ދިވެހިންގެ ތެރެއިން ބަޔަކު މީހުންނަކީ ލަންކާ އިންޑިޔާ ނޭޕާލު އަދި ބަންގާޅު މީހުންނަކީ އެމީހުންނަށްވުރެ މާ ދަށްބައެއް ކަމުގެ ވިސްނުން ގެންގުޅޭ ވަރަށް ރޭސިސްޓް ބައެކެވެ. އެމީހުންނާއި މެދު ރާއްޖޭގައި އިހާނެތިކޮށް ކަންތައް ކުރެއެވެ. މާތްﷲ އެމީހުނަށް ދެއްވާފައިވާ އިންސާނީ ކަރާމާތާއި ޙައްޤުތަކަށް އެއްވެސް ޖެހިލުމެއް ނެތި އަރައިގަނެއެވެ. އެއްވެސް ބިރެއް ނެތިއެވެ. އަނިޔާ ކުރުމުން ފެށިގެން، މަސައްކަތުގެ އުޖޫރަ ނުދިނުމުން ފެށިގެން ޤައުމުގެ ވެރިއަކަށް ހުރި މީހާ އޭނާގެ ލަންކާގެ ހުރި ދޮންމައްމަ އަށް މާލެ ނާދެވޭ ގޮތް ހެދި ގޮތާއި، އަމަލު ކުރި އަނިޔާވެރި ގޮތާއި، އެފަހުން ބޭރުމީހުން 12 ގެ ފަހުން ރާއްޖޭގެ މަގުތަކަށް ނުކުތުން މަނާކުރި ގޮތާއި އެކަމަށް ތާޢިދު ކުރި ނުބައި ދިވެހިންގެ ނިސްބަތުން ދިވެހިންގެ ތެރޭގައި ޒައެނިސްޓް ވިސްނުން ހުރި އިންސާނުންނަށް އަނިޔާވެރި މާތްﷲ އިންސާނުންނަށް ދެއްވި ހައްޤުތައް ޤަބޫލު ނުކުރާ ބަޔަކު ތިބިކަން ސާފުވެގެން ދިޔައެވެ.
އެހެން އިންސާނުން ދަށްކޮށް ހައްޤުތަކެއް ހުރިކަމަށް ޤަބޫލު ނުކުރާ ދިވެހިންގެ ތެރޭގައި ތިބި ބަޔަކު މީހުންގެ ހާލު ނިކަން ވިސްނާލަ ބަލާށެވެ. އަމިއްލަ ޤައުމުގައި ތަކެތީގެ އަގު އަވަށްޓެރި ހުރިހާ ޤައުމަކަށް ވުރެ ބޮޑުވެއްޖެއެވެ. ބޮޑުވީ ބޮޑު ތަނުންނެވެ. ޑޮލަރެއް ނުލިބެއެވެ. ލިބުނަސް 20.25ރ އަށް ނޫނީ ނުލިބެއެވެ. ބަލިވެގެން ދޭ ބޭސް ސިޓީއަށް ބޭހެއް ހަމަ އަކަށް ނުލިބެއެވެ. ބޮޑު ބައްޔެއް ޖެހިއްޖިޔާ އާސަންދާގައި ފުރައިގެން ދެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ގިނަ ބަޔަކަށް ނުދެވެއެވެ. ބޭރުގެ ކިޔަވަން ތިބި ކުދިންނަށް ޓިއުޝަން ފީއެއް ނުލިބެއެވެ. ގޯތިތައް ދޭނަމޭ ކިޔައިގެން ގެންގުޅޭތާ 2 އަހަރާއި 6 މަސްވަނީއެވެ. ދިން ފްލެޓްތަކަށްވެސް ހެދީ ބޭނުން ގޮތެކެވެ.
ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދެއެވެ. ޕްރޮޖެކްޓެއްވެސް ނުދެއެވެ. ވިޔަފާރިތައް ނުހިނގި ހުއްޓިއްޖެއެވެ. ކުދި އެތައް ވިޔަފާރިއެއް ބަނގުރޫޓު ކޮށްފިއެވެ. ނޫސްވެރިންނާއި ނުވަތަ ރައްޔިތުންނާއި ބައްދަލު ކޮށްލަން ފުރުޞަތެއް ލިބިއްޖެއްޔާ ލޯ ކުރިމަތީ ހަދަނީ ދޮގެވެ.
ވީ އެއްވެސް ވައުދެއް ނުފެއްދައެވެ. ބޭރުގެ ސިފައިން ރާއްޖެއިން ބޭރު ކުރާނަމޭ ބުނެ ކުރީ އިތުރެވެ. މިހާރު ތުރުކީ ސިފައިވެސް ރާއްޖޭގެނެސް ވަޒަންވެރި ކޮށްފިއެވެ. ދަތުރުތަކާއި ޑްރޯންތަކާއި ހަވާ އަރުވައި ކުރާ އިސްރާފަށް މިލިއަނުން ފައިސާ ތަޅައި ބުރުވާލަނީއެވެ.
ކަރަޕްޝަން އޮތީ އަދި ތިޔަހެނަކުންނެއް ނޫނެވެ. ރައީސް މުއިއްޒު އެސްއޯއީތައް މެދުވެރިކޮށް ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށް އެއޮށް ނަގަނީއެވެ. ރިޝްވަތު ދިނުމުގައި މުއިއްޒު ކޮރަޕްޓް ކޮށް ނުލާ މީހަކު ރާއްޖޭގައި މަދެވެ.
ކޯޓެއް ނެތެވެ. މަޖިލީހެއް ނެތެވެ. މިނިވަން މުއައްސަސާއެއް ނެތެވެ. ހުރިހާތަނެއްގެ ބާރުތައް ނަގައި މުށަށް ލައިފިއެވެ.
ނަމަވެސް އެއްކަލަ މާތް މަތިވެރި ދިވެހިން އެތިބީއެވެ. މަގެއް މައްޗަށް ނުކުމެލަން ނުކެރެއެވެ. އަމިއްލަ ހައްޤު ހޯދަން ވެސް ތެދުވެލާކަން ނުކެރެއެވެ. އެހާ ފިނޑި ބައެކެވެ. އަނިޔާވެރި ވެރިކަމެއްގެ ދާ މަތީ ދެކޮޅަށް ގޭނި ގޭނި ޗިސްވެފައި ތިބީއެވެ. ހަމަ ބޯ ހިއްލާލާކަށްވެސް ނުކެރެއެވެ. ވަޒީފާ ގަނޑެއް ދިނީމާ ތިބެނީ ވިކިފައެވެ. ވޯޓު ކޮޅުވެސް ވިއްކާލަނީއެވެ. ނަފްސުގެ ތެދުވެރިކަމެއް އަމުދުން ނުހުންނަ މީހުން ގިނައެވެ. މުޅި ގައުމު ނަގާ އެކީ ކާލާއިރު ހަމަ އެއޮށްގެން ބަލަން ތިބީއެވެ. ލަންކާގެ ރައްޔިތުން ނުކުތެވެ. ނޭޕާލު ރައްޔިތުން ނުކުތެވެ. ބަންގާޅު ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލިއެވެ. ދިވެހިން މާ ދަށް ބަޔަކު ގޮތުގައި ދެކުނު މީހުންވެސް އެމީހުންގެ ޤައުމާއި، ނަފްސުގެ ދިފާޢުގައި ނުބައި ވެރިކަންތަކާއި ދެކޮޅަށް ނުކުތެވެ. އެފެންވަރެއް އެހިތްވަރެއް "ދިވެހި މީހާ" ކިބާގައި ނެތެވެ.