ޚަބަރު

ރައީސް މުއިއްޒު އަވަށްޓެރި 3 ގައުމާއިވެސް ޖެހިގަނެއްޖެ: ބޮޑު ހަނގުރާމައެއް ފަށައިފިއްޔާ ދިވެހިންނަށް ވާނީ ކިހިނެއް؟

ދިޔަވަރު
ރައީސް މުއިއްޒު އަވަށްޓެރި 3 ގައުމާއިވެސް ޖެހިގަނެއްޖެ: ބޮޑު ހަނގުރާމައެއް ފަށައިފިއްޔާ ދިވެހިންނަށް ވާނީ ކިހިނެއް؟

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިޔާ އާއި ޖެހިގަނެގެންނެވެ. ވެރިކަމަށް ވަޑައިގެން ފަހުން، ޗައިނާއަށް ކުރު ދަތުރުފުޅެއް ކުރެއްވުމަށްފަހު ވަޑައިގެން އިންޑިޔާ އަށް ބުލީ ނުކުރަން އަންގައި ނޫސް ކޮންފެރަންސެއް ދިނެވެ. މިކަން މުޅި ދުނިޔޭގެ ސަމާލު ކަަމަށް އަޔެވެ.

ވެރިކަމަށް އައީ ހަމަ އެކަނި އިންޑިޔާ އާއި ޖެހިގެން ނޫނެވެ. ވެރިކަމަށް އައީ ދެކުނުން ރާއްޖޭގެ އަވަށްޓެރި ގައުމެއް ގޮތަށް އޮތް މޮރިޝަސް އާއިވެސް ޖެހިގަނެގެންނެވެ. އެމީހުން ރާއްޖޭގެ ކަނޑު ގަނެފި ކަމަށް ބުނެ ދޮގު ހަދައިގެންނެވެ. ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނެ އެކަމުގެ ނެތް ހެކި ހުރިކަމަށް ބުނެ ދޮގު ހަދައިގެންނެވެ.

އޭގެ ފަހުން ރައީސް މުއިއްޒު ލަންކާއަށް އައްޔަން ކުރި އެމްބަސަޑަރ އޭނާގެ އާއިލާ މީހަކު ލަންކާއަށް ވަންނަން ވިސާ ދިނުމުގައި ކުރިމަތިވި ދަތިތަކާއި ހެދި ލަންކާ ސަރުކާރާއި ދިމާލަށް ކިޔަން ނުވާ ވަރުގެ އެއްޗެއްހި ކިޔައި ގުޅުންތައް ހީނަރުކޮށްލިއެވެ. އެވަރުން ނުވެގެން އިނދިކޮޅު ޕާޓީގެ އިސް ފަރާތްތަކާއި ގޮސް ބައްދަލު ކުރިއެވެ.

އެމެރިކާއިން ދަނީ ކެނަޑާއާއި ގްރީން ލޭންޑް ހިފުމަށް ތައްޔާރު ވަމުންނެވެ. އެކަމާއި ގުޅިގެން ޔޫރަޕާއި އެމެރިކާއާއި ދެމެދު ހަނގުރާމައެއް ހިނގުމަކީވެސް ކޮންމެވެސް ވަރެއްގެ ކުޑަ ނަމަވެސް ފުރުޞަތެއް އޮތް ކަމެކެވެ.

ކޮވިޑްގެ ދަތި ހާލަތުގައި ރާއްޖެ އަށް ބޭނުންވި ކާބޯތަކެތި ދިނީ އިންޑިޔާއިންނެވެ. މީހުން ބަލިވުމުންވެސް އިންޑިޔާއަށް ބޭސްފަރުވާއަށް ދެވޭ ގޮތް ހަދައިދިނެވެ. އަވަށްޓެރި ހުރިހާ ޤައުމަކާއި އެއްވެސް ސަބަބެއް ނެތި ޖެހިގަނެގެން ހުރި ވެރިއަކު ވެރިކަމުގައި ހުއްޓާ ދުނިޔޭގެ ބޮޑު ހަނގުރާމައެއް ފަށައި ރާއްޖެއަށް ކާބޯތަކެތި ލިބުމާއި، ބޭރަށް ފުރައިގެން ދިޔުމަށް ދަތިތަކެއް ކުރިމަތިވާފަދަ ނާޒުކު ހާލަތަކަށް ގައުމު ގޮސްފިނަމަ ދިވެހިންތަކެއް ހާލުގައި ޖެހި އާބާދީގެ ބައެއް ނެތިގެން ދިޔުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

ދިވެހިންނަށް ބައިނަލްއަގުވާމީ އެހީތެރިކަން މިހާތަނަށް ލިބިފައިވަނީ ރާއްޖޭގެ ވެރިން އެޤައުމުތަކާއި ބޭއްވި ގާތް ގުޅުމުގެ ސަބަބުންނެވެ.