ވެނެޒުއެލާގެ ރައީސް މަޑުރޯ ކިޑްނޭޕްކުރެވެމުން ދިޔަ ވަގުތު ޗައިނާ ހިމޭންވެގެން ތިބި ކަން މިއީ ދުނިޔޭގެ ލީޑަރުންނަށް ބޮޑު ފިލާވަޅެކެވެ.
ވެނެޒުއެލާއަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ޗައިނާ އާއި ގާތް ގުޅުމެއް ބޭއްވި، އަދި ހެޔޮ އަގުގައި ޗައިނާ އަށް ތެޔޮ ވިއްކާ، އިކްތިޞާދީ ގުޅުން ބަދަހިކޮށްގެން ކުރިއަށް ދިޔަ ގައުމެކެވެ. ނަމަވެސް އެންމެ ބޭނުންވި އިރު، ވެނެޒުއެލާގެ ލީޑަރު ހައްޔަރުކުރެވި، އެމެރިކާއަށް ގެންދެވި ވަގުތު ޗައިނާ އިން އެއްވެސް ވަރަކަށް ވެނުޒުވޭލާގެ ރައީސް ދިފާއުއެއް ނުކުރިއެވެ.
މިކަމުން އެނގެނީ ޗައިނާގެ ސިޔާސީ ގުޅުމަކީ ހަމައެކަނި އެގައުމުގެ ފައިދާއަށް އޮންނަ ގުޅުމެއްކަމެވެ. އެހެން ގައުމުތަކުގެ ސިޔާސީ ސަލާމަތާއި ސިޔާދަތު ދިފާއުކުރުމަށް ޗައިނާ އަމަލީގޮތުން އެއްވެސް ބުރައެއް ނުނަގާ ކަމެވެ.
ޗައިނާގެ ޑިޕްލޮމެޓިކް ފެއިލިއަރެއް
މަޑުރޯ ކިޑްނޭޕްކުރެވުނު ދުވަހުވެސް، ޗައިނާގެ އިސްވެރިއެއް މަޑުރޯ އާ ބައްދަލުކޮށްފައިވެއެވެ. ދެ ގައުމުގެ ދެމެދުގައި ގިނަ ބައްދަލުވުންތައްކެއް ބާއްވައި ޗައިނާ އިން ވެނެޒުއެލާ އަށް ފުރިހަމަ ސަޕޯޓު ދޭނެ ކަމުގެ ވައުދުތައް ވެފައިވާ އިރު، މަޑުރޯ އަށް އެންމެ ބޭނުންވި އިރު އެ ވައުދުތަކަށް ޗައިނާ ހުރުމަތް ނުކުރިއެވެ. މިއީ ޗައިނާގެ ޑިޕްލޮމެސީގެ ހަގީގަތް ދައްކައިދޭ ހާދިސާއެކެވެ. ބައިނަލްއަގުވާމީ ގާނޫނާއި ސިޔާދަތު ރައްކާތެރިކުރުމުގެ މަސައްކަތުގައި އެއްވެސް ހަގީގީ ބުރައެއް ޗައިނާ ނުނަގައެވެ.
އދ ގައި ބާރުގަދަ ނުވުން
ޗައިނާއަކީ ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރެކެވެ. މިއީ ވީޓޯ ބާރު ލިބިފައިވާ، ބައިނަލްއަގުވާމީ ގާނޫނު ހިމާޔަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ގައުމެކެވެ. މަޑުރޯ ހައްޔަރުކުރުމަކީ އެގައުމުގެ ސިޔާދީ ހައިސިއްޔަތަށް ދިން ސީދާ އުދުވާނެއް ކަމުގައިވިޔަސް، ޗައިނާ އިން ސެކިއުރިޓީ ކައުންސިލްގައި މި މައްސަލަ އުފުލުމަށް ވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ. މިކަމުން ފާހަގަވަނީ ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާ އިން އެމެރިކާ އާ ދެކޮޅަށް ހަގީގީ ބާރެއް ބޭނުން ނުކުރާނެ ކަމެވެ. އެހެން ގައުމެއްގެ ލީޑަރު ހައްޔަރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުގައި އެއްވެސް އަސާސެއް ނެތް ކަމެއް ކަމުގައިވިޔަސް، ޗައިނާ ފަދަ ބޮޑެތި ގައުމުތައް ހިމޭނުން ތިބުމުން މިކަމަށް ފުރުޞަތު މިވަނީ ފަހިވެފައެވެ.
އިކޮނޮމިކް ފައިދާއަށްޓަކައި މައިގަނޑު އުސޫލުތައް ގުރުބާންކުރުން
ވެނެޒުއެލާ އިން ޗައިނާ އަށް ވަނީ ބިލިއަން ބިލިއަން ޑޮލަރުގެ ތެޔޮ ސަޕްލައިކޮށްދީފަ އެވެ. ޗައިނާގެ "ބެލްޓް އެންޑް ރޯޑް" އިނިޝިއޭޓިވްގެ ދަށުން ވެނެޒުއެލާގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް ވަނީ އިންވެސްޓް ކޮށްފަ އެވެ. ނަމަވެސް މިހާ ގާތް އިކޮނޮމިކް ޕާޓްނަރެއްގެ ސިޔާދަތަށް ހަމަލާ އައިއިރު، ޗައިނާ އިން ހިމޭނުން ތިބުމަކީ އެގައުމުގެ ސިޔާސަތުގެ ހަގީގަތެވެ. މިކަމުން ސާފުވަނީ ޗައިނާގެ ބައިނަލްއަގުވާމީ ގުޅުމަކީ ހަމައެކަނި އިކޮނޮމިކް ފައިދާތަކުގެ މައްޗަށް ބިނާކުރެވިފައިވާ، ސިޔާސީ އަދި އަހުލާގީ އެއްބާރުލުން ނެތް ގުޅުމެއް ކަމެވެ. މިއީ ކުޑަ ގައުމުތަކުން ވިސްނަންޖެހޭ ކަމެކެވެ - އިގްތިޞާދީ ޕާޓްނަރަކީ ސިޔާސީ ރައްކާތެރިކަން ދޭނެ ފަރާތެއް ކަމުގައި ނުވެދާނެ އެވެ.
މަލްޓިޕޯލަރ ދުނިޔެއެއްގެ ވައުދުގެ ހަގީގަތް
ޗައިނާ އިން ގިނަ ފަހަރަށް ދައްކަނީ އެމެރިކާގެ އޮތަސް، މަލްޓިޕޯލަރ ދުނިޔެއެއް ބިނާކުރުމުގެ ވާހަކަ އެވެ. އެއީ އެއް ބާރުގެ ދަށުގައި ދުނިޔެ ނުހިނގާ، ހުރިހާ ގައުމުތަކުގެ ރައިޓްސް ހިމާޔަތްކުރެވޭ ދުނިޔެއެއް ބިނާކުރުމުގެ ވިސްނުމެވެ. ނަމަވެސް މަޑުރޯ ކިޑްނޭޕްކުރެވުމުގައި ޗައިނާގެ ހިމޭންތިބުމުން ފެންނަނީ މި ވައުދުތަކަކީ ހަމައެކަނި ވާހަކަތަކެއް ކަމެވެ. މިއީ ދުނިޔޭގެ ކުޑަކުދި ގައުމުތަކަށް ބޮޑު ފިލާވަޅެކެވެ - އިންސާފާއި ހަމަހަމަކަމުގެ ވާހަކަތައް ދައްކާ ބޮޑެތި ބާރުތަކަށް އިތުބާރުކުރުމުގެ ކުރިން އަދި ވިސްނާލަން ޖެހެއެވެ.
އެހެން ލީޑަރުންނަށް އިންޒާރެއް
މި ހާދިސާއިން މުހިންމު ފިލާވަޅެއް ލިބެނީ ދުނިޔޭގެ އެހެނިހެން ކުދި ގައުމުތަކުގެ ލީޑަރުންނަށެވެ. ޗައިނާގެ އިކޮނޮމިކް އެހީތެރިކަމާއި އިންވެސްޓްމަންޓްތައް މުހިންމު ނަމަވެސް، އެއީ ސިޔާސީ ރައްކާތެރިކަމުގެ ގެރެންޓީއެއް ނޫނެވެ. ވެނެޒުއެލާގެ މަޑުރޯ އަށް ވީ ގޮތަށް، ކޮންމެ ލީޑަރަކަށް ވެސް ވެދާނެ އެވެ. ބައިނަލްއަގުވާމީ ގުޅުމުގައި ޑައިވަރސިފިކޭޝަން ވަރަށް މުހިންމެވެ. އެއް ބާރުތަކަކަށް ވަރަށް ބޮޑަށް ބަރޯސާވުމަކީ ނުރައްކާތެރި ކަމެކެވެ. މީގެ އިތުރުން، ހަގީގީ މަލްޓިލެޓެރަލިޒަމް - ބައިނަލްއަގުވާމީ ގާނޫނާއި އިންސާފު ހިމާޔަތްކުރާ، ކުޑަ ގައުމުތަކުގެ ރައިޓްސްއަށް އަޑު އަހާ ބައިނަލްއަގުވާމީ ނިޒާމެއް ބިނާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަކީ އެންމެ މުހިންމު ކަމެވެ. ބޮޑެތި ބާރުތަކުގެ ވައުދުތަކަށް ބަލައިގެން އެކަނި ތިބެގެން ނުވާނެ އެވެ.