ޚަބަރު

ރެޑްފޯޓް ޓެރަރިސްޓް ހަމަލާދިން މީހުންގެ ތެރޭ ހިމެނޭ ޓެރަރިސްޓަކު ރާއްޖޭގައި އުޅެފައިވޭ - ރާއްޖޭގެ ހަރުކަށި ފިކުރުގެ ފަރާތްތަކާއި ބައްދަލުވެފައި ވޭތޯ ދަނީ ތަހުޤީގު ކުރަމުން

ދިޔަވަރު
ރެޑްފޯޓް ޓެރަރިސްޓް ހަމަލާދިން މީހުންގެ ތެރޭ ހިމެނޭ ޓެރަރިސްޓަކު ރާއްޖޭގައި އުޅެފައިވޭ - ރާއްޖޭގެ ހަރުކަށި ފިކުރުގެ ފަރާތްތަކާއި ބައްދަލުވެފައި ވޭތޯ ދަނީ ތަހުޤީގު ކުރަމުން

މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީގެ ރެޑްފޯޓް ކައިރީގައި ކާރެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި މަދުވެގެން 15 މީހުން މަރުވެ 20 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ބައިނަލްއަގުވާމީ ފެންވަރެއްގައި ފުޅާކޮށްފައެވެ.

އުއްތަރު ޕްރަދޭޝްގެ އެންޓި ޓެރަރިސްޓް ސްކޮޑް (އޭ.ޓީ.އެސް) އިން ދަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޑރ. ޝާހީން ޝާހިދު އާއި އޭނާގެ ބޭބެ ޑރ. ޕަރވޭޒްގެ ބޭރު ގައުމުތަކަށް ކޮށްފައިވާ ދަތުރުތައް ތަހުގީގުކުރަމުންނެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި މި ދެ މީހުންގެ ބައިނަލްއަގުވާމީ ދަތުރުތަކަކީ ހަރުކަށި ފިކުރުގެ ނެޓްވޯކް ދެނެގަތުމުގައި މުހިންމު ހެކިތަކެއް ލިބިދާނެ ކަމެކެވެ.

ޕަރވޭޒް 2016 ވަނަ އަހަރު ދިވެހިރާއްޖެއަށް ދަތުރުކޮށް އަމިއްލަ ތަނެއްގައި މަސައްކަތްކުރި ކަމަށް ބެލެވެއެވެ. އޭ.ޓީ.އެސް އިން ދަނީ އޭނާ ރާއްޖޭގައި ހުރި ދުވަސްވަރު ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާ ބައްދަލުވެފައިވޭތޯ ބަލަމުންނެވެ. އެ މުއްދަތުގައި އޭނާ ކޮށްފައިވާ ބޭންކް މުއާމަލާތްތަކާއި މުވާސަލާތީ ރެކޯޑްތައް ވެސް ދަނީ ތަހުގީގުކުރަމުންނެވެ.

މީގެ އިތުރުން ޝާހީން ތުރުކީ ރައްޔިތަކާ އޮންލައިންކޮށް މުއާމަލާތްކޮށްފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް މި ދެ މީހުން އެއްވެސް "ދުޝްމަން ގައުމަކަށް" ދަތުރުކޮށްފައިވާ ކަމުގެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށް ތަހުގީގީ އިދާރާތަކުން ބުނެއެވެ. މި ތަހުގީގު އޮތީ ފެށުމުގެ މަރުހަލާގައި ނަމަވެސް އެންމެ އިސްކަންދޭ ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމަށް އޭ.ޓީ.އެސް އިން ހާމަކުރެއެވެ.