ޚަބަރު

ތަކެތީގެ އަގު އުފުލި ރައްޔިތުން ދަތި ހާލުގައި: ޚަރަދު ކުޑަނުކޮށް މުއިއްޒުއާއި ސާޖިދާ އަވަދިނެތި ކެމްޕޭނުގައި

ދިޔަވަރު
ތަކެތީގެ އަގު އުފުލި ރައްޔިތުން ދަތި ހާލުގައި: ޚަރަދު ކުޑަނުކޮށް މުއިއްޒުއާއި ސާޖިދާ އަވަދިނެތި ކެމްޕޭނުގައި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރަމުންދާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކެމްޕޭނުގެ ހަރަކާތްތަކުގައި އަވަދިނެތި އުޅުއްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ވެސް މުދަލާއި ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިއާއެކު އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، ގިނަ ބަޔަކު ދަނީ އިގުތިސާދީ ގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލަމުންނެވެ.

މިފަދަ ނާޒުކު އިގުތިސާދީ ހާލަތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދެއެވެ. ނަމަވެސް، ރާއްޖޭގެ ސަރުކާރުން ހަރަދު ކުޑަކުރުމަށް، ހާއްސަކޮށް ދަތުރުފަތުރުގެ ހަރަދުތައް ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި ވަނީ ބޮޑުވެފައެވެ.

އޭގެ ބަދަލުގައި، ރައްޔިތުން ދަތި ހާލުގައި ތިބި މި ވަގުތުވެސް މުއިއްޒު އާއި ސާޖިދާ ގެންދަވަނީ ސިޔާސީ ޕާޓީގެ ޖަގަހަތައް ހުޅުވުމާއި ކެމްޕޭން ކުރުމުގެ ހަރަކާތްތަކުގައި ވަރަށް ބޮޑަށް އަވަދިނެތި އުޅުއްވަމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން ބޮޑު މުސާރަލިބޭ ސިޔާސީ މަގާމްތަކަށް މުއިއްޒު ގެންދަވަނީ ސިޔާސީ މުވައްޒަފުން އައްޔަން ކުރައްވަމުންނެވެ. އެގޮތުން ފާއިތުވި ހަފްތާގައި މުއިއްޒުވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އެމްޓީސީސީގެ އެމްޑީގެ މަގާމް ކުރިން އަދާކުރެއްވި ޒިޔަތު އައްޔަން ކޮށްފައެވެ.

ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ސިޔާސީ ހަރަކާތްތަކަށް އިސްކަންދެއްވާތީ ގިނަ ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.