ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން, އޭސީސީން ރައީސް ޔާމިންގެ ދައުރުގައި ދައުވާކުރަން ފޮނުވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) މިނިސްޓަރުން ފެންވަރުގައި ފޮރިން މިނިސްޓްރީއަށް ހަމަޖައްސައިފިއެވެ. މުންދު ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށެވެ.
މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސްކަމުގެ ގާނޫނީ ހުވާ ކުރެއްވި ޑރ. މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގެ ގިނަ ސިޔާސީ މަގާމްތަކަށް ބޭފުޅުން ހަމަޖައްސަވަމުންނެވެ. މިގޮތުން މިނިސްޓަރުންނާއި އަދި އެނޫން މަގާމްތަކަށްވެސް ހަމަޖައްސަވާފައިވާ ބޭފުޅުންގެ ތެރޭގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.
ރައީސް މުއިއްޒު ރައީސް އޮފީހަށް މިއަދު ހަމަޖެއްސެވި މުންދުއަކީ ރައީސް ޔާމިންގެ ވެރިކަމުގައި, ރާއްޖޭގެ މިނިވަން ކަމުގެ ރަންޔޫބީލްގައި ރައީސް އަބްދުﷲ ޔާމީން ދެއްވި ޖާފަތް ތައްޔާރުކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއުޕޯޓާ ހަވާކުރި ކަމުގެ ތުހުމަތުގައި، އޭސީސީން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވި ފަރާތެކެވެ.
އެހެންނަމަވެސް އޭސީސީން ފޮނުވި މައްސަލާގައި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރުމަށް ނިންމަވާފައިވަނީ އޭރު ޕީޖީގެ މަގާމްގައި ހުންނެވި ބިޝާމްއެވެ. އޭނާ މިމައްސަލާގައި މުންދުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމިއިރު, ޕީޖީ ބިޝާމްއަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއުޕޯޓާ ހަވާކުރުމަށް ނިންމި ކޮމިޓީގައި މުންދުއާއެކު އެ ނިންމުން ނިންމުމުގައި ބައިވެރިވި ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން, މުންދުގެ މައްޗަށް ދައުވާ ނުކުރުމަށް ބިޝާމް ނިންމުމުން އޭނާގެ މައްސަލަވެސް އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވެއެވެ.
އޭސީސީއަށް ހުށަހަޅާފައި ވަނީ ބިޝާމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދީފައިވާ މައްސައެކެވެ. މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރުމާ މެދު އެ ކޮމިޝަނުން މިއަދާއި ހަމައަށްވެސް ވަކިގޮތެއް އެންގިކަމެއް އެނގޭކަށް ނެތެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްނަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ވައުދު ވަމުންނެވެ. އެހެންނަމަވެސް ވެރިކަމުގެ ފުރަތަމަ ހަފްތާގައިވެސް ރައީސް މުއިއްޒު މަގާމްތަކަށް އައްޔަން ކުރެއްވި ގިނަ ބޭފުޅުންނަކީ ކޮރަޕްގެ ބޮޑެތި ތުހުމަތު ކުރެވިފައިވާ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.