ޕާކިސްތާނަކީ ޒަމާނުއްސުރެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަތުރުމަގެއްގެ ގޮތުގައި ބެލެވިފައި އޮތް ޤައުމެކެވެ. ނަމަވެސް މިއަދު އެ ޤައުމު ވެފައި ވަނީ މަސްތުވާތަކެތި އުފެއްދުމާއި ބޭނުންކުރުމުގެ ދުނިޔޭގެ އެންމެ ބޮޑު އެއް މައި މަރުކަޒަށެވެ. މި ނުރައްކާތެރި ބަދަލު އައިސްފައި ވަނީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެންނެވެ.
ތާލިބާނުން ވެރިކަމަށް އައިތާ އެއް އަހަރު ފަހުން، އެ ޖަމާޢަތުން ވަނީ އޮޕިއަމް އާއި ހެރޮއިން އުފެއްދުމަށް ބޭނުންކުރާ ޕޮޕީ މާ ހެއްދުން މުޅިން މަނާކޮށްފައެވެ. މި ނިންމުމުގެ ސަބަބުން އަފްޣާނިސްތާނުގެ ޕޮޕީ ދަނޑުވެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ނަމަވެސް މި ދަނޑުވެރިކަން ނެތިގެން ދިޔައީ ނޫނެވެ؛ އެ މަސައްކަތް ބޯޑަރު ހުރަސްކޮށް ޕާކިސްތާނުގެ ބެލޫޗިސްތާން ޕްރޮވިންސަށް ބަދަލުވީއެވެ.
މަދު އަހަރުތަކެއްގެ ތެރޭގައި ބެލޫޗިސްތާން ވެފައި ވަނީ ޣައިރު ޤާނޫނީ ގޮތުން ޕޮޕީ ހައްދާ ސަރަޙައްދުގެ އެންމެ ބޮޑު އެއް މަރުކަޒަށެވެ. ހަމައެހެންމެ، އަފްޣާނިސްތާނުގެ މަސްތުވާތަކެތީގެ ވިޔަފާރިވެރިން ވަނީ ސިންތެޓިކް ޑްރަގްސް، ޚާއްޞަކޮށް މެތައެމްފެޓަމިން އުފެއްދުމާ ދިމާއަށް އުފެއްދުން ތެރިކަން ބަދަލު ކޮށްފައެވެ. އަފްޣާނިސްތާނުގައި އުފައްދާ މެތައެމްފެޓަމިން އިން މިހާރު ވަނީ ޕާކިސްތާނުގެ ބާޒާރުތައް ފުރާލައިފައެވެ.
މި ފުޅާވަމުންދާ މަސްތުވާތަކެތީގެ އިޤްތިޞާދުގެ ނަތީޖާ ޕާކިސްތާނުގެ މުޖުތަމަޢަށް ކުރަމުންދާ އަސަރު ވަރަށް ބޮޑެވެ. މިލިއަނުން ޕާކިސްތާނު ރައްޔިތުން މިހާރު ދަނީ މަސްތުވާތަކެތީގެ ވަބާއާ ހަނގުރާމަ ކުރަމުންނެވެ. ޒުވާން ޖީލުތައް މި ވަބާގެ ޝިކާރައަކަށް ވަމުން ދިޔުމަކީ ޤައުމުގެ މުސްތަޤްބަލަށް އޮތް ބޮޑު ނުރައްކަލެކެވެ.
މަސްތުވާތަކެތި އަގު ހެޔޮވެ، ދިވެހިން އެޤައުމަށް ގޮސް މީހުން މޯގޭޖް ކޮށްގެން ކިލޯ ކިލޯއިން ރާއްޖެއަށް ދަރަންޏަށް ޑްރަގް އެތެރެ ކޮށް ވިއްކައި އެފައިސާ ޕާކިސްތާނަށް ފޮނުވައެވެ.
ޕާކިސްތާނުގައި އޮތީ މިލިޓަރީ ވެރިކަމެކެވެ. ތިބީ ރައްޔިތުންނަށް އޯގާތެރި ކަމެއް ނެތް ބަޔެކެވެ. ބޯޑަރު ބެލެހެއްޓުން ވަރުގަދަ ކުރުމާއި، މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަކީ ވަގުތުން ފިޔަވަޅު އެޅުން ޟަރޫރީ ކަންކަމަށް ވިއަސް މިކަމެއް އެޤައުމުގެ ސަރުކާރުން ނުކުރެއެވެ. ޑިމޮކްރަސީ ގެއްލި، ޤައުމުގެ ވެރިކަން މިލިޓަރީގެ އަތްމައްޗަށް ފުރޮޅާލުމުން ރައްޔިތުން އަބަދުވެސް ޖެހޭނީ ގަނަ ތެޅޭށެވެ. މި ފަދަ ކާރިސާތަކުގެ އަސަރު ކައިރު ރާއްޖެ ފަދަ ޤައުމުތަކަށް އިތުރަށް ކޮށް އޭގެ ގެއްލުން ދަނީ ފޯރަމުންނެވެ.