2010 ވަނަ އަހަރު ރައީސް ނަޝީދު ގެންނެވި ހެލިކޮޕްޓަރާއި އެދުއްވުމަށް ގެނައި ޕައިލެޓުންނާއި، ޓެކްނިކަލް ސްޓާފުންނާއި، ކުރޫއިން ހިމެނޭހެން 22 އިންޑިޔާ ސިފައިން ރާއްޖެ ގެނައެވެ. 2016 ވަނަ އަހަރު އެޕްރީލް މަހު ޕީޕީއެމް ސަރުކާރުގައި މުއީއްޒު އިންނެވި ކެބިނެޓުން ފާސް ކޮށްގެން އިތުރު ހެލިކޮޕްޓަރަކާއި، ޑޯނިޔާ މަތިންދާ ބޯޓެއް ގެނައުމަށް ނިންމައި، އިންޑިޔާއިން އެ ދުއްވުމަށް ބޭނުންވާ މީހުންނާއި އެކު ރާއްޖެ ގެނައީ ސީދާ ޕީޕީއެމް ސަރުކާރުންނެވެ.
ދިވެހި ޕައިލެޓުން އުފެއްދުމަކީ ދިވެހި ސަރުކާރުގެ ޒިންމާއަކަށް ވީއިރު، ރައީސް ނަޝީދުގެ ސަރުކާރުން އަދި ރައީސް ޔާމީނުގެ ސަރުކާރުން އެކަމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތަސް، ރައީސް ސޯލިޙްގެ ސަރުކާރުގައި 3 ޕައިލެޓެއް އުފައްދައި، އިންޑިޔާއިން ގެނެސްފައިވާ ހެލިކޮޕްޓަރުތަކަށް އަހުލުވެރި ކުރުވިއެވެ. އަދި ދިވެހި ސިފައިންގެ ޕައިލެޓުން ކޮންމެ ވެސް ވަރަކަށް މި ހެލިކޮޕްޓަރުތައް ދުއްވިއެވެ. ނަމަވެސް، ޕައިލެޓުންނަށް ކޮމާޝިއަލް އެއަރލައިންތަކުން ފުރުޞަތު ލިބުމުން، ޕައިލެޓުންތައް އެމްއެންޑީއެފް ދޫކޮށް ދިޔައީއެވެ.
އިންޑިޔާއިން ދެއްވި 2 ހެލިކޮޕްޓަރާއި، 1 މަތިންދާ ބޯޓަކީ، ރާއްޖޭގެ ސަރުކާރުން އެދިގެން ދިން އެއްޗެއްސެވެ. އެންމެ ފަހަރަކުވެސް އިންޑިޔާއިން ރާއްޖޭގައި އެމީހުންގެ ހެލިކޮޕްޓަރާއި ސިފައިން ބެހެއްޓުމަށް އެދިފައި ނުވެއެވެ. އެކަމަށް އެދި އާދޭސް ކުރީ، ނަޝީދާއި ޔާމީނުގެ ސަރުކާރުންނެވެ.
އިންޑިޔާއިން އެއްވެސް ކަމެއް ނުކުރަނީސް، ހަމަ ތިބި ގޮތަށް ތިއްބާ، މުއިއްޒުގެ ކެމްޕެއިން ޓީމް ތަކުން ނިންމީ، އެބޭފުޅުން އަމިއްލަ އަށް އެދިގެން އަމިއްލަ އަށް ގެނައި އިންޑިޔާ ސިފައިންނަކީ ދިވެހި ޤައުމުގެ މިނިވަންކަމަށް ހުރި ނުރައްކަލެއް ކަމަށެވެ.
ނަމަވެސް ހަގީގަތަކީ ރާއްޖޭގައި ތިބި 74 ވަރަކަށް އިންޑިޔާ ސިފައިންނަކީ އިންސާނީ ޚިދުމަތް ދިނުމަށް ތިބި ބައެއް ކަމެވެ. އެއިން ދައްކުވައި ދެނީ ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައި ވަންތަކަމެވެ. ނަމަވެސް، ޕީޕީއެމް އިން ފެށި ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ޕްރޮޕަގަންޑާގައި އެތައް ބަޔަކު ޖެހި، ސަރުކާރު ބަދަލުކުރުމުގެ އެއް ސަބަބަކަށް އެކަން ވެގެން ދިޔައެވެ.
މިއަދު އިންޑިޔާ ޕައިލެޓުންގެ ގޮތުގައި އަދި ޓެކްނިކަލް މީހުންގެ ގޮތުގައި ތިބި، ސިފައިން ރާއްޖެއިން ފޮނުވާލުމަށްޓަކައި، ރާއްޖޭގެ މިނިވަންކަން ގެއްލެނީ ކަމަށް ބުނެ، ދޮގު ބަދުނާމެއް އިންޑިޔާ ބޮލުގައި އަޅުވައި، އެ ތުހުމަތުގައި އިންޑިޔާ ފޮނުވާލުމަކީ އިންޑިޔާއިން ކޮށްދިން ހެޔޮކަމުގެ ބަދަލުގައި އަނިޔާވެރިވެ، އިންޑިޔާ ފަލީޙަތް ކޮށްލުމެވެ. މުޅި ދުނިޔެއަށް އިންޑިޔާ ފަޟީހަތް ކޮށްލާއިރު މިއިން ނުކުމެދާނެ ނަތީޖާއަކަށް މުއިއްޒުގެ އެއްވެސް ފަރުވާލެއް ނެތެވެ.
އިންޑިއާގެ މިނިސްޓަރު ކިރެން ރިޖިޖޫއާ އިއްޔެ ބައްދަލު ކުރައްވައި، އެ ގައުމުގެ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގަނެވި ހިސާބުން، އިންޑިޔާ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ސޯޝަލް މީޑިޔާގައި ގުގުމާލިއެވެ. އިންޑިޔާއާއި މެދު މިފަދައިން ކަންތައް ކުރުމުން، އިންޑިޔާ އާންމު ރައްޔިތުންނަށް ދިވެހިރާއްޖެ ފެނިގެންދަނީ، ކުށެއްނެތި ދެކޮޅުވެރިވެ، އިންޑިޔާއަށް ނަފްރަތު އުފައްދާ ބައެއް ގޮތުގައެވެ.
މިކަމުގެ ސަބަބުން ރާއްޖެއާއި އިންޑިއާ ރައްޔިތުންނާއި ދެމެދު އޮތް ގުޅުން ހީނަރުވެގެން ދާއިރު، އިންޑިޔާ ރައްޔިތުންނަކީ ރާއްޖޭގެ ޓުއަރިޒަމްގެ އެންމެ ބޮޑު ހިއްސާއެއް ފާއިތުވި 3 އަހަރު އަދާކުރި ފަރާތެވެ. އިންޑިޔާ އަކީ ވަރަށް ޤައުމީ ވަންތަ ބަޔަކު ދިރިއުޅޭ ގައުމަކަށްވެފައި، މިފަދަ ނިންމުމަކާއި ގުޅިގެން އިންޑީޔާއިން ރާއްޖެ އަށް އަންނަ ފަތުރުވެރިން މަދުވެ ނުވަތަ އެކީ ހުއްޓުމަކީ ރާއްޖޭގެ އިޤްތިޞާދަށް އެއިން އަރައިގަނެވޭނޭ ވަރުގެ ކަމަކަށް ނުވާނެއެވެ. ފާއިތުވި މާޗް 2023 އިން ފެށިގެން ސެޕްޓަމްބަރާއި ހަމައަށް ރާއްޖޭގެ ރިސޯޓްތައް ފުރިފައިވަނީ އެވްރެޖް ގޮތެއްގައި އެންމެ %30 އަށެވެ. އޭގެ އެންމެ ބޮޑު ހިއްސާ އަކީ އިންޑިޔާ ރައްޔިތުންނެވެ. އެހެންކަމުން ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ސިޔާސީ ހަރަކާތެއްގައި ރާއްޖެއާއި އިންޑިޔާގެ ގުޅުން ކަނޑާލުމަކީ އެޅޭ ވަރަށް ނުބައި ފިޔަވަޅެކެވެ.
މިއީ އިޤްތިޞާދީ ނަޒަރުން ފަތުރުވެރިކަމަށް އެކަނި ބަލާލި ކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަށް ވެގެން ދާނެ ގޮތެވެ. މުއިއްޒު އަމާޒު ހިފާފައި ހުރީ، ހައްދުފަހަނަ އެޅި ޤައުމިއްތުގެ ސިޔާސީ ހަރަކާތަކުން ޤައުމު ދެފަޅިކޮށް، ރައްޔިތުން އިނދަޖައްސާލައިގެން އުމުރަށް ވެރިކަން ކުރުމަށެވެ. ހުރިހާ ގެއްލުމެއް އޮތީ ދިވެހިންނަށާއި، ދިވެހިރާއްޖެއަށެވެ.