ޚަބަރު

މާލޭގަ ދިރިއުޅޭ "ރާއްޖެތެރޭ" މީހުން ރަސްމާލެއަށް އަޅާލާ ގޮތަށް، މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިއުލާން ކޮށްފި: މި ސިޔާސަތުގެ ދަށުން "ރާއްޖެތެރޭ" އެއްވެސް މީހަކަށް މާލޭ ސަހަރައްދުން ގޮވައްޗެއް ނުލިބޭނެ

ދިޔަވަރު
މާލޭގަ ދިރިއުޅޭ "ރާއްޖެތެރޭ" މީހުން ރަސްމާލެއަށް އަޅާލާ ގޮތަށް، މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިއުލާން ކޮށްފި: މި ސިޔާސަތުގެ ދަށުން "ރާއްޖެތެރޭ" އެއްވެސް މީހަކަށް މާލޭ ސަހަރައްދުން ގޮވައްޗެއް ނުލިބޭނެ

މާލޭގަ ދިރިއުޅޭ "ރާއްޖެތެރޭ" މީހުންނަށް ރަސްމާލެއިން މެނުވީ ގޯތި ނުލިބޭ ގޮތަށް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު މިރޭ އިއުލާން ކޮށްފިއެވެ. މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު މިރޭ އިފުތިތާހު ކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައިހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، އެ ސިޔާސަތު ކަނޑައަޅާފައި ވަނީ މުއިއްޒުގެ ވައުދާ އެއްގޮތަށް ގެދޮރު ބޭނުންވާ 18 އަހަރުން މަތީގެ އެންމެން އޭގައި ޝާމިލުވާނެ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ މުއިއްޒުގެ ވައުދު ފުއްދުމަށްޓަކާ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ އެންމެ އެކަށޭނެ ގޮތް މި ސިޔާސަތު ކަނޑައެޅުމުގައި ބަލާފައި ވާނެ ކަމަށެވެ. އެންމެ ފުރަތަމަ ކަމަކަށް ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު މިހާރު އޮތްގޮތް ވަޒަންކުރުމަށް ކުރި މަސައްކަތުން އެނގުނީ، އެންމެ ބޮޑު އެއް ކަމަކީ ސޯޝަލް ހައުސިން އަށް ކުރިމަތިލާ އާބާދީ އިންތިހާ އަށް ބޮޑުކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމްތައް އަމާޒުކޮށްފައިވަނީ މުޖުތަމައުގައި އުޅޭ އެކި ފަންތީގެ އާއިލާތަކަށް ކަމަށެވެ.

އޭގެ ތެރޭގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް، ކުއްޔަށް އެއް ތަނުން އަނެއް ތަނަށް ބަދަލުވާން ޖެހިފައިވާ މީހުންގެ އިތުރުން މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ބޭންކުތަކުން އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ގާބިލުކަން ނެތް އާއިލާތައް ވެސް ހިމެނެ އެވެ.

މިރޭ ތައާރަފްކުރާ ސްކީމްތަކުގެ ތެރެއިން އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އަމާޒުކޮށްފައިވަނީ ބޭންކުތަކުން މޯގޭޖު ފައިނޭންސިން ހޯދުމުގެ ތަނަވަސްކަން ހުރި، މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދައިދިނުމަށެވެ.

"ބޭންކް ފައިނޭންސް ހޯދޭނެ ފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް މަޝްރޫއުތައް ހިންގޭނެ. މިރޭ މި އިއުލާންކުރާ 7،500 ހައުސިން ޔުނިޓަކީ މި ދެންނެވި ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ދޭނެ ޔުނިޓުތަކެއް،" މުއްތަލިބު ވިދާޅުވި އެވެ.

"މީގެ ތެރޭގައި ފަގީރުކަމުގައި ދަތި ހާލުގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ކަމާގުޅޭ އިދާރާތަކުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ވެސް ހިމެނިފައިވާނެ."

މީގެ އިތުރުން ގޯތި ދޫކުރާ ސްކީމްގެ ދަށުން 15،000 ގޯތި ދޫކުރާނެ ކަމަށް ވެސް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޭ ސްކީމް:

މިރޭ ތައާރަފްކުރި އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ދެ ސްކީމެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރާ ސްކީމަކާއި މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޫކުރާ ސްކީމެކެވެ.

އަސާސީ ޝަރުތުތައް:

  • 1-ދިވެހި ރައްޔިތަކަށް ވުން
  • 2-އުމުރުން 18 އަހަރު ވެފައިވުން
  • 3-400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން
  • 4-ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން؛ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ، ފައިސާ ދައްކަމުން ނުދިއުން
  • 5-އެމީހަކަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ސަރުކާރަކުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން

މި ސްކީމްގެ ދަށުން ފްލެޓު ދޫކުރާނީ މައިގަނޑު ދެ ކެޓަގަރީއެއްގެ ދަށުންނެވެ. އެއީ:

1. މާލޭގެ ރަށްވެހިންނަށް

  • އުފަންވީއްސުރެ މާލެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުން
  • މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ މީހުން
  • ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން

2. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން

  • މާލޭގައި މެދުނުކެނޑި ދިރިއުޅެމމުން އަންނަތާ 15 އަހަރު ވެފައިވުން

މި ސްކީމްގެ ދަށުން ފްލެޓު ގަނެވޭނެ ދެ މޮޑެލްއެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެއީ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އާއި ރެންޓް-ޓު-އޯން މޮޑެލް އެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޫކުރާ ސްކީމް:

މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުން ފާހަގަވާން އޮތް އެންމެ މުހިންމއެއްކަމަކީ މި ސްކީމްގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދު އަދި ރަސްމާލެއިންކަން ހާމަވެގެން ދިޔައިރު، މާޅޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިންކަން އިއުލާން ކުރުމެވެ. މި ސިޔާސަތުގެ ދަށުން ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެއިން ގޮވައްޗެއް ނުލިބޭނެއެވެ.

ފްލެޓާއި ގޯތި ދޫކުރާ ސްކީމްތަކުގައި ވެސް ޕޮއިންޓު ދޭއިރު މާލޭގައި ދިރިއުޅުނު މުއްދަތަކާއި އާއިލާގެ ހާލަތާއި ބައެއް އިތުރު ކަންތައްތަކަށް ބަލާނެ އެވެ.

މި ސްކީމްތަކާ ގުޅޭ އިތުރު މައުލޫމާތު މިރޭ ގެޒެޓުގައި ޝާއިއުކުރާނެ އެވެ.