ޚަބަރު

ފައިސާ ޗާޕުކުރުމުގެ ޢައިރު ގާނޫނީ މުޢާމަލާތާ ދެކޮޅު ހަދަމުން، ޕެންޝަން އޮފީހުގެ ކޮމިއުނިކޭޝަން ހެޑް އިސްތިއުފާ ދީފި، މުއިއްޒުގެ އަމުރަށް ޢައިރު ގާނޫނީ ލިޔުންތަކުގައި ސޮއިކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވަމުން ދަނީ ސުޖާތާ

ދިޔަވަރު
ފައިސާ ޗާޕުކުރުމުގެ ޢައިރު ގާނޫނީ މުޢާމަލާތާ ދެކޮޅު ހަދަމުން، ޕެންޝަން އޮފީހުގެ ކޮމިއުނިކޭޝަން ހެޑް އިސްތިއުފާ ދީފި، މުއިއްޒުގެ އަމުރަށް ޢައިރު ގާނޫނީ ލިޔުންތަކުގައި ސޮއިކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވަމުން ދަނީ ސުޖާތާ

މުއިއްޒުގެ އަމުރަށް ޕެންޝަން އޮފީހުން ކުރިޔަށް ގެންދާ ފައިސާ ޗާޕްކުރުމުގެ މުއާމަލާތުގައި ބައިވެރިވާން ބޭނުން ނުވާތީ ޕެންޝަން އޮފީހުގެ ކޮމިއުނިކޭޝަން ހެޑް އިސްތިއުފާ ދެއްވައިފިއެވެ. ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރގެ މަގާމުގައި ހުންނެވި އައިޝަތު ފަޒްނާ މަގާމުން އިސްތިއުފާ ދެއްވީ، މުއިއްޒުގެ އަމުރަށް ރައްޔިތުންގެ ފަންޑު ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުގެ ގާނޫނާ ޚިލާފް މުއާމަލާތައް އެއްބާރުލުން ދޭން ބޭނުން ނުވެގެންނެވެ. އެނގިފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމްގައި ހުންނެވި ސުޖާތާ ހަލީމް ވަނީ މުއިއްޒުގެ އަމުރަށް ފަޒުނާއަށްވެސް ގާނޫނާ ޚިލާފް ލިޔެކިއުންތަކުގައި ސޮއި ކުރުމަށް މުޖޫބޫރު ކުރުވާފައެވެ. އެހެންނަމަވެސް ގާނޫނާ ޚިލާފް އަމަލެއް ހިންގުމަށް ދެކޮޅު ހަދާ ފަޒުނާ މިހާރުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރގެ މަގާމްގައި ހުންނެވި ފަޒްނާގެ އިތުރުން އެހެން ބައެއް އިސްވެރިންވެސް ދަނީ މަގާމުން އިސްތިއުފާ ދިނުމަށް ހުށަހަޅަމުންނެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގާނޫނާ ޚިލާފަށް ފައިސާ ޗާޕްކުރުމުގެ މުއާމަލާތް ހިންގުމަށް ޕެންޝަން އޮފީހުން ފުރިހަމަ ކުރާންޖެހޭ މުއާމަލާތްތައް ފުރިހަމަކުރުމަށް އެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވަމުން ދަނީ އެ އޮފީހުގެ ސީއީއޯގެ މަގާމްގައި ހުންނެވި ސުޖާތާ ހަލީމްގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަޕާސަންގެ މަގާމްގައި ހުންނެވި އަހުމަދު އިނާޒްއެވެ. މި ދެބޭފުޅުން އަމަލު ކުރައްވަމުން ގެންދަވަނީ ސީދާ މުއިއްޒުގެ އަމުރަށް ކަމަށްވެސް އެނގިފައި ވެއެވެ.

ޕެންޝަން އޮފީހަކީ ވަކި ގާނޫނެއްގެ ދަށުން އުމުރުން ދުވަސްވީ ފަރާތްތަކަށް ރިޓަޔަރމަންޓް ޕެންޝަން ދިނުމަށް އުފައްދާފައިވާ މުވައްސަސާއެކެވެ. އެގޮތުން އެ އޮފީހުން ދަނީ ދައުލަތުގެ މުވައްޒަފުންނާއި އަދި އަމިއްލަ ވިޔަފާރިކުރާ އެތައް ބައެއްގެ ފައިސާވެސް ރައްކާކޮށް ބަލަހައްޓަމުންނެވެ. އެގޮތުން ސިޔާސީ ބޭނުންމަަށް އެފަންޑުގެ ބޭނުން ކުރުމަކީ ޕެންޝަން އޮފީހުގެ ގާނޫނާ ސީދާ ޚިލާފް ކަމެކެވެ.

ފައިސާ ޗާޕްކޮށްގެން ސިޔާސީ މަންފާ ހާސިލް ކުރުމަށް ޕެންޝަން ފަންޑުގެ ބޭނުން ކުރަމުން ދިއުމުގެ ސަބަބުން އެ ފަންޑާ ދޭތެރޭ އޮތް ރައްޔިތުންގެ އިތުބާރު ގެއްލި، އެ ފަންޑުގެ މުސްތަގުބަލާ ދޭތެރޭ މިހާރުވަނީ އެތަކެއް ސުވާލުތަކެއް އުފެދިފައެވެ.