީ ރައީސް ސާލިހުގެ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން 2023 ޖެނުއަރީ 18 ގައި ބިންގާ އަޅައިގެންނެވެ. މި މަޝްރޫއުގެ ދަށުން 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެއް އަލަށް ގާއިމުކޮށް، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ވަނީ އިމާރާތް ކޮށްފައެވެ.

އެއާޕޯޓް ތަރައްގީވުމުން އެއާބަސް އޭ320 އާއި ބޯއިން 737 ފަދަ އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ ބޮޑެތި ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެއެވެ.

މި މަޝްރޫއުގެ %70 ނިންމީ މިސަރުކާރުންކަމަށް ވިދާޅުވެ މުއިއްޒު ދޮގު ހެއްދެވިއިރު، ރައީސް ސާލިހިގެ ވެރިކަން ބަދަލުވީއިރު މަޝްރޫޢުގެ %70 ވަނީ ނިންމާފައެވެ. ސަރުކާރު ބަދަލުވީއިރު އެއަރޕޯޓުގެ މައި ޓާމިނަލް ނިމުމަކާ ހަމައަށް އައިސްފައިވާއިރު ރަންވޭގެ މަސައްކަތުގެ ބޮޑުބައިވެސް ވަނީ ނިމިފައެވެ. ވެރިކަން ބަދަލު ނުވިނަމަ ރައީސް ސާލިހުގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރު މި މަޝްރޫޢު ނިންމުމަށް ވަނީ ހަމަޖައްސާފައެވެ.

މުއިއްޒު ފާހަގަ ކުރެވިފައިވަނީ އަމިއްލަފުޅު ވެރިކަމުގައި މިހާތަނަށް މެގަ އެއްވެސް ޕްރޮޖެކްޓެއްގެ ބިންގާ އަޅާފައި ނުވާ ރައީސެއްގެ ގޮތުގައެވެ. އޭގެ ބަދަލުގައި އިއުލާން ކުރުމަކާ ނުލާ މުއިއްޒު ވަނީ ބޭނުންވާ ކުންފުނިތަކަށް ކުދި ކުދި ޕްރޮޖެކްޓްތައް ހިންގުމަށް ބޭންކު އޮފް މޯލްޑިވްސްއިން 2.7 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައެވެ. ބާކީ ހުރި ޕްރިޖެކްޓްތައް މުއިއްޒު އެވާޑްކުރަމުން ދަނީ ހިންގުމުގެ ކެޕޭސިޓީ ނެތް ދައުލަތުގެ ކުންފުނިތަކަށެވެ.

ތަސައްވުރެއް އަމާޒެއް ނެތް މުއިއްޒު މިހާތަނަށް ކުރެއްވިހާވެސް ކަމަކީ ރައީސް ސާލިހު ހިންގެވި އުމްރާނީ ތަރައްގީގެ ކޮންމެ މަޝްރޫޢެއްގެ ރިބަން ކަނޑުއްވާލެއްވުމަށް މިމަޝްރޫޢުގެ ބޮޑުބައި ނިންމީ އަޅުގަޑޭ ވިދާޅުވެ މަސައްކަތްތަކުގެ ކްރެޑިން ނެންގެވުމަށް މަސައްކަތް ކުރެއްވުމެވެ.