ޚަބަރު

އިންޑިއާ ސިފައިން ބޭރު ކުރުމާ ގުޅޭ ދޮގު ބަޔާން ރައީސް އޮފީހުން ބަދަލުކޮށްފި

ދިޔަވަރު
އިންޑިއާ ސިފައިން ބޭރު ކުރުމާ ގުޅޭ ދޮގު ބަޔާން ރައީސް އޮފީހުން ބަދަލުކޮށްފި

އިންޑިއާގެ އާތު ސައިންސެސް މިނިސްޓަރު، ކިރެން ރިޖިޖޫ އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ނޫސް ބަޔާން އެ އޮފީހުން ބަދަލުކޮށްފި އެވެ.

ރައީސް މުއިއްޒުގެ އަރިހަށް އެކި ގައުމުތަކުގެ ސްޕެޝަލް އެންވޯއީތައް މިއަދު އިހުތިރާމުގެ ޒިޔާރަތް ކުރެއްވި އިރު ރައީސް އޮފީހުން އެ ހުރިހާ ބައްދަލުވުމަކާ ގުޅޭ ގޮތުން ބަޔާންތައް ނެރުނެވެ.

އެގޮތުން ކިރެން ރިޖިޖޫއާއެކު މިއަދު ކުރިއަށް ގެންދެވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި އިނގިރޭސިން ފުރަތަމަ ޝާއިއު ކުރި ނޫސް ބަޔާނުގައި މާބޮޑު ތަފުސީލެއް ނުހިމަނައި ހަމައެކަނި ބުނެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފި ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް އެ ބަޔާނުގައި ހިމަނައިފައެއް ނުވެ އެވެ.

އެ ބަޔާން ޝާއިއު ކުރިތާ މާގިނައިރުތަކެއް ނުވެ 2023-489 ރިފަރެންސް ނަންބަރުގެ އެ ބަޔާން ވަނީ ރައީސް އޮފީހުގެ ވެބްސައިޓުން ގެއްލިފަ އެވެ. ރައީސް އޮފީހުން ވަނީ އޭގެ ފަހުން އިނގިރޭސި ބަހުން އިތުރު ބަޔާނެއް ނެެރެފަ އެވެ. އެ ބަޔާނުގެ ރިފަރެންސް ނަމްބަރަކީ 2023-498 އެވެ. ފަހުން ނެރުނު އެ ބަޔާނުގައި އެބައްދަލުވުމުގެ އިތުރު ތަފްސީލުތައް ހާމަކޮށްފައިވާއިރު އޭގެ ދިވެހި ބަޔާނެއް ޝާއިއު ކޮށްފައެއް ނުވެ އެވެ.

ފަހުން ޝާއިއު ކުރި ބަޔާނުގައި ބުނެފައިވާ ގޮތުން ދެގައުމުގެ ދެގައުމުގެ ހާރިޖީ ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖެއިން ގެންދިއުމަށް ރަސްމީކޮށް އެދިވަޑައިގެންފައިވާއިރު ދިވެހިންގެ އެ ނިންމުމަށް އިންޑިއާ ސަރުކާރުން އިހުތިރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ ބައްދަލުމުގައި ރައީސް ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރުން އިމަޖެންސީ ހާލަތްތަކުގައި ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމުގައި ރާއްޖެއަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއަދު ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ފުރަތަމަ ޝާއިއު ކުރި ނޫސް ބަޔާން ބަދަލު ކޮށްފައި މިވަނީ ފުރަތަމަ ޝާއިއު ކުރި ބަޔާނަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ފުރަތަމަ ބަޔާނުގައި ހާރިޖީ ބޮޑު މައްސަލައަކާ ގުޅޭގޮތުން ރައީސް އޮފީހުން މައުލޫމާތު ދިނުމުގައި އަމަލު ކޮށްފައިވާލެއް ޒިންމާދާރު ކުޑަކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

އެހެން މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިތައް މޮނިޓާކޮށް އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އިންޑިއާއިން އަދާކުރައްވާ ދައުރު ފާހަގަކުރައްވައި ދެގައުމުގެ ދެމެދުގައި ހުރި މައްސަލަތަކަށް ގުޅިގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް އެ ބައްދަލުވުމުގައި ރައީސް މުއިއްޒު އެއްބަސްވެ ވަޑައިގެންނެވި އެވެ.