އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރާނެ ކަމުގެ ކްރެޑިޓް ނަންގަވަން ދައްކަވާ ވާހަކަތައް ބަލައި ނުގަންނަ ކަމަށެވެ. އެ މައްސަލަ ހަގީގީ ގޮތުން ހައްލުކުރީ އެމަނިކުފާނުގެ މިނިސްޓަރުކަމުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އައިއިރު ބިދޭސީންގެ ކަންތައް އޮތީ މުޅި ގައުމުގެ ބޮއްސުންލާފައި. ލައްކައެއްހާ ބިދޭސީން ތިބި ގެނެސް އަޅައިލާފައި. އަޅުގަނޑުމެން އެތަނަށް ވަދެލިއިރު ރެކޯޑެއް ވެސް ނެތް. ކާކުތޯ އެބަހުރި ވެސް ނޭނގޭ،" އެމްޑީޕީގެ ސަރުކާރުން ހަވާލުވި އިރު ބިދޭސީންގެ މައްސަލަ އޮތް ގޮތް ކިޔައިދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.
އެފަދަ ހާލަތެއްގައި އޮތް މައްސަލަ ހައްލުކުރީ އެމަނިކުފާނުގެ މިނިސްޓަރުކަމުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ބެލީ މައްސަލަ އިތުރަށް ބޮޑު ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ކަމަށް ވިދާޅުވިއެވެ. ނިޒާމަށް ލުއި ފަސޭހަ ގޮތްތައް ހޯދައި، ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލި ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.
"ލައްކައެއްހާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބަންގްލަދޭޝްގެ މުސްލިމް ރައްޔިތުން. އެ މީހުން މި ތަނަށް ގެނައީ އޮޅުވާލައިގެން. ގެނެސް މަގުމައްޗަށް އަޅާލާފައި އޮތީ. ކުރީގެ ސަރުކާރުތަކުގައި ބިދޭސީން ކޯޓާތައް ދޫކޮށްލައި، މީހުން މަގުމައްޗަށް އެޅީ. މިހާރު އަޅުގަނޑުމެން ހަނދާން ނެތަސް އޭރު ފެނުނީ،" ދެ ސަރުކާރުގެ ތަފާތު ކިޔައިދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ދައުރުގައި ނުކުރެވި ހުރި ކަމެއް މިހާރުގެ ސަރުކާރުގައި ކުރެވިފައި ހުރެދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެއީ ސަރުކާރެއް އޮވެއްޖެއްޔާ ކަންކަން ހިނގަމުންދާ ގޮތް ކަމަށް ވިދާޅުވިއެވެ.Retry