އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެ އެވެ. މި ހިދުމަތް ކެނޑިފައިވަނީ، އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަމުން އަންނަ ފެނަކަ ކޯޕަރޭޝަނުގެ ޕަވާ ހައުސްގައި ބޭނުންކުރާ އިންޖީނެއްގައި ޓެކްނިކަލް މައްސަލައެއް ދިމާވެ، ޕަވާ ހައުސް ޑައުންވެގެން ކަމަށް ފެނަކައިން ވަނީ ހާމަކޮށްފަ އެވެ.
ފެނަކައިން ވަނީ އައްޑޫ އަށް އާ ޖެންސެޓް ކަމަށް ބުނެ ބޭނުންކޮށްފައިވާ ބާ ޖެންސެޓްތަކެއް ކަޓު ނަގައިގެން ގަނެގެން ފޮނުވާފައެވެ. މައްސަލަ ހައްލު ނުވެގެން އުޅެނީ އެހެންވެއެވެ.
ފެނަކައިން ބުނި ގޮތުގައި، ދިމާވި މައްސަލަ ވަނީ ހައްލުކޮށް ޕަވާ ހައުސް އަލުން ހިންގިފައި ކަމަށެވެ. އަދި ރަށްތަކަށް ކަރަންޓު އަނބުރާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް ބުންޏެވެ.
ހަމައެހެންމެ، ދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް ތަކުރާރުކޮށް ކަރަންޓު ކެނޑިފައިވާ ކަން ފާހަގަކޮށްލެވެ އެވެ. ސަރުކާރުން ތަކުރާރުކޮށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ވައުދުވި ނަމަވެސް، ހިދުމަތް ދޭތެރެ ދޭތެރެއިން ކެނޑެމުންދާ ކަން ރައްޔިތުން ފާހަގަ ކުރެ އެވެ.
މި ކަންތައްތަކުގެ އިތުރަށް، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ވެސް އެކަށީގެންވާ މިންވަރަށް ނުލިބި، ހިދުމަތް ކެނޑި ރައްޔިތުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެ އެވެ. ސަރުކާރުން ފެނުގެ ހިދުމަތް ރަނގަޅު ކުުރުމަށް ހާއްސަ މަޝްރޫއެއް ވެސް އިއުލާންކޮށްފައިވީ ނަމަވެސް، ހިތާމަވެރި ގޮތަކަށް އެ މަޝްރޫއުގެ ގައިމު މަސައްކަތް ފެށިފައި ނުވާ ކަމަށް ވެ އެވެ.