ޚަބަރު

ދުނިޔޭގެ ތާރީޚު ލިޔެވިގެން ދާނީ - މުއިއްޒަކީ ސަރަހައްދީ ރައްކާތެރިކަން ގެއްލުވާލުމަށް ތުރުކީ ސިފައިން އިންޑިޔާ ކަނޑަށް ގެނެސް އޭގެ ނިކަމެތިކަން ރައްޔިތުންނަށް ޖެއްސި ހާއިނު ކަމަށް

ދިޔަވަރު
ދުނިޔޭގެ ތާރީޚު ލިޔެވިގެން ދާނީ - މުއިއްޒަކީ ސަރަހައްދީ ރައްކާތެރިކަން ގެއްލުވާލުމަށް ތުރުކީ ސިފައިން އިންޑިޔާ ކަނޑަށް ގެނެސް އޭގެ ނިކަމެތިކަން ރައްޔިތުންނަށް ޖެއްސި ހާއިނު ކަމަށް

އިންޑިޔާ ކަނޑަކީ މިހާރުވެސް ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ ހޫނުގަދަ މައިދާނެކެވެ. އެމެރިކާގެ ޑިއެގޯ ގާސިއާ އަސްކަރީ ބޭސް ޗާގޯސްގައި ޤާއިމުވެފައި އެބައޮތެވެ. ޗައިނާއިން ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރު ސްޓްރެޓީޖިކް ކޮންޓްރޯލްގެ ދަށަށް ގެނެސް، ޖާސޫސީ އުޅަނދުފަހަރު މި ސަރަހައްދުގައި ދުއްވަމުން ގެންދެއެވެ. އިންޑިޔާ އޮތީ ސަރަހައްދީ ބާރެއް ގޮތުގައެވެ. މިފަދަ ނާޒުކު، ވާދަވެރި މާހައުލެއްގެ ތެރެއަށް އިތުރު ބާރެއް ވައްދައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ރައީސް މުއިއްޒު އެ ކުރައްވާ ކަމަކީ ހަމަ އެއީއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ރަސްމީ ދަތުރުފުޅު ތުރުކީއަށް، ދެވަނަ ދަތުރުފުޅު ޗައިނާއަށް ކުރެއްވީ އިއްތިފާގަކުން ނޫނެވެ. ތުރުކީގެ ރައީސް އެރުދޮޣާންގެ ސަރުކާރުން ފުރަތަމަ ތިން ޑްރޯން ހޯއްދެވިއެވެ. އެފަހުން 2 ފަހަރު މަތިން ޑޮރޯން ގެނެސްފިއެވެ. މިހާރު ޑޮގަން ކްލާސް ފާސްޓް އެޓޭކް މިސައިލް ބޯޓް، ޖީ.ސީ.ޖީ ވޮލްކާން (ޕީ-343) ރީފާބިޝް ކޮށް، ވަނީ ގެނެސްފައެވެ. ޑްރޯންވެސް، ބޯޓުވެސް ދުއްވަން ތިބީ ތުރުކީ ސިފައިނެނެވެ. ދިވެހިންނެއް ނޫނެވެ. މި އުޅަނދުގައި ހާޕޫން އެންޓި-ޝިޕް މިސައިލް ސިސްޓަމް އިންޓެގްރޭޓް ކޮށްފައި ހުރި ކަމަށާއި، "އޯވާ ދަ ހޮރައިޒަން ސްޓްރައިކް" ޤާބިލިއްޔަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދުނިޔޭގެ ތާރީޚު ލިޔެވިގެންދާއިރު، އިންޑިޔާ ކަނޑުގެ ސްޓްރެޓީޖިކް ހަމަޖެހުން ގެއްލުވާލައި، ތުރުކީގެ އަސްކަރީ ފައިތިލަ މި ސަރަހައްދަށް ފެތުރުމަށް ދޮރު ހުޅުވައިދިން ފަރާތަކީ މުއިއްޒު ކަމުގައި ރެކޯޑް ކުރެވޭނެއެވެ. ޤައުމާއި ސަރަހައްދީ ހަމަޖެހުން ނަގާލި ހާއިނެއް ގޮތުގައެވެ.

ސުވާލަކީ މި ހަތިޔާރާއި ޑްރޯންތަކުން ދިވެހިރާއްޖެ ދިފާޢު ކުރާނީ ކާކުގެ ކިބައިންތޯއެވެ؟ ދިވެހިރާއްޖެ ފެންނަ ހިސާބުގައި އޮތް އެއްވެސް ޤައުމެއްގެ ފަރާތުން އުދުވާނީ ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް އެއްވެސް ދިވެއްސަކު ޤަބޫލެއް ނުކުރެއެވެ. މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވަން ނަމަ، މިސައިލް ބޯޓެއް ބޭނުންކުރުމަކީ މެއްސެއް މެރުމަށް ބުލްޑޯޒަރެއް ނެރުން ފަދަ ކަމެކެވެ. އެމް.އެން.ޑީ.އެފްގެ ކޯސްޓް ގާޑް ވިންގެއް ފުޅާކުރުން ނުވަތަ އައު ނޭވަލް ވިންގެއް އުފެއްދުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ ސިފައިން ހޯދާނީ ކޮންތާކުންތޯއެވެ. ކުޑަ އާބާދީއެއް އޮތް ޤައުމެއްގައި، މިއީ ޖަވާބެއް ނެތް ބޮޑެތި ސުވާލުތަކެކެވެ. މި ސުވާލުތަކަށް ސަރުކާރުން ޖަވާބެއް ނުދެއެވެ.

ދިވެހިރާއްޖެއަކީ އިޤުތިޞާދީ ގޮތުންވެސް އަސްކަރީ ގޮތުންވެސް ބާރެއް ނެތް ޤައުމެކެވެ. ބައިނަލްއަޤުވާމީ ގުޅުންތަކުގައި ކުދި ޤައުމުތައް ރައްކާތެރިވެ ތިބެނީ ހެޖިން ސްޓްރެޓެޖީ ނުވަތަ ޝެލްޓަރިން ސްޓްރެޓެޖީގެ ތެރެއިންނެވެ. އެއް ބާރަކާ ދެކޮޅަށް އަނެއް ބާރެއް ނެގުމުގެ ބަދަލުގައި، ތިބި ބައެއްގެ މެދުގައި ހަމަހަމަ ގުޅުން ބާއްވައި، އެއްވެސް ފަރާތެއްގެ ޕްރޮކްސީ އަށް ނުވެ، ތިމާގެ ސިޔާދަތު ރައްކާތެރިކުރުމެވެ. ނަމަވެސް މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަކީ މުޅިން ތަފާތު ކަމެކެވެ. ތުރުކީގެ އެޓޭކް ކްރާފްޓާއި ޑްރޯން ގެނެސް، އެ މީހުންގެ ސިފައިން ގެނެސް ސަރަހައްދީ ހަމަ ޖެހުން ނަގާލުމެވެ. ނަތީޖާއަކަށް ވީ ރާއްޖެއަށް ޗައިނާއިން ދެމުން އައި އެހީތައް ހުއްޓުމެވެ. ސަރައްހައްދީ ނުތަނަސްވަކަން އިންޑިޔާވެސް އިހްސާސް ކުރަން ޖެހުމެވެ. ޚާރިޖީ ސިޔާސަތު ނުދަންނަ މިކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ތަންދޮރު ނުދަންނަ ވެރިއެއްގެ ސަބަބުންނެވެ. އެންމެފަހުން ހުރިހާ ކޮޅަކުން ކުޅެން އުޅެ އެއްވެސް ކޮޅެއް ގައި ލައްވާ ނުލިއެވެ. ބޮޑު ބާރުތަކުގެ ވާދަވެރިކަން ރާއްޖޭގެ ސަރަހައްދުގައި ގަދަކުރުމުން ފިތޭނީ ރައްޔިތުންނެވެ. ނިކަމެތިކަން ލިބޭނީ އާންމުންނަށެވެ.

އިޤުތިޞާދީ ކާރިޘާގެ ތެރޭގައި އޮތް ރާއްޖެއަށް، ކާބޯތަކެތި ތުރުކީއިން ގެންނާނެ ކަމަށް ބުނި ފަރާތް އެހެރީއެވެ. މިހާރު އެވާހަކަ ދައްކާވެސް ނުލައެވެ. ބޭސް ގެންނަން ޔޫރަޕާއި އެމެރިކާއަށް ބެލި ބެލުން ކާމިޔާބެއް ނުވިއެވެ. އިންތިހާއަށް ލޯނު ނެގައިގެން، ތުރުކީ ހަތިޔާރު ބެލެހެއްޓުމާއި، ބާ ދަގަނޑުގަނޑު ބެލެހެއްޓުމަށް ޚަރަދު ކުރާނ ފައިސާ އެއް ދައުލަތުގައި ނެތެވެ. ޑޮލަރުގެ އަގު 21.25 އަރައިފިއެވެ.

އިންޑިޔާ ކަނޑުގެ ހަމަޖެހުން ނަގާލައި، ސަރަހައްދީ ބާރުތަކުގެ ވާދަވެރިކަން އިތުރުކޮށް، ތުރުކީއަށް މި ކަނޑުގައި ފައި ހިއްޕާލަން ދައުވަތު ދިން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަވެ، ދިވެހިން މިހާރު ދަނީ އެ ބުރަ އުފަލަމުންނެވެ. ތާރީޚުގެ ފޮތްތަކުގައި މުއިއްޒުގެ ނަން ލިޔެވިގެންދާނީ، ސަރަހައްދީ ރައްކާތެރިކަމުގެ ހަމަޖެހުން ގެއްލުވާލައި، ބޮޑެތި ބާރުތަކުގެ ކުޅިވަރުގެ މައިދާނަކަށް ދިވެހިރާއްޖެ ބަދަލުކޮށްލި ނުބައި ވެރިއެއްގެ ގޮތުގައެވެ.