ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އެންމެ މަތީ ލީޑަރ ޝީ ޖިންޕިންގ ވަނީ އެ ގައުމުގެ ސިފައިންގެ އެންމެ މަތީ ލެވެލްގައި ހުންނެވި ޖެނެރަލް ޒަންގ ޔޫޝިޔާ ވަޒީފާއިން ވަކިކުރައްވާފައެވެ. މީގެ އިތުރުން އެހެން މަތީ ފަންތީގެ ސިފައިންގެ އޮފިސަރެއް ކަމުގައިވާ ޖެނެރަލް ލިއު ޒެންލީވެސް ވަނީ ވަޒީފާއިން ވަކިކުރެވިފައެވެ.
ޖެނެރަލް ޒަންގަކީ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ) ގެ ނައިބު ޗެއަރމަންގެ މަޤާމް އަދާކުރެއްވި ބޭފުޅެކެވެ. ސީއެމްސީއަކީ ޗައިނާގެ ހުރިހާ ސިފައިން ކޮންޓްރޯލް ކުރާ ކޮމިއުނިސްޓް ޕާޓީގެ ގްރޫޕެކެވެ. މި ގްރޫޕްގެ ވެރިއަކީ ޝީ ޖިންޕިންގއެވެ.
ސީއެމްސީގައި އާންމުކޮށް 7 މެންބަރުން ތިބޭއިރު، މިހާރު މި ކޮމިޓީގައި ތިބީ އެންމެ ދެ މެންބަރުންނެވެ. އެއީ ޝީ ޖިންޕިންގ އަދި ޖެނެރަލް ޒަންގ ޝެންގމިންއެވެ. އެހެން ހުރިހާ މެންބަރުން ވަނީ "ކޮރަޕްޝަން" ގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
މި މެންބަރުން ވަކިކުރުމުގެ ސަބަބުން ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ. އޭޝިއާ ސޮސައިޓީ ޕޮލިސީ އިންސްޓިޓިއުޓްގެ ލައިލް މޮރިސް ވިދާޅުވިގޮތުގައި، "ޕީއެލްއޭ ވަނީ ބޮޑު މައްސަލަގަނޑެއްގައި" އަދި "ލީޑަރޝިޕްގައި ބޮޑު ހުސްކަމެއް" އޮތްކަމަށް އޭނާ ބީބީސީއަށް ވިދާޅުވިއެވެ.
ގިނަ ޖެނެރަލުން ވަޒީފާއިން ވަކިކުރެވުމުގެ ސަބަބާމެދު ވަރަށް ގިނަ އަޑުތައް އިވެމުންދެއެވެ. އޭގެ ތެރޭގައި އެމެރިކާއަށް ނިއުކްލިއަރ ސިއްރުތައް ހާމަކުރުމާއި، ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި ބޭޖިންގގައި ބަޑި ހިފައިގެން ހަނގުރާމަ ކުރިކަމުގެ އަޑުތައްވެސް އިވެއެވެ.
ޖެނެރަލް ޒަންގ އަދި ލިއުއާމެދު ކުރެވޭ ތުހުމަތުތަކަކީ "ގަވާއިދާއި ޤާނޫނާ ޚިލާފުވުން" ކަމުގައި ސަރުކާރުގެ އިއުލާނުގައި ބުނެފައިވެއެވެ. މިއީ ކޮރަޕްޝަންގެ ތުހުމަތު ކުރުމަށް ބޭނުންކުރާ ޢިބާރާތެކެވެ.
އެންމެ މަތީ ސިފައިންގެ ޕްރޮފެޝަނަލުން ނެތުމުގެ ސަބަބުން ޝީ ޖިންޕިންގގެ ބާރު އިތުރަށް ވަރުގަދަވެގެން ދިއުމަކީ އޭނާގެ ނިންމުންތަކަށް އެކަނި ބަރޯސާވުން އިތުރުވެގެން ދާނެކަމެކެވެ.