ޚަބަރު

ވެރިކަމަށް ވަޑައިގެންނެވީ ޔާމިންގެ ފޮޓޯ ދައްކައިގެން, ހުވާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގާ ޔާމިންގެ ނަންވެސް ވިދާޅެއްނުވި!

ދިޔަވަރު
ވެރިކަމަށް ވަޑައިގެންނެވީ ޔާމިންގެ ފޮޓޯ ދައްކައިގެން, ހުވާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގާ ޔާމިންގެ ނަންވެސް ވިދާޅެއްނުވި!

މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރައީސް ޔާމިނަށް ޝުކުރު ނުދެންނެވި ތާގައި, ކުޑަވެގެން ރައީސް ޔާމިންގެ ނަންވެސް ގެންނަވާފައި ނުވާތީ ގިނަ ބަޔަކު އެކަން ފާހަގަ ކުރަން ފަށައިފިއެވެ.

މިކަން ގިނަބަޔަކު ފާހަގަ ކޮށްފައިވަނީ, ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭންގައި ރައީސް ޔާމިންގެ ފޮޓޯފުޅު ބޭނުންކޮށް, އަދި ރައީސް ޔާމިންގެ ތާއީދާއެކީ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ހުވާކުރެއްވި ރަސްމިއްޔާތުގައި ރައީސް ޔާމިނަށް ނިސްބަތް ކޮށްކަމަށް ބެލެވޭގޮތަށް, ދައުލަތަށް ޚިޔާނާތްތްތެރި ވާމީހުންނަށް އަދަބު ދެއްވާނޭކަމަށް ވިދާޅުވެ އިންޒާރުވެސް ދެއްވާފައި ވަނިކޮށެވެ.

މިމަހުގެ 17 ވަނަ ދުވަހު ޖުމުހޫރީ މައިދާނުގައި އޮތް ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިންގޭނެ ކަމަށާއި, އަދި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތަކަށް އަދަބުވެސް ދެއްވާނެ ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާގަ ކުރާ އެއްވެސް ޝަރީއަތަކަށް އެމަނުކުފާނުގެ ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގައެވެ.

ރައީސް މުއިއްޒުގެ މިވާހަކަތައް ގިނަބަޔަލު ސިފަކުރަނީ ރައިސް ޔާމިންއަށް ނިސްބަތްކޮށް ދައްކަވާފައިވާ ވާހަކަފުޅެއް ކަމުގައެވެ. އަދި ޔާމިންގެ ފޮޓޯ ދައްކަވައިގެން ވެރިކަމަށް ވަޑައިގެން, ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމިންގެ ނަންފުޅުވެސް މުއިއްޒު ވިދާޅު ނުވުމުން, ގިނަ ބައެއްގެ ފާޑުކިއުން މުއިއްޒަށް އަމާޒު ވެފައިވެއެވެ.

ފާއިތުވި ރިޔާސީ އިންތިޚާބު ނިމި ދިއުމަށްފަހު, ކުރިޔަށްދިޔަ އިންތިގާލީ މަރުހަލާގައިވެސް މުއިއްޒުވަނީ ރައީސް ޔާމިނަށް ނިސްބަތްކޮށްކަމަށް ބެލެވޭގޮތަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވެފައިވަނީ, އެމަނިކުފާނުގެ ސަރުކާރުގެ ވަޒީފާތަކަށް ގެންނާނީ "އެހެން މީހެއްގެ" ބަސްވިކޭ ބައެއް ނޫންކަމަށާއި, މަގާމްތަކަށް ގެންނަވާނީ އެމަނިކުފާނުގެ ބަސް ވިކޭ މީހުން ކަމުގައެވެ.

ޑރ. މުއިއްޒުއަކީ ރައީސް ޔާމިންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒު ވައުދުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައީސް ޔާމިން ޖަލުގައި ނުހުންނާނެ ކަމަށާއި, މިނިވަން ކޮށްދެއްވާނެ ކަމުގައެވެ.

އެހެންނަމަވެސް އަދިވެސް ރައީސް ޔާމިން ހުންނެވީ ޖަލުގައެވެ.