އެފްރިކާގެ ޤައުމުތަކާއި ޗައިނާއާ ދެމެދު ހިނގަމުންދާ މާލީ މުޢާމަލާތްތަކުގައި ފާހަގަކުރެވޭ ބަދަލެއް އަތުވެއްޖެއެވެ. މިގޮތުން އެފްރިކާގެ ޤައުމުތަކުން ޗައިނާއަށް ދައުރުކުރާ ފައިސާގެ އަދަދު، ޗައިނާއިން ލިބޭ އާ ލޯނުތަކަށްވުރެ އިތުރުވެއްޖެއެވެ.
އެފްރިކާ އާއި ޗައިނާ: ބަދަލުވަމުންދާ މާލީ ގުޅުން
ވަން ޑޭޓާގެ ދިރާސާއަކުން ދައްކާގޮތުގައި ޗައިނާއިން ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދޫކުރާ އާ ލޯނުތައް މަޑުޖެހިފައިވާއިރު، ކުރިން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން އިތުރުވަމުން އަންނަ މިންވަރު ފާހަގަކޮށްލެވެއެވެ.
ޚާއްޞަކޮށް އެފްރިކާގެ ޤައުމުތަކުގައި މިކަން އެންމެ ބޮޑަށް ފާހަގަކުރެވިފައިވެއެވެ. މީގެ ސަބަބުން ޗައިނާއަށް ކުރިން ފައިނޭންސްކުރި ޤައުމުތަކުގެ "ނެޓް ޕްރޮވައިޑަރ" ގެ ދައުރުން "ނެޓް ރިސީވަރ" އަށް ބަދަލުވެފައިވެއެވެ. ވޭތުވެދިޔަ 2015-2019 އަހަރުތަކާ އަޅާބަލާއިރު 2020-2024 އަހަރުތަކުގައި އެފްރިކާގެ ޤައުމުތަކުން ޗައިނާއަށް ފައިސާ ދައުރުވުމުގައި 52 ބިލިއަން ޑޮލަރުގެ ބަދަލެއް އައިސްފައިވެއެވެ.
ކުރިން ލިބެމުން އައި ފައިސާ މިހާރު ދައްކަމުންދަނީ
2015-2019 ގައި 30 ބިލިއަން ޑޮލަރު އެފްރިކާއަށް ވަންނަމުންދިޔަ ނަމަވެސް، 2020-2024 ގައި 22 ބިލިއަން ޑޮލަރު އެފްރިކާއިން ބޭރަށް ދައުރުވެފައިވެއެވެ.
ކުރިން ޗައިނާއިން ލިބުނު ލޯނުތައް މިހާރު އަނބުރާ ދައްކަންޖެހުމާ އެކު، އާ ލޯނުތައް ލިބޭ މިންވަރު މަދުވުމުގެ ސަބަބުން އިންޓްރެސްޓާއި އެކު ދައްކަން ޖެހޭ ފައިސާ ގިނަވެ، ޤައުމުތައް ވަނީ ޗައިނާގެ ލޯނުތަކުގައި ތާށިވެފައެވެ.
ޤައުމުތަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް
ވަން ޑޭޓާގެ ތަންފީޛީ ޑިރެކްޓަރު ހާމަ ކުރި ގޮތުގައި، މި ޓްރެންޑަކީ އެފްރިކާގެ ޤައުމުތަކަށް "ނެޓް ނެގެޓިވް" އަކަށްވެފައިވެއެވެ. ސަރުކާރުތަކަށް އާންމު ޚިދުމަތްތައް ދިނުމަށާއި އިންވެސްޓްމަންޓްތަކަށް ފައިސާ ހޯދުމަށް ދަތިތައް މިހާރު ވަނީ ކުރިމަތިވެފައެވެ.
2025 ގައި އަލުން ޚަރަދު ކުރަން ފެށުން
2024 ވަނަ އަހަރާއި ހަމައަށް އެހެން ޤައުމުތަކަށް ޚަރަދު ކުރުން ޗައިނާ އިން ހުއްޓާލާފައި ވީ ނަމަވެސް، 2025 ވަނަ އަހަރު ޗައިނާގެ ބޭރުގެ ޑީލްތައް އަލުން އިތުރުވެފައިވެއެވެ. ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ގެ ޑީލްތައް ރެކޯޑު ހައި ލެވެލްއަށް އަރާފައިވެއެވެ.
މިގޮތުން 213.5 ބިލިއަން ޑޮލަރުގެ ޑީލްތައް ފާއިތުވި އަހަރު ހެދިފައިވެއެވެ. މީގެ ތެރޭގައި 128.4 ބިލިއަން ޑޮލަރުގެ ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކާއި 85.2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ހިމެނެއެވެ. އަދި އެފްރިކާއަކީ މީގެ އެންމެ ބޮޑު ފައިދާ ވާ ފަރާތެވެ.
ނަމަވެސް 2025 ވަނަ އަހަރު ޗައިނާއިން ރާއްޖެއަކަށް ޚަރަދެއް ނުކުރެއެވެ. އިންވެސްޓެއް ވެސް ނުކުރެއެވެ. ރައީސް މުއިއްޒަކީ އެއްވެސް ޤައުމަކުން ބަލައިގަންނަ ލީޑަރެއް ނޫނެވެ.