ތުރުކީގެ އެންޓާލިޔާގައި ހުންނަ ޑަބަލްޓްރީ ބައި ހިލްޓަން ރިސޯޓަކަށް "މޯލްޑިވްސް އޮފް ތާކީ" ގެ ނަން ދީގެން ބޮޑެތި ނޫސްތަކުގައި އިޝްތިހާރު ކުރަން ފަށައިފިއެވެ. މި ރިސޯޓުގައި ހުންނަ ބީޗް ކެބާނާތައް ރާއްޖޭގެ ވޯޓާ ވިލާތަކާ ވައްތަރު ކަމަށް ބުނެ، ރާއްޖެއަށް ވުރެ މާ އަގުހެޔޮ ކަމަށް ދަ ސަން ނޫހުގައި ލިޔެފައިވެއެވެ. މި ރިސޯޓުގެ ކޮޓަރިއެއްގެ އަގު ރެއަކަށް 188 ޑޮލަރުން ފެށޭ ކަމަށް ބުނެ، ރާއްޖެ ދައްކާފައިވަނީ ރެއަކަށް 1,600 ޑޮލަރަށް ވުރެ އަގުބޮޑު ތަނެއްގެ ގޮތުގައެވެ.
ނަމަވެސް މިއީ ހަގީގަތާ މުޅިން ޚިލާފު ވާހަކައެކެވެ. ރާއްޖޭގައި ގެސްޓްހައުސް އިންޑަސްޓްރީއެއް އެބައޮތެވެ. ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކުން ރެއަކަށް 50 ޑޮލަރާއި 150 ޑޮލަރާ ދެމެދުގެ އަގުތަކުގައި ކޮޓަރި ލިބެއެވެ. އެހެންކަމުން ރާއްޖެއަކީ ތުރުކީގެ މި ރިސޯޓަށް ވުރެ ވެސް އަގުހެޔޮ މަންޒިލެކެވެ.
"މޯލްޑިވްސް" މި ނަމަކީ ދިވެހި ދައުލަތާއި ޚާއްސަކޮށް ޕްރައިވެޓް ސެކްޓަރުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ބިނާކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ ބްރޭންޑެކެވެ. އެހެން ކޯޕަރޭޝަނެއްގެ ބްރޭންޑް ނަން ބޭނުންކޮށްގެން އެހެން ބަޔަކު ވިޔަފާރި ކުރާ ނަމަ ދައުވާ ކުރާނެއެވެ. ހަމަ އެގޮތަށް އެމްއެމްޕީއާރުސީން ވެސް މި ކަމުގައި ފިޔަވަޅު އަޅައި ދައުވާ ކުރަން ޖެހޭ ނަމަ ގެއްލުމުގެ ބަދަލުގައި އާއި ނަން ބޭނުން ކުރުމުގެ ކުށުގައި ދައުވާ ކުރަން ޖެހެއެވެ.
ނަމަވެސް ސަރުކާރު އޮތީ ހަނު ހިމޭނުންނެވެ. އިންޑިޔާގެ ލަކްޝްދީބު އިސްތިހާރު ކޮށްގެން އެކަމާއި ދެކޮޅަށް ނުކުތް މަލްޝާ އާއި ޝިއުނާވެސް ހަމަ ހުރީ ހަނުއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަރުކާރުން މި ކަމާ އަޅާނުލައި އޮތީ ރައީސް ތުރުކީއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ. އެ ގުޅުމުގައި ހިމެނެނީ ކޮރަޕްޝަނާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ވިއްކާލުމެވެ. ބޮޑު އަދަދެއްގެ ކަޓު ނަގައިގެން 3 ފަހަރު މަތިން ރާއްޖެއަށް ވަނީ ޑްރޯން ގެނެސްފައެވެ. ޑްރޯންތަކާއި އެކު ވަނީ ތުރުކީ ސިފައިވެސް ރާއްޖޭގައި ވަޒަން ވެރި ކޮށްފައެވެ. އެހެންކަމުން ރާއްޖޭގެ ނަން ކިތަންމެ ކިލަނބު ކުރިއަސް ރައީސް މުއިއްޒަށް ބުނެވޭނެ ބަހެއް ނެތެވެ. ވައްކަމާއި ކޮރަޕްޝަނުގައި ރައީސް މުއިއްޒު ވަނީ ތުރުކީގެ ވެރިންގެ މުށުގައި ފިތިފައެވެ. ނަމަވެސް ގައުމުގެ އެންމެ ބޮޑު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ބްރޭންޑް ހިމާޔަތް ކުރުމަކީ ސިޔާސީ ގުޅުންތަކަށް ވުރެ އަދި ވައްކަމާއި ޒާތީ މަންފާއަށް ވުރެ މުހިންމު ކަމެއް ކަމަކަށް މުއިއްޒެއް ނުދެކެއެވެ.