ޚަބަރު

ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް ރައްކާކޮށްފަ ހުރި ޕެންޝަން ފަންޑު މުއިއްޒުގެ އެންގުމަށް ސިޔާސީކޮށް، އެފަންޑު ފުނޑާލުމުގެ އިސް ދެ މޭސްތިރިންނަކީ ސުޖާތާ ހަލީމްއާއި އިނާޒު، މި ދެމީހުންނާ ޤާނޫނުގެ ދިގުއަތް އަރާ ހަމަ ކުރާނެ!

ދިޔަވަރު
ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް ރައްކާކޮށްފަ ހުރި ޕެންޝަން ފަންޑު މުއިއްޒުގެ އެންގުމަށް ސިޔާސީކޮށް، އެފަންޑު ފުނޑާލުމުގެ އިސް ދެ މޭސްތިރިންނަކީ ސުޖާތާ ހަލީމްއާއި އިނާޒު، މި ދެމީހުންނާ ޤާނޫނުގެ ދިގުއަތް އަރާ ހަމަ ކުރާނެ!

ދިވެހިރާއްޖޭގެ ޕެންޝަން ފަންޑަކީ އެއީ އެތައް ރައްޔިތުންނެއް ގާނޫނީ ހައްގެކެވެ. އެއީ ފަހަރެއްގަވެސް ޕެންޝަން އޮފީހުގެ މިލްކެއް ނޫނެވެ. އަދި އެފަންޑަށް ގޮތް ކިޔުމުގެ އެއްވެސް ހައްގެއް ގައުމުގެ ރައީސުލްޖުމުހޫރިއްޔާއަށްވެސް، ޕެންޝަން އޮފީހުގެ ބޯޑަށްވެސް އަދި އެ އޮފީހުގެ އިސްވެރިންނަކަށްވެސް ނެތެވެ. ސަބަބަކީ އެ ފަންޑަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީފައިވަނީ ވަކި ޚާއްސަ ގާނޫނަކުން ކަމަށް ވާތީއެވެ. އެއީ ޕެންޝަންގެ ގާނޫނެވެ. އެހެންކަމުން، އެ ފަންޑުގައި ހުރި ދިވެހި ރައްޔިތުންގެ ފައިސާއަށް ބޭނުން ގޮތެއް ހަދާލުމުގެ ގާނޫނީ އިޚްތިޔާރު އެއީ އެއްވެސް ފަރާތަކަށް ލިބިދީފަ އިތް ހައްގެއް ނޫނެވެ. އެބީދައިން އަމަލުކުރާ ހަމަ ކޮންމެ މީހަކުވެސް އެ ކުރަމުން ދަނީ ގާނޫނީ ކުށެކެވެ. ރައީސްޖުމުހޫރިއްޔާގެ އަމުރަށްވިޔަސް އެފަދަ ޢައިރު ގާނޫނީ އަމުރަކަށް ތަބާ ވުމަކީ ޕެންޝަން އޮފީހުގެ ބޯޑަށްވެސް އަދި ޕެންޝަން އޮފީހުގެ ސީއީއޯއަށްވެސް ލިބިދީފަ އޮތް އިޚްތިޔާރެއް ނޫނެވެ.

އެހެންނަމަވެސް މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކުރާން ބޭނުން ވެގެން މިހާރުވަނީ ޕެންޝަން ފަންޑަށް އަތް ބާނާފައެވެ. ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާޤާބިލުކަމުގެ ސަބަބުން ބޭރުން ފައިސާ ހޯދަން ނުކުޅެދި އަދި އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތައް ބަންދުވެ، ސަރުކާރު ކުންފުނިތަކާއި ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުނީމަ ސަރުކާރުން މިހާރު ނިންމާފައިވަނީ 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށެވެ.

ފައިސާ ޗާޕް ނުކުރާނެކަމަށް ވިދާޅުވި މުއިއްޒު އެންމެ ފަހުން މިވަނީ ފައިސާ ޗާޕުކުރުމުގެ ކައްފާރާއަކަށް ޕެންޝަން އޮފީސް ހައްދަވާ އެ އޮފީަހަށް ހަތަރެސްފައި ބާނުއްވާފައެވެ. އެހެންނަމަވެސް ސާފުވާން އޮތް ހަގީގަތަކީ އެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން އެ އޮފީހުގެ ސީއީއޯއާއި ބޯޑުގައި މިހާރު ތިއްބެވި ވެރީން ހިންގަމުން އެ ގެންދަވަނީ ގާނޫނާ ޚިލާފް މުއާމަލާތެއް ކަމެވެ. މި ގާނޫނާ ޚިލާފް މުއާމަލާތާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބޯޑުގެ ބައެއް މެމްބަރުންވެސް މީގެކުރިން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި މިއަދު ވަނީ، މުއިއްޒުގެ އަމުރަށް ޕެންޝަން އޮފީހުން ކުރިޔަށް ގެންދާ ފައިސާ ޗާޕްކުރުމުގެ މުއާމަލާތުގައި ބައިވެރިވާން ބޭނުން ނުވާތީ ޕެންޝަން އޮފީހުގެ ކޮމިއުނިކޭޝަން ހެޑްވެސް އިސްތިއުފާ ދެއްވާފައެވެ. ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރގެ މަގާމުގައި ހުންނެވި އައިޝަތު ފަޒްނާ މަގާމުން އިސްތިއުފާ ދެއްވީ، މުއިއްޒުގެ އަމުރަށް ރައްޔިތުންގެ ފަންޑު ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުގެ ގާނޫނާ ޚިލާފް މުއާމަލާތައް އެއްބާރުލުން ދޭން ބޭނުން ނުވެގެންނެވެ. އެނގިފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމްގައި ހުންނެވި ސުޖާތާ ހަލީމް ވަނީ މުއިއްޒުގެ އަމުރަށް ފަޒުނާއަށްވެސް ގާނޫނާ ޚިލާފް ލިޔެކިއުންތަކުގައި ސޮއި ކުރުމަށް މުޖޫބޫރު ކުރުވާފައެވެ. އެހެންނަމަވެސް ގާނޫނާ ޚިލާފް އަމަލެއް ހިންގުމަށް ދެކޮޅު ހަދާ ފަޒުނާ މިހާރުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރގެ މަގާމްގައި ހުންނެވި ފަޒްނާގެ އިތުރުން އެހެން ބައެއް އިސްވެރިންވެސް ދަނީ މަގާމުން އިސްތިއުފާ ދިނުމަށް ހުށަހަޅަމުންނެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގާނޫނާ ޚިލާފަށް ފައިސާ ޗާޕްކުރުމުގެ މުއާމަލާތް ހިންގުމަށް ޕެންޝަން އޮފީހުން ފުރިހަމަ ކުރާންޖެހޭ މުއާމަލާތްތައް ފުރިހަމަކުރުމަށް އެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވަމުން ދަނީ އެ އޮފީހުގެ ސީއީއޯގެ މަގާމްގައި ހުންނެވި ސުޖާތާ ހަލީމްގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަޕާސަންގެ މަގާމްގައި ހުންނެވި އަހުމަދު އިނާޒްއެވެ. މި ދެބޭފުޅުން އަމަލު ކުރައްވަމުން ގެންދަވަނީ ސީދާ މުއިއްޒުގެ އަމުރަށް ކަމަށްވެސް އެނގިފައި ވެއެވެ.

ޕެންޝަން އޮފީހަކީ ވަކި ގާނޫނެއްގެ ދަށުން އުމުރުން ދުވަސްވީ ފަރާތްތަކަށް ރިޓަޔަރމަންޓް ޕެންޝަން ދިނުމަށް އުފައްދާފައިވާ މުވައްސަސާއެކެވެ. އެގޮތުން އެ އޮފީހުން ދަނީ ދައުލަތުގެ މުވައްޒަފުންނާއި އަދި އަމިއްލަ ވިޔަފާރިކުރާ އެތައް ބައެއްގެ ފައިސާވެސް ރައްކާކޮށް ބަލަހައްޓަމުންނެވެ. އެގޮތުން ސިޔާސީ ބޭނުންމަަށް އެފަންޑުގެ ބޭނުން ކުރުމަކީ ޕެންޝަން އޮފީހުގެ ގާނޫނާ ސީދާ ޚިލާފް ކަމެކެވެ.

ފައިސާ ޗާޕްކޮށްގެން ސިޔާސީ މަންފާ ހާސިލް ކުރުމަށް ޕެންޝަން ފަންޑުގެ ބޭނުން ކުރަމުން ދިއުމުގެ ސަބަބުން އެ ފަންޑާ ދޭތެރޭ އޮތް ރައްޔިތުންގެ އިތުބާރު ގެއްލި، އެ ފަންޑުގެ މުސްތަގުބަލާ ދޭތެރޭ މިހާރުވަނީ އެތަކެއް ސުވާލުތަކެއް އުފެދިފައެވެ.

އެއާއެކު، ޕެންޝަން އޮފީހުގެ މިހާރުގެ ބޯޑާއި، އަދި މިހާރުގެ މެނޭޖްމަންޓުންވެސް ވިސްނަވާންވީ ކަމަކީ ސިޔާސީ ބޭބޭފުޅުންގެ އަތްދަށުވެ ތިމާމެންގެ އަމިއްލަ މުސްތަގުބަލް ދުއްވާލުމަކީ ހެއްދެވޭނެ ގޯހެއްކަމެވެ. އޭގެ ސަބަބަކީ ރައީސް މުއިއްޒުއަކީވެސް ތާއަބަދު ވެރިކަމުގައި ހުންނަވާނެ ބޭފުޅަކަށް ނުވާނެތީއެވެ. ސުޖާތާއާއި އިނާޒްވެސް ދަންނަންވީ ހަގީގަތަކީ މުއިއްޒުގެ ސިޔާސީ ބާރުވެރިކަން ނެތިދާ ދުވަހު، އެއީ މިއަދު ނޫނީ މާދަމާ ނަމަވެސް ތިމާމެންނާ ގާނޫނުގެ ދިގުއަތް އަރާ ހަމަކުރާނެ ކަމެވެ.