ރާއްޖޭގެ ގާނޫނު އަސާސީގައި ފަސްޓް ލޭޑިއަކީ ރަސްމީ އެއްވެސް ހައިސިއްޔަތެއް ލިބިގެންވާ މީހެއް ނޫނެވެ. އެހެނެއްކަމަކު، ފަސްޓް ލޭޑިއަކީވެސް ދައުލަތުން ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ ފަރާތެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ. އެއީ އެވަގުތަކު ހުންނަވާ ރައީސެއްގެ އާއިލާއަށް ހިމާޔަތާއި އިނާޔަތާއި ރައްކަތެރިކަން ފޯރުކޮށް ދިނުމަކީ ގާނޫނު އަސާސީން ލާޒިމްކޮށްފައި އޮންނަ ކަމަކަށް ވާތީއެވެ.
އެހެންނަމަވެސް އޭގެ އިތުރަށް ރައީސުލްޖުމުހޫރިއްޔާއަކު މަގާމްގައި ހުންނައިރު އެމަނިކުފާނުގެ އަނބިކަނބަލުން ރަސްމީ ގޮތުން އަދާކުރާންޖެހޭ އެއްވެސް މަސްއޫލިއްޔަތެއްގެ ވާހަކަ ގާނޫނު އަސާސީގަވެސް އަދި ގާނޫނެއްގަވެސް ބަޔާން ކޮށްފައެއް ނެތެވެ. ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ގާނޫނު އަސާސީ ފަރުމާކުރިއިރު އެގާނޫނު އަސާސީން ރާއްޖޭގެ ފަސްޓު ލޭޑީއަށް އެކްޒެކެޓިވް ދައުރެއް ދޭން ބޭނުން ނުވީއެވެ. ވެރިކަމުގެ އޮނިގަޑުގެ ތެރޭގައި ފަސްޓް ލޭޑީގެ ދައުރު އޮންނާން ޖެހޭނެކަމަށް ގާނޫނު އަސާސީ ފަރުމާކޮށް އެގާނޫނު އަސާސީއަށް ރައްޔިތުންގެ ޚިޔާލު ހޯދުމުންވެސް ގަބޫލު ކުރެވިފައި ނެތުމުންނެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެވޭ އެއްވެސް ރައީސެއްގެ އަނބިކަބަލުންނަކީ ފިރިމީހާ ރައީސްކަމުގައި ހުންނެވިއެއްކަމަކު އިދާރީގޮތުން ގައުމު ހިންގުމުގައި އެއްވެސް ދަައުރެއް އަދާކުރާންޖެހޭ ފަރާތެއް ނޫނެނެވެ. އެއީ ރައީސަށް އެހީތެރިވެދިނުމުގެ ގޮތުންކަމުގައި ވިޔަސްވެސްމެއެވެ. އަދި އެއީ ޖަލްސާތަކާއި ހަފްލާތައް ޝަރަފްވެރިކޮށްދިނުން ކަމުގައި ވިޔަސްވެސްމެއެވެ. އެއީ ދިވެހިރާއްޖޭގެ ފަސްޓް ލޭޑީއަށް އޮތް ހައިސިއްޔަތެއް ނޫނެނެވެ.
އޭގެ ބަދަލުގައި ގައުމުގެ ނައިބު ރައީސަކީ އޭރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެތައް ޒިންމާއެއް ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައިވާ ފަރާތެކެވެ. އަދި ވަކީން ޚާއްސަކޮށް، ރައީސުލްޖުމުހޫރިއްޔާ ގައުމުގެ ނެތް ހާލަތުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ދައުލަތް ހިންގުމުގެ އެތައް ޒިންމާއެއް އޭރަކު ހުންނަވާ ނައިބު ރައީސަކާއި ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައި ވެއެވެ. އެއީ ޖަލްސާތައް ޝަރަފްވެރި ކުރުމުގައި ދައުލަތް ތަމްސީލުކުރުން ކަމުގައި ވިނަމަވެސް، ރާއްޖެއިން ބޭރުގައި ގައުމުތަމްސީލު ކުރުން ކަމުގައިވި ނަމަވެސް ގައުމުގެ ނައިބު ރައީސްގެ ދައުރަކީ ވަރަށްވެސް މުހިންމު ދައުރެކެވެ.
އެގޮތުން ބަލާއިރު، ރާއްޖޭގައި މީގެ ކުރިން ފަސްޓް ލޭޑިކަން ކުރެއްވި ބޭބޭކަނބަލުންނަކީ މި ހުދޫދުގެ ތެރޭގައި ވަރަށް ފުރިހަމަަޔަށް އެދައުރު އަދާކުރެއްވި ފަރާތްތައް ކަމަށް ދަންނަވާން ޖެހެއެވެ. ރައީސް ނަޝީދުގެ ދައުރުން ފެށިގެން ރައީސް ވަހީދުއާއި ރައީސް ޔާމިން އަދި ކީއްކުރަންތޯއެވެ. ރައީސް ސާލިހުގެ އަނބިކަބަލުންވެސް، ގައުމުގެ ނައިބު ރައީސަކަށްވެގެން، ހައިސިއްޔަތު އޮޅިވަޑައިގެން އުޅުއްވާފައެއް ނުވެއެވެ. ނައިބު ރައީސަށް އެއްވެސް ފުރުސަތެއް ނުދީ، ޖަލްސާއެއްވިޔަސް، ހަފްލާއެއްވިޔަސް، ރައީސް ނެތްކަމުގައި ވާނަމަށް ހުރިހާ ޖާގައެއް ފުރުއްވުމަށް އެބޭބޭފުޅުން އަނބިން ފަސްޓް ލޭޑީންގެ ހައިސިއްޔަތުން އުޅުއްވާފައެއް ނުވެއެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުގެ އަނބިކަބަލުން، މިހާރުގެ ފަސްޓް ލޭޑި ސާޖިދާއަށް ވެގެން މިއުޅުއްވަނީ ކިހިނެއްތޯއެވެ. މިހާރުގެ ނައިބު ރައީސް ބާކީކޮށް، ކުޑަމިނުން ޖަލްސާއެއް ޝަރަފްވެރި ކޮށްދިނުމަށްވެސް ނައިބު ރައީސް ސެމްބެއް ފުރުސަތެއް ނުދެއްވައެވެ. އެއީ ފުޓްސަލް ދަނޑެއް ހުޅުވުން ކަމުގައިވި ނަމަވެސް، ވޮލީ މުބާރާތެއްގެ ނިމުން ފާހަގަކުރުން ކަމުގައިވިނަމަވެސް، އެތަނަކަށް ސާޖިދާ އެބަ ވަޑައިގަންނަވައެވެ.
ފިރިމީހާއަށް ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވުނެއްކަމަކު ގައުމުގެ ނައިބު ރައީސަކަށް ވެގެން އުޅުއްވުމުގެ ހައިސިއްޔަތު ސާޖިދާއަށް ދިނީ ކާކުތޯއެވެ. އެއީ ޚުދު ރައީސް މުއިއްޒުއަށްވެސް ސާދިޖާއަށް ދެއްވޭނެ ފުރުސަތެއް ނޫނެވެ. މުޅި ދައުލަތުގެ ތެރެއަށް އަތް ބޭނުއްވުމުގެ ފުރުސަތު ސާޖިދާއަށް ލިބިދިނީ ކޮން ގާނޫނަކުން ތޯއެވެ. ވެރިކަން ލިބުނެއްކަމަކު "ގުއި ނުދެކޭ ކާޅެއް" ހެން އުޅުއްވާން ޖެހޭތޯއެވެ. ހައިސިއްޔަތު އޮޅިގެން އުޅުއްވާން ޖެހޭތޯއެވެ. ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނެތި، ވެރިކަމަކީ އުމުރަށް ލިބިފަ އޮތް ބާރެއްކަމުގައި ދެކި އުޅުމުގެ ހިތި މި ދެމަފިރިން ދެކޭނީ ކޮންއިރަކުންބާއޭ މިއީ މިއަދު އެތައް ބަޔަކު ކުރަމުންދާ އެންމެ ބޮޑު ސުވާލެވެ. މި ސުވާކަށް ކިޔުންތެރި ޖަވާބު ދެއްވާށެވެ.