ހެލިކޮޕްޓަރާއި ޑޯނިޔާގެ މައްސަލާގައި ހައްލެއް ހޯދުމަށް ދެގައުމުން އެއްބާރުލުން ދިނުމަށް މަޝްވަރާ ކޮށްފިއެވެ. އިންޑިއާގެ މިނިސްޓަރު ކިރެން ރިޖިޖޫއާ އިއްޔެ ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެޑިކަލް އިވެކުއޭޝަން އަދި މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ޓަކައި މަތިންދާބޯޓު އޮޕަރޭޓްކުރުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލަ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ މި ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތަކުން ދިވެހި ރައްޔިތުން މެޑިކަލް އިވެކުއޭޓް ކުރުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވާފައިވެއެވެ. އަދި މީގެ އިތުރުން މި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައި، އެކަހެރި ދުރު ރަށްރަށުގައި ތިބޭ ފަތުރުވެރިންނަށް މިކަމުގެ ސަބަބުން އިތުބާރާއި ރައްކާތެރި ކަމުގެ އިޙްސާސް ގެނެސްދިނުމަށް އެހީއަކަށް ވާކަމަށް ރައީސް ވާހަގަފުޅުގައި ފާހަގަ ކުރެެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވަގުފާރި މޮނިޓަރކުރުމާއި ހުއްޓުވުމުގައި އިންޑިޔާ ސިފައިންގެ ދައުރަށް ރައީސް ތައުރީފް ކުރެއްވިއެވެ.
ރާއްޖޭގެ ރައްޔިތުންގެ ބޭނުންތަކަށް ހެލިކޮޕްޓަރާއި ޑޯނިޔާގެ ބޭނުން މުހިންމުވެފައިވާތީ، ކުރިމަތިވެފައިވާ ހެލިކޮޕްޓަރރުގެ މައްސަލާގައި ކުރިއަށް ދެވޭނޭ ގޮތެއްގެ ހައްލެއް ހޯދުމަށް ދެގައުމުން އެއްބާރުލުން ދިނުމުގެ މަޝްވަރާތައް ބޭއްވުމަށް މި ބައްދަލުވުމުގައި ނިންމިއެވެ.