ޚަބަރު

ތިބީ 77 ސިފައިން! މުއީޒް އިންނެވި ކެބިނެޓުން ފާސްކޮށް، މުއިއްޒުގެ ރުހުމާއި އެކު 53 ސިފައިން 2016ގައި ގެނައުމަށް ނިންމި!

ދިޔަވަރު
ތިބީ 77 ސިފައިން! މުއީޒް އިންނެވި ކެބިނެޓުން ފާސްކޮށް، މުއިއްޒުގެ ރުހުމާއި އެކު 53 ސިފައިން 2016ގައި ގެނައުމަށް ނިންމި!

މި ސަރުކާރުން މިހާތަނަށް ކަށަވަރު ކުރެވުނު މައުލޫމާތުތަކުން ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ހެލިކަޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިން ކަމަށެވެ. އިތުރަށް ތިބި ދެ ސިފައިންނަކީ އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެމީހުން ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.

ފުރަތަމަ ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު ރައީސް ނަޝީދު އެދިގެން ގެންނެވި ހެލިކޮޕްޓަރު ދުއްވުމާއި މަރާމާތް ކުރުމަށެވެ. އޭގެ ފަހުން ގެނައި 53 ސިފައިން ރާއްޖެ ގެންނެވީ މުއިއްޒުގެ ރުހުމާއި އެކު، ކެބިނެޓަށް ފާސްކޮށްގެން ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ސަރުކާރުން އެދިގެންނެވެ.

ކުރީ ސަރުކާރުން ވެސް ވަނީ ރާއްޖޭގައި ހިއުމަނިޓޭރިއަން މަސައްކަތަށް އިންޑިއާގެ 75 މީހަކު ތިބި ކަމަށް އޭރު ބުނެފަ އެވެ. ނަމަވެސް މިހާރުގެ ސަރުކާރު ހިންގާ ޕާޓީން އޭރު ގެންދިޔައީ އެއަށްވުރެ މާގިނަ އަދަދަކަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނަމުންނެވެ.

އޭރުގެ ސަރުކާރުން އެ ތުހުމަތުތައް ވަނީ އޭރު ދޮގުކޮށްފަ އެވެ. އެ ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ މީހުންނަކީ ސިފައިންގެ ގޮތުގައި ތިބި ބައެއް ނޫން ކަމަށާއި އެއީ ހަމައެކަނި ހިއުމެނިޓޭރިއަން މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެމަނިކުފާނު ވަނީ އިންޑިއާގެ އާތު ސައިންސެސް މިނިސްޓަރު، ކިރެން ރިޖިޖޫގެ އަރިހުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމަށް އެދިފަ އެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރުން އިމަޖެންސީ ހާލަތްތަކުގައި ގިނަ އަދަދެއްގެ ބަލި މީހުން އުފުލުމުގައި ރާއްޖެއަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.