ޚަބަރު

ހުޅުމާލޭ މަގުތައް މަރާމާތު ކުރުން ބޮޑު އަގުގައި ޗައިނާގެ ކުންފުންޏާ ހަވާލުކުރީ މުއިއްޒު ކޮރަޕްޝަން ނަގައިގެން

ދިޔަވަރު
ހުޅުމާލޭ މަގުތައް މަރާމާތު ކުރުން ބޮޑު އަގުގައި ޗައިނާގެ ކުންފުންޏާ ހަވާލުކުރީ މުއިއްޒު ކޮރަޕްޝަން ނަގައިގެން

ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ މުހިންމު މަޝްރޫޢު، އެކަމުގެ ޤާބިލްކަން ހުރި ދިވެހި ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި، ޗައިނާގެ ކުންފުންޏަކާ އިންތިހާއަށް ބޮޑު އަގެއްގައި ހަވާލުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވެފައިވަނިކޮށް، އެޗްޑީސީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ބީލަމަކަށް ނުގޮސް، ޗައިނާގެ "ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ" އާ އެވެ. މި މަޝްރޫޢުގެ ތަފްސީލީ މަޢުލޫމާތު އެޗްޑީސީން އާންމުކޮށް ހާމަކޮށްފައިނުވި ނަމަވެސް، "ދިޔަވަރު" ނޫހަށް ލިބިފައިވާ މަޢުލޫމާތުގެ ދަށުން، ރޯޓައިމްއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާއަށެވެ. އެހެންނަމަވެސް، މަސައްކަތުގެ އަސްލު އަގަކީ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ކަމަށް އެޗްޑީސީގެ އިސްވެރިންނާ ގުޅުން ހުރި ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.

"މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. ބޯޑުން ފާސްކުރި ނަމަވެސް ހުރިހާ މެންބަރުން މިކަމަށް ތާއީދުކޮށްފައެއް ނުވޭ. ކުރީގެ ދުވަސްތަކަށް ވުރެ މިހާރު އެޗްޑީސީގެ ކަންތައްތައް ގެންދަނީ ވަރަށް ސިއްރު ބޮޑު ގޮތަކަށް،" އެޗްޑީސީގެ ބޯޑާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން ނޫހަށް ބުންޏެވެ.

މި މަޝްރޫޢުގެ އަގާ ގުޅޭގޮތުން އެޗްޑީސީގެ އިސްވެރިއެއްގެ ކިބައިން މަޢުލޫމާތު ހޯދަން މަސައްކަތް ކުރުމުން، ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި އޮންނަ ރަސްމީ އުސޫލުން މަޢުލޫމާތު ހޯދަން އަންގާފައިވެ އެވެ. އޭނާ ބޭނުންވާ ގޮތުގައި އެއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ލިޔުމުން ހުށަހަޅައިގެން ޖަވާބު ހޯދުމެވެ.

ހުޅުމާލޭގެ މަގުތަކުގެ މަސައްކަތަށް ސިއްރުވެރިކަމެއް އެކުލެވިފައި

މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލު އެޗްޑީސީން ހާމަކޮށްފައިނުވާތީ، އެއްބަސްވުމުގެ ސައްޙަ އަގާއި، ކަނޑައެޅިގެން ކޮން މަގުތަކެއް ހަދަންކަން ނުވަތަ މަރާމާތުކުރަން ކަނޑައަޅާފައިވަނީ ކޮން މަގުތަކެއްކަން އާންމުންނަށް އެނގޭކަށް ނެތެވެ. ކުރިން އެޗްޑީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ތެރޭގައި މަގު ހެދުމުގެ އިތުރުން "ރެކްޓިފިކޭޝަން" ގެ މަސައްކަތްތަކެއްވެސް ހިމެނެ އެވެ.

މީގެއިތުރުން، މިހާރު ހިއްކަމުން ގެންދާ ފޭސް 3 ގެ މަގުތައް މި ޕްރޮޖެކްޓުގައި ހިމެނޭކަން ނުވަތަ ނޫންކަންވެސް ސާފުކޮށް އެނގެން ނެތެވެ. މަގުތަކުގެ މަސައްކަތް ހަވާލުކުރެވިފައިވާ ރޯޓައިމްއަކީ މިދިޔަ އަހަރު ތެރޭގައި ހުޅުމާލޭގައި ސްމާޓް ވެއަރހައުސް ކޮމްޕްލެކްސްއާއި، ޗިލްޑްރަންސް ސެންޓަރ އަދި މާލޭގައި ތަރައްޤީކުރަމުންދާ ސާފިން ސްޓޭޑިއަމްގެ މަސައްކަތްތައްވެސް ހަވާލުކުރެވިފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަސައްކަތް ނިމުމާ ގާތްވެފައިވާ "ކޯ-ލިވިންގ" އިމާރާތްވެސް ތަރައްޤީކުރަމުންދަނީ މި ކުންފުނިންނެވެ.

ކުރީގައިވެސް ބޮޑެތި އަގުތަކުގައި ޗައިނާގެ ކުންފުނިތަކަށް މަސައްކަތް ދިނުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގާތްވެގެން އައިއިރުވެސް ސަރުކާރުން ވަނީ އެތައް ގުނައަކަށް އަގުބޮޑުކޮށް ޗައިނާގެ ކުންފުނިތަކާ މަޝްރޫޢުތައް ހަވާލުކޮށްފަ އެވެ. މިފަދަ މަޝްރޫޢުތަކުގެ ތެރޭގައި މިހާރު ހިނގަމުން އަންނަ ހިޔާ ފްލެޓުތަކުގައި 32 ލިފްޓު ހަރުކުރުމުގެ މަސައްކަތަށް 18 މިލިއަން ޑޮލަރު ނުވަތަ ބްލެކްމާކެޓު ރޭޓުން ގާތްގަނޑަކަށް 360 މިލިއަން ރުފިޔާ ޚަރަދުކުރަން ނިންމާފައިވެ އެވެ. މިފަދަ މަޝްރޫޢުތައް އެތައް ގުނައެއް އަގުބޮޑުކޮށް ހަވާލުކުރުމަކީ ސީދާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރުން ކަމަށް ތުހުމަތުކުރެވެ އެވެ.

ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ހަވާލުކުރެވުނު މިފަދަ ބައެއް މަޝްރޫޢުތައް އަދިވެސް ނުފެށި ހުއްޓިފައި ހުރިކަމެވެ. މިއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ބޭނުންކުރި އޮޅުވާލުމެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ދެކެމުންދެ އެވެ.