ޚަބަރު

ދިގުރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ ރިޝްވަތާއި، ކޮރަޕްޝަނާއި އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް

ދިޔަވަރު
ދިގުރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ ރިޝްވަތާއި، ކޮރަޕްޝަނާއި އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް

ދިގުރަށު ކައުންސިލްގެ ޑިރެކްޓަރ ޖެނަރަލް އަދި ޒިންމާދާރު ވެރިޔާ (ކުރީގެ ކަތީބު) އަހްމަދު ފާއިޒް ރަޝީދުގެ ރިޝްވަތާއި، ކޮރަޕްޝަނާއި އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް އިންތިހާއަށް ބޮޑުވެ އެކަމުގެ ޝަކުވާ އާއި ކަންބޮޑު ވުން ރަށު ތެރޭގައި ބޮޑުވެއްޖެއެވެ.

އާންމު ރައްޔިތުންނާއި، ވިޔަފާރިވެރިންނަށް އަމާޒުކޮށް އެމީހުންގެ އަތުން ކައުންސިލުންދޭ އެކި ޚިދުމަތްތަކަށް ރިޝްވަތު ނެގުމާއި، ހިތްހަމަ ނުޖެހޭ ފަރާތްތަކާއި, އަދި ރިޝްވަތު ދިނުމަށް އިންކާރު ކުރާ ފަރާތްތަކާއި މެދު ކައުންސިލުން ދޭ ޚިދުމަތްތައް ދިނުމުގައި ލަސްކޮށް، ތަފާތު ކުރަމުން ކަމަށް އެރަށު ރައްޔިތުން މައުލޫމާތު ދެއެވެ.

ފާއިޒު އިސްވެ ހުރެ، ކައުންސިލުން ހަދާ ބައެއް ގަވާއިދުތައް ވަކި ބަޔަކަށް އަމާޒުކޮށް، އާންމު އުސޫލުން އެފަރާތްތަކަށް ލިބެން އޮންނަ ހައްޤެއް ކަނޑައެޅިގެން ނިގުޅައިގަތުމަށް ވަނީ ގަވާއިދު ހަދާފައެވެ. މި ގޮތުން އަމިއްލަ އެއްބަނޑު މީހަކާއި މެދު އޮތް ރުޅި ވެރިކަމެއްގައި ސީދާ އެފަރާތަށް ގޯތި ނުލިބޭނޭހެން ނުކުތާތައް ހިމަނައި ގަވާއިދު ހަދާފައިވާ ކަމުގެ ތުހުމަތުވެސް ފާއިޒުގެ މައްޗަށް އެ އާއިލާއިން ކުރެއެވެ.

މީގެ އިތުރުންވެސް ގޯތި ހައްޤުވާ އެތައް ބައެއްގެ ހައްޤަށް ފާއިޒުވަނީ އަރައިގަނެ، އޭނާއާއި ޒާތީގޮތުން މަސްލަހަތު ފުށުއަރާ ފަރާތްތަކަށް ލިބެންޖެހޭ ގޯތިން އެމީހުން ވަނީ މަހުރޫމް ކޮށްފައެވެ.

އާންމު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ އިތުރަށް ރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ފާއިޒުއަށް އޭނާ އެދޭ ގޮތަށް ރިޝްވަތު ހަމައަށް ނުދޭނަމަ ދަތިކޮށް، ތަފާތުކޮށް ވިޔަފާރިތަކަށް ގެއްލުންވާހެން ދަނީ އަމަލު ކުރަމުންނެވެ.

މިގޮތުން ރަށުގައި ގެސްޓްހައުސް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ އެކި ހުއްދަތަކަށް ބޭނުންވާ ލިޔުންތަކާއި، ޓޫރިޒަމުން ހުއްދަ ނެގުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމަށް އޭނާއާއި ހަވާލު ކުރުމަށް ގެސްޓްހައުސްގެ ވެރިފަރާތްތަކަށް މަޖުބޫރުކޮށް، އެ ޚިދުމަތް ދިނުމުގެ ނަމުގައި ބޮޑު އަދަދުން އޭނާ ދަނީ ރިޝްވަތު ނަގަމުންނެވެ. ރިޝްވަތުގެ ފައިސާ ނެގުމަށްފަހު، ބައެއް ފަހަރު ލިޔެކިޔުންތައް ތައްޔާރު ނުކޮށް ލަސްކުރުމުގެ ސަބަބުން މަސްލަހަތު ގޯސްވެ، ފާއިޒު ދިރިއުޅޭ ގޭދޮށަށް ދާ ހިސާބަށް ކަންކަން ހިނގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، މަގާމުގެ ފައިދާ ނާޖާއިޒް ގޮތުގައި ނަގައި، ފާއިޒު ހިންގަމުންދާ މި އަމަލުތަކަކީ ކޮރަޕްޝަނުގެ އަމަލުތަކެކެވެ. ގެސްޓް ހައުސްތަކަށް ހުއްދަ ދޭ ސެކްޝަންގެ އިސްވެރިޔާ އަކީ ފާއިޒުއެވެ. އެހެންކަމުން ކައުންސިލުން ދޭ ހުއްދަތަކަށް ސީދާ ނުފޫޒު ފޯރުވޭ ފަރާތަކަށް އެ ހުއްދައާއި ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރު ކުރުމަށް ފީނަގައިގެން މަސައްކަތް ކުރުމީ އޭސީސީއިން ބަލަން ޖެހޭ ކޮރަޕްޝަންގެ މައްސަލައެކެވެ.

ކައުންސިލް އޮފީހުގައި ކާޑު ޖެހުމަށްފަހު، އޮފީހުން ބޭރުގައި ވަޒީފާގެ ގަޑީގައި އަމިއްލަ މަސައްކަތުގައި (ރިޝްވަތު ނެގުމުގައި) ހޭދަކޮށް، މީނާއަށް ރީޝްވަތު ނުދޭ ފަރާތްތަކަށް ދަތިކޮށް ޖެއްސުންކޮށް ދަނީ އަމަލު ކުރަމުން ކަމަށް އެ ރަށު ރައްޔިތުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ރަށު ރައްޔިތުން ކައުންސިލަށް އެކި ކަންކަމުގައި ހުށައަޅާ ގޯތީގެ ރަޖިސްޓްރީތަކާއި، ދޯނީގެ ސަލާމަތީ ސެޓްފިކެޓްތައް ގެއްލިޖެކަމަށް ބުނެ، އަލުން ގޯތީގެ ރަޖިސްޓްރީ ނުވަތަ ސަލާމަތީ ހަދައި ދިނުމަށް ބޮޑު އަދަދުން ރިޝްވަތު ނަގާ މައްސަލަވެސް މީނާ އާއި މެދު ވަނީ ފެންމަތިވެފައެވެ.

އަމިއްލަ ޒާތީ މަސްލަހަތު ކުރިއަށް ނެރުމާއި، ކޮރަޕްޝަން ހިންގުމާއި، ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ، ރަށު ރައްޔިތުންނަށާއި، ރަށު ތަރައްޤީއަށް ގެއްލުންވާކަމެކެވެ. ނަމަވެސް ކައުންސިލްގެ އިންތިހާބީ އިސްވެރިން މިކަމުގައި އޭނާއަށް އެހީތެރިވުން ފިޔަވައި އިތުރުކަމެއް މިހާތަނަށް ކޮށްފައި ނުވެއެވެ.

މީނާއާއި ގުޅޭ ޝަކުވާތައް އެލްޖީއޭ އަށާއި އަދި ސިވިލްސާރވިސް ކޮމިޝަނަށާއި، އޭސީސީއަށް ހުށައަޅާފައިވީނަމަވެސް އެދެވިގެންވާ ފިޔަވަޅެއް މީނާއާއި މެދު މިހާތަނަށް އަޅާފައި އަދި ނުވެއެވެ.