ޓެރަރިޒަމްގެ ހުކުމެއް ތަންފީޒު ކުރަމުންދާ އަމީންގެ އާއިލާ މެލޭޝިއާއަށް އެތެރެވުމަށް ހުރަސްއަޅީ، އެންމެ ފަހުން މި ސަރުކާރުން އިންޓަޕޯލަށް ފޮނުވި ލިސްޓުގައި އެ އާއިލާގެ މެމްބަރުންގެ ނަން ހިމެނުމުން ކަމަށް މައުލޫމާތު ލިބެއެއެވެ.
މީގެ ދުވަސް ކޮޅެއް ކުރިން ގޭން ތަކާއި، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، އަދި ޓެރަރިސްޓުން ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް މުއިއްޒުގެ ސަރުކާރުން ވަނީ އިންޓަރޕޯލް އާއި ހަވާލު ކޮށްފައެވެ. މިކަން ކުރުމަށްފަހު، އޭގެ 2 ދުވަސް ފަހުން ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ގޭންގްތައް ނޫޅޭ ކަމަށް ބުނެފައެވެ.
ޓެރަރިޒަމްގެ މައްސަލައެއްގައި 27 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ އަންހެނުންނާއި، އޭނާގެ ދަރިން މެލޭޝިޔާއަށް ނުވެއްދުމުން ސަރުކާރަށް ދަނީ ފާޑު ކިޔުން އަމާޒު ވަމުންނެވެ. އެމީހުން މިހާރު އެތައް ގަޑިއިރެއް މެލޭޝިޔާގެ އެއަޕޯޓްގައި ތިބި އިރު މެލޭޝިޔާ އެމްބަސީއާއި ގުޅުމަށް 5 ގަޑި އިރު ނެގި ކަމަށް އަމީންގެ އަންހެނުން ޓްވީޓް ކޮށްފައިވެއެވެ. އަމީންގެ އަންހެނުންނަށް މެލޭޝިޔާ ނޫނަސް، ޑުބާއި، އަދި ސައުދީ އާއި، އަވަށްޓެރި ޤައުމުތަކަށްވެސް އެރޭނެ ކަމަކަށް ނުބެލެވެއެވެ. މި އާއިލާ ވަނީ ޑީޕޯޓް ކުރުމަށް މެލޭޝިޔާގެ ސަރުކާރުން މިހާރު ނިންމާފައެވެ.