މީޑިއާ ފްރީޑަމް ރެޕިޑް ރެސްޕޮންސް (އެމް.އެފް.އާރް.އާރް) އިން ޝާއިޢުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، 2025 ވަނަ އަހަރު ތުރުކީގައި ނޫސްވެރިކަމުގެ މިނިވަންކަމާ ޚިލާފު 137 މައްސަލަ އެއް ރެކޯޑުކުރެވިފައިވެއެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ޤައުމުތަކާއި ކެންޑިޑޭޓު ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ މައްސަލަ ރެކޯޑުކުރެވުނު ޤައުމެވެ. މި އިހާނެތި ޢަމަލުތަކުގެ އަސަރު 259 ނޫސްވެރިންނާއި މީޑިއާ އިދާރާތަކަށް ފޯރާފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސްޓޮކްހޯމް ސެންޓަރ ފޯ ފްރީޑަމް އިން ރިޕޯޓުކުރި ގޮތުގައި، ރައީސް ރެޖެބް ޠައްޔިބް އެރްދޮޣާންގެ އެންމެ ވާދަވެރި ސިޔާސީ ވާދަވެރިޔާ ކަމުގައި ބެލެވޭ އިސްތަންބޫލްގެ މޭޔަރ އެކްރެމް އިމާމޮޣްލޫ މާރިޗް މަހު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު މި އަނިޔާވެރި ޢަމަލުތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.
ރެކޯޑުކުރެވުނު ހުރިހާ މައްސަލަތަކުގެ 70.8 އިންސައްތައަކީ އަދުލު އިންސާފުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްވެރިންނާ ދެކޮޅަށް ހިންގި ޢަމަލުތައް ކަމުގައި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ރެގިއުލޭޓަރީ ފިއްތުންތައް 2024 ވަނަ އަހަރު 2.2 އިންސައްތައިގައި ހުރި ނަމަވެސް 2025 ވަނަ އަހަރު 10.2 އިންސައްތައަށް މައްޗަށް ޖެހިފައިވެއެވެ. ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މައްސަލަތައް، އެއީ 49.6 އިންސައްތަ، ގުޅިފައިވަނީ ދޮގު މަޢުލޫމާތު ފެތުރުމާއި، ޓެރަރިޒަމާއި، ޤައުމީ ސަލާމަތާ ގުޅޭ ތުހުމަތުތަކުގައި ނޫސްވެރިން ހައްޔަރުކޮށް ބަންދުކުރުމާއެވެ. މީގެ އިތުރުން، އެ އަހަރުގެ ތެރޭގައި މަދުވެގެން 22 ނޫސްވެރިންގެ މައްޗަށް އެމީހުންގެ ރިޕޯޓުތަކާ ގުޅިގެން ކުށް ސާބިތުވެފައިވެއެވެ. މިއީ ވެރިކަމުގައި ހީލަތް ހަދައިގެން ވެރިންނަށް ތިބެވޭ ގޮތަށް ނިޒާމު ބައްޓަންކޮށް ރައްޔިތުންނަށް މުސްލިމް ވެރިއެއް ކަމަށް ދައްކައިގެން އެރްދޮޣާން ވަމުންދާ އަނިޔާގެ ކުޑަ މިންވަރެކެވެ.
ޖިސްމާނީ ހަމަލާގެ 16 ހާދިސާއާއި، މަރުގެ އިންޒާރު ހިމެނޭ ގޮތަށް ބަހުގެ ހަމަލާގެ 20 މައްސަލައާއި، މުދަލަށް ގެއްލުންދިނުމުގެ 17 ހާދިސާ ވެސް ރިޕޯޓުގައި ލިޔެކިޔައިފައިވެއެވެ. ތިމާވެށީގެ ނޫސްވެރިޔާ ހަކާން ތޮސުން މަރާލުމާއި ނޫސްވެރިޔާ މެހްމެތް ނާފިޒް ކޮޖާ އަށް ދިން ހަމަލާއަކީ އެ އަހަރު ރެކޯޑުކުރެވުނު އެންމެ ސީރިއަސް ހާދިސާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ފާތިހް އަލްތައިލީ، އިސްމާއީލް ސައިމާޒް، ނެވްޝީން މެންގޫ، ބާރިޝް ޕެހްލިވާން، ތީމޫރް ސޮއިކާން އަދި އެންވެރް އައިސެވެރް ފަދަ މަޝްހޫރު ނޫސްވެރިން ސިޔާސީ ތަހްލީލުތަކާ ގުޅިގެން ހައްޔަރުކޮށް ނުވަތަ ދައުވާ އުފުލާފައިވެއެވެ.
އިދިކޮޅު މީޑިއާ އިދާރާތަކަށް ކުރިމަތިވާ ފިއްތުންތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ޓެލެ1 ގެ އެޑިޓަރ އިން ޗީފް މެރްދާން ޔަނަރްދާގް ހައްޔަރުކޮށް އެ ޓީވީ ސްޓޭޝަނަށް ޓްރަސްޓީއެއް އައްޔަނުކުރުމަކީ މީގެ ފާހަގަކޮށްލެވޭ މިސާލުތަކެވެ. ތުރުކީގެ ބްރޯޑްކާސްޓިންގ ރެގިއުލޭޓަރ، ރޭޑިއޯ އެންޑް ޓެލެވިޝަން ސުޕްރީމް ކައުންސިލް (އާރު.ޓީ.ޔޫ.ކޭ) އިން 2025 ވަނަ އަހަރު އިދިކޮޅު މީޑިއާތަކަށް ބްރޯޑްކާސްޓް ކުރުން މަނާކުރުމާއި ޖޫރިމަނާ ކުރުމާއި ލައިސަންސް ބާތިލުކުރާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. އިމާމޮގްލޫ ހައްޔަރުކުރުމާ ގުޅިގެން ކުރި މުޒާހަރާތަކުގެ ޚަބަރު ގެނެސްދިނުމާ ގުޅިގެން ވެސް މީޑިއާތަކަށް ފިޔަވަޅު އަޅާފައިވެއެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ޚަބަރު ވެބްސައިޓުތަކާއި ސޯޝަލް މީޑިއާ އެކައުންޓުތަކަށް ވަނުން ބްލޮކުކޮށް، މުޒާހަރާތަކުގެ ދުވަސްވަރުގައި އިންޓަނެޓުގެ ބޭންޑްވިތް ދަށްކޮށް، ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގު އިތުރަށް ހަނިކޮށްފައިވެއެވެ. ގެދޮރުގައި ބަންދުކުރުމާއި، ގައުމުން ބޭރަށް ދަތުރުކުރުން މަނާކުރުމާއި، ގަވާއިދުން ފުލުސް ސްޓޭޝަނަށް ރިޕޯޓުކުރަން ޖެއްސުން ފަދަ ފިޔަވަޅުތަކުން ނޫސްވެރިންގެ ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފައިވެއެވެ. 2020 ވަނަ އަހަރު ގާއިމުކޮށް ޔޫރަޕިއަން ކޮމިޝަނުން ބައެއް ޚަރަދުތައް ބަލަހައްޓަމުންދާ އެމް.އެފް.އާރް.އާރް އަކީ ޔޫރަޕުގެ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވާ ގޮންޖެހުންތައް މޮނިޓަރކޮށް ރެކޯޑުކުރާ ނިޒާމެކެވެ. މި ރިޕޯޓުން ހާމަވާ ގޮތުގައި ތުރުކީގައި ފާހަގަކޮށްލެވޭ މިންވަރަކަށް ނޫސްވެރިކަމުގެ މިނިވަންކަން ހީނަރުވެ، ފާޑުކިޔާ ނޫސްވެރިކަން ކުށެއް ކަމަށް ހަދާފައި ވެއެވެ.
މިފަދަ ނުބައި ވެރިންގެ އަނިޔާވެރި އުސޫލުތައް ކޮޕީކޮށް ރައީސް މުއިއްޒު ވަނީ ދާދިފަހުން ނޫސްވެރިކަމަށް އަނިޔާވެރިވުމަށް ބިލެއް ފާސްކޮށްފައެވެ.