ޚަބަރު

ބީއެމްއެލްއިން ބުނަނީ ލޯނު ދޫކުރާނީ ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށް: އަދުރޭގެ އަންހެނުންގެ ކުންފުންޏަކީ އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ދުވަހަކުވެސް ކުރި ކުންފުންޏެއް ނޫން، އެ ކުންފުންޏަށް 139 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނީ ކިހިނެއް!

ދިޔަވަރު
ބީއެމްއެލްއިން ބުނަނީ ލޯނު ދޫކުރާނީ ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށް: އަދުރޭގެ އަންހެނުންގެ ކުންފުންޏަކީ އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ދުވަހަކުވެސް ކުރި ކުންފުންޏެއް ނޫން، އެ ކުންފުންޏަށް 139 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނީ ކިހިނެއް!

ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހަވާލުކުރީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުاللهގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުންޏަށެވެ.

206 މަޝްރޫއު އަމިއްލަ ކުންފުނިތަކާއި ހަވާލުކުރިކަމަށް ބުނެ ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ބުރާސްފަތި ދުވަހު ހަވާލުކުރީ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ވައިޓް ލިންކްސްއާ ހަވާލުކުރީ 139،295،700, (13.3) މިލިއަން ރުފިޔާއަށެވެ.

ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ މައުލޫމާތު ފެންނަން ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުގައި ވައިޓް ލިންކްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުއްރަހީމްގެ ދަރިކަނބަލުން، ފާތިމަތު ސޮބާހާ އެވެ. އަނބިކަނބަލުން ދިޔާނާ ހުސެއިން އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.

ފޮނަދޫގައި ހުންނަ އަބްދުއްރަހީމްގެ ގެކޮޅު، އަރާއިރުގައި ހިންގާ އަރާފާ ޓްރޭޑާސް އާއި އަރާފާ ހާޑްވެއާ އަކީ ވައިޓް ލިންކްސް ކުންފުނީގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ނަންތަކެވެ. އޭގެއިތުރުން ވެސް އެ ކުންފުނީގެ ދަށުން ފްރެޝް މާޓް، ވައިޓް ވިންޑް، ޓީ ޕޯޓް، ކެފޭ އިޒޯލާ އަދި އަރާފާ މާޓް ވެސް ރެޖިސްޓްރީ ކޮށްފައިވެ އެވެ.

ހައުސިންގ ޔުނިޓުތަކެއް އަޅަން ވައިޓް ލިންކްސް އާއި ހަވާލުކުރިއިރު އެ ކުންފުންޏަކީ މީގެކުރިން މިފަދަ އެއްވެސް މަސައްކަތެއްގެ ތަޖުރިބާ ހުރި ކުންފުންޏެއް ނޫންކަން ފާހަގަކޮށްލެވެއެވެ. އޭގެ ބަދަލުގައި އެ ކުންފުނިން މީގެ ކުރިން ކޮށްފައި ވަނީ ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ހޯލްސޭލް ކުރުމާއި ހާޑްވެއާ އަދި ކާބޯތަކެތި ރީޓެއިލް ކުރުމާއި ބައެއްކަހަލަ މެޝިނަރީޒް ކުއްޔަށް ދިނުމުގެ މަސައްކަތެވެ.

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން އަމިއްލަ ފަރާތްތަކަށްކަމަށް ބުނެ ހަވާލުކުރި 206 މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުންފުނިތަކަށެވެ.

ޖުމްލަ 206 މަޝްރޫއު އެކި ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިތައް ކުރިއަރައިގެންދާނެ ކަމަށެވެ. ނަމަވެސް ކުރިއަރައިގެން މިދަނީ ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ވިޔަފާރިތަކެވެ.

އެހެންނަމަވެސް އިއުލާން ނުކޮށް މުއިއްޒު ބަހާލި މަޝްރޫއުތަކަށް ލޯނު ދޭނީ އުސޫލުންކަމަށް ވިދާޅުވެ ބީއެމްއެލްއިން ވަނި ދޮގު ބަޔާނެއް ނެރެފައެވެ. މުއިއްޒު ބޭނުންވާ ކުންފުނިތަކަށް ބީއެމްއެލްއިން ލޯނު ލިބޭގޮތަށް ހަމަޖައްސާ، އިއުލާން ކުރުމަކާ ނުލާ 200 ޕްރޮޖެކްޓް ހަވާލު ކުރުމާއި ގުޅިގެން އަމާޒުވި ފާޑު ކިއުންތަކާއި ގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ބޭންކުން އެކުންފުނިތަކަށް ލޯނު ދޫކުރާނީ ހަމަޖެހިފައިވާ އުސޫލުން ކަމުގައެވެ. އެހެންނަމަވެސް މި ކުންފުނިތަކަށް ޕްރޮޖެކްޓްތައް އެވާޑް ކުރަމުން މުއިއްޒު ވިދާޅުވެފައިވަނީ މިމަޝްރޫއުތަކަށް ލޯނު ލިބޭނެކަމުގެ ޔަގީންކަން ދޭ ކަމުގައެވެ. އެހެންނަމަވެސް ޕްރޮޖެކްޓްތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި އުވާލުމުގެ މަރުހަލާގައިވާ ކުންފުނިތަކާއި، ރަޖިސްޓްރީވެސް ނުކުރާ ކުންފުނިތަކާއި އަދި އޭގެ އިތުރުން އެވާޑް ކުރި ޒާތުގެ އެއްވެސް މަސައްކަތެއް ނުކުރާ ކުންުފުނިތައްވެސް ހިމެނެއެވެ.

އުސޫލުގެ ތެރެއިންވެސް އަދި އެނޫން ގޮތަކުންވެސް މިއިން އެއްވެސް ކުންފުންޏަކަށް ބޭންކުންވެސް އެހެން އެއްވެސް ތާކުންވެސް ލޯނެއް ލިބޭނެ އެއްވެސް ހަމައެއް ނޯންނާނެއެވެ. އެހެންނަމަވެސް މުއިއްޒު ވިދާޅުވެފައިވަނީ މު ހުރިހާ ކުންފުނިތަކަށްވެސް 21 ދުވަހުގެ ތެރޭގައި ލޯނު ހަމަޖެހޭނެ ކަމަށާއި، އެކުންފުނިތަކުން 21 ދުވަހުގެ ތެރޭގައި މަަސައްކަތް ފަށާނެކަމަށެވެ.

200 ޕްރޮޖެކްޓް އާންމުކޮށް އިއުލާން ކުރުމަކާ ނުލާ މުއިއްޒު ބޭނުންވާ ކުންފުނިތަކާ ހަވާލުކުރިއިރު އެފަރާތްތަކަށް ދޫކުރާ ލޯންތަކަށް އެފަރާތްތަކުން ޒިންމާ ވާކަށްވެސް ނުޖެއެވެ. އޭގެ ބަދަލުގައި ބޭންކުން މި ފަރާތްތަކަށް ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ލޯނު ސަރުކާރުން ބޭންކަށް ދައްކަންޖެހޭ ގޮތަކަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ މިފައިސާ ބީއެމްއެލްއަށް އަވަސް މުސްތަގުބަލެއްގައި ލިބުމަކީ ނާދިރު ކަމަކަށް ވެގެން ދިއުމެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ ބަޖެޓުގައި ފައިސާ ނެތުމެވެ. މިހާރުވެސް ސަރުކާރަށްވަނީ އާންމު ވިޔަފާރިތަކަށް ދައްކާންޖެހޭ އެތައް ބިލިއަން ރުފިޔާގެ ފައިސާ ދޫނުކުރެވިއެވެ. އެބީދައިން ބޭންކަަށް ސަރުކާރުން މި ފައިސާ ދައްކާން ޖެހިއްޖެ ނަމަ އެފައިސާ އެތައް އަހަރެއް ވަންދެން ބޭންކަށް ނުލިބުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. ބޭންކުގެ ބޯޑުގެ ރުހުން ނެތި މިފަދަ މުއާމަލާތެއް ކޮށްފައި މިވަނީ ބޭންކުގެ ބޯޑުގެ ރުހުންވެސް ނެތިއެވެ.

އެހެންކަމުން މުއިއްޒުއަށް ވާގިވެރިވާ މެމްބަރުންގެ ކުންފުނިތަކަށް ބީއެމްއެލްގެ ޑިޕްސޮޓަރީން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދު މިކުރަނީ މުއިއްޒުގެ ސިޔާސީ މަންފާ ހާސިލް ކުރުމަށް ދައުލަތުގެ ބޭންކު ގުރުބާން ކޮށްގެންނެވެ. އަދި މި ޖަރީމާގެ ފަހަތުގައި ހުރި އެންމެ އިސް ފަރާތަކީ ބޭންކުގެ މިހާރު ސީއީއޯ ޝަރީފްކަން މިއީ ސާފުކޮށް އެގެން އޮތް އެންމެ ބޮޑު ހަގީގަތަކެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއުސޫލުން ގައުމީ ބޭންކު ގުރުބާން ކޮށްލުމުގެ އެއްވެސް ހައްގެއް ޝަރީފަކަށް ނޯންނާނެއެވެ. އޭނާގެ މައްޗަށް މި ޖަރީމާތަކުގެ ތަހުގީގު ހިންގާ އިންސާފު އޭނާއާއި އަރާ ހަމަކުރާން ޖެހެއެވެ. މިއަދު ނޫނީ މާދަމާއެވެ. އިންސާފުގެ ދިގުއަތް ޝަރީފްއާ މިއަދު ނޫނީ މާދަމާ، ނުވަތަ ކޮންމެވެސް ސަމާނެއްގައި އަރާ ހަމަ ކުރާނެކަން އޭނާ ދަންނާން ޖެހެއެވެ.