ޚަބަރު

އޯލެވެލުން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުވި ކަމަށް ބުނެ ރައީސް ދޮގު ހަދައިފި

ދިޔަވަރު
އޯލެވެލުން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުވި ކަމަށް ބުނެ ރައީސް ދޮގު ހަދައިފި

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އޯލެވެލް ފާސްވާ ދަރިވަރުންގެ ޕަސެންޓޭޖު 31 ޕަސެންޓުން 49 ޕަސެންޓަށް އިތުރުވި ކަމަށެވެ. ނަމަވެސް މިއީ ހަގީގަތް އޮޅުވާލައިގެން ދެއްކި ވާހަކައެކެވެ.

ރައީސް ވިދާޅުވީ އޭލެވެލް ކިޔަވަން ވަދެވޭ ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، މިއީ ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ނަމަވެސް ޕަސެންޓޭޖު އިތުރުވީ އޯލެވެލްގައި ފާސްވާ ދަރިވަރުން އިތުރުވެގެން ނޫނެވެ. ބަދަލުގައި ސަރުކާރުން އޭލެވެލް ކިޔަވަން ވަނުމުގެ ޝަރުތުތައް ވަރަށް ބޮޑަށް ލުއިކޮށްފައިވާތީ އެވެ.

ކުރިން އޭލެވެލް ކިޔަވަން ވަނުމަށް އޯލެވެލްގައި ފަސް މާއްދާއިން ފާސްވާން ޖެހެ އެވެ. ނަމަވެސް އޯގަސްޓު 2025 ގައި ސަރުކާރުން އެ ޝަރުތުތައް ލުއިކޮށްފި އެވެ. އަދި ތިން ކެޓަގަރީއަކުން ކިޔެވުމުގެ ފުރުސަތު ދީފި އެވެ.

މިހާރު ދެ މާއްދާއިން ނުވަތަ ތިން މާއްދާއިން "ސީ" ފާސް ލިބިގެން ވެސް ބައެއް ސްޓްރީމްތައް ކިޔަވަން ފުރުސަތު ލިބެ އެވެ. އެއް މާއްދާއިން "ސީ" ފާސް ލިބިގެން ވެސް މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ ފުރުސަތު ލިބެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ ފަސް މާއްދާއިން ފާސްނުވި ދަރިވަރުންނަށް ވެސް ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. ކޮންމެ އަހަރަކު 6000 ދަރިވަރުން އޯލެވެލް އިމްތިހާނަށް ވަދެއެވެ. އޭގެ ތެރެއިން ފަސް މާއްދާއިން ފާސްވަނީ 50 ޕަސެންޓު ދަރިވަރުންނެވެ. ބާކީ 3000 ދަރިވަރުންނަށް ވެސް ފުރުސަތު ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަނީ ހަދާފައެވެ.