2000 އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ތަކުރާރުކޮށް ބުނެ، ރައްޔިތުން ހިތުގައި ބިރުވެރިކަން އުފައްދާފައި ވަނިކޮށް، މިއަދު ހާމަ ވެގެން ދިޔައީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބީ ކުރިންވެސް ސަރުކާރުން ބުނި އަދަދަށް ކަމެވެ. 77 އިންޑިޔާ ސިފައިން، ޕައިލެޓުންނާއި، ޓެކްނިޝަނުންގެ ގޮތުގައި ތިބިއިރު، ހަތިޔާރު އެޅައިގެން ދިވެހި ރާއްޖޭގެ މިނިވަންކަމަށް އެއިން އަސަރެއް ކޮށްފާނެ ފަދަ އެއްވެސް ގޮތަކަށް އެންމެ ބޭރުގެ އެންމެ ސިފައިންގެ މީހެއްވެސް ނެތްކަން މިއަދު ރައީސް އޮފީހުން ބެއްވި ޕްރެސްއިން ސާބިތު ވެގެން ގޮސްފިއެވެ.
މިކަމާއި ގުޅިގެން، މިހާރުގެ އެކޮނޮމިކް މިނިސްޓަރ ސައީދު ފަދަ ބޭފުޅުން ފަންޑުކޮށްގެން ހިންގާ ދިޔަރެސް ނޫހާއި، މުއިއްޒު ރާއްޖެއިން ބޭރަށް ދެއްވާފައިވާ ބަސްތީގަތުންތަކުގައި އާއި، އެކި ޖަލްސާތަކުގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭހެން ޕީޕީއެމް އިސްވެރިން މިއަދަދު ބޮޑުކޮށް ވާހަކަ ދައްކައިގެން ރައްޔިތުންނަށް ޙަޤީގަތް އޮޅުވާލާފައިވާކަމަށް ބުނެ އާންމުންގެ ރުޅިވެރިކަން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އެހެންކަމުން، ސެނެހިޔާގައި ތިބި އިންޑިޔާ ސިފައިންގެ ޑޮކްޓަރުން 77 އިންޑިޔާ ސިފައިންގެ ލިސްޓުގައި ނުހިމެނި އޮތުމުން، އެމީހުންގެ ނަން ހިމަނައި، އަދި އިތުރަށް އެތައް ބަޔަކު ތިބިކަމަށް ބުނުމަށް މިރޭ ސަރުކާރުގެ އިސްފަރާތްތަކުން މަޝްވަރާ ކޮށްފައިވާކަން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކުރެއެވެ.
މިގޮތަށް ދޮގު ހަދައިގެން ދިޔަރެސް ގައި ޖަހާފައިވާ ލިޔުންތައް މިހާރު ދަނީ ނަގަމުން އަދި ބަދަލު ކުރަމުންނެވެ. އިންޑިޔާ އާއި ރައީސް ސޯލިހްގެ ސަރުކާރުގެ މައްޗަށް އާންމު ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދުމަށްޓަކައި ދޮގު ހަދައިގެން ހައްދުފަހަނައެޅި ގައުމިއްޔަތުގެ ސީޔާސީ ހަރާކާތެއް ވަނީ ޕީޕީއެމް ތެރެއިން މަދުބަޔަކު އިސްވެ ތިބެ ހިންގާފައެވެ.