ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލީހުގެ 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، އީވާއަށް ނޯޓިސް ފޮނުވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ނޯޓިސް ފޮނުވާފައިވާކަން އީވާ ވަނީ ދުވަހު ނޫހަކަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް މި ވެއްދީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. މި މަހު 13 ގައި އެ މައްސަލަ ކުރިއަށް ގެންދަން ޖަލްސާ ފެށުމާއެކު ނަޝީދު ވަނީ އިސްތިއުފާދެއްވާފަ އެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި ކަމަށް އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އަޑުއުފުލި ފަހުންނެވެ. އެމްޑީޕީއިން ދެކޭ ގޮތުގައި މައްސަލަ ކުރިއަށް ނުގެންގޮސް އީވާ ލަސްކުރުވީ ގަސްތުގަ އެވެ.