ޚަބަރު

އާންމު ރައްޔިތުން ދިވެހި ދިދަ ބޭނުން ކުރުން މަނާ ކުރަނީ! ދިވެހި ދިދަ ދެން ނެގޭނީ ހަމަ އެކަނި މިނިސްޓަރުންގެ ގެކޮޅުގައި!

ދިޔަވަރު
އާންމު ރައްޔިތުން ދިވެހި ދިދަ ބޭނުން ކުރުން މަނާ ކުރަނީ! ދިވެހި ދިދަ ދެން ނެގޭނީ ހަމަ އެކަނި މިނިސްޓަރުންގެ ގެކޮޅުގައި!

ވަޒީރުންގެ ގެއާއި ކާރުތަކުގައި ވެސް ދިވެހި ދިދަ ހަރުކޮށްފައި ބަހައްޓަން ޖެހޭ ގޮތަށް ސަރުކާރުން ނިންމައި މަޖުބޫރު ކޮށްފިއެވެ. އަދި މިއާއި އެކު، އާންމުގެ ގެތަކުގައި އާއި، އާންމު ރައްޔިތުން އެމީހުންގެ ބޭނުމަށް ދިވެހި ދިދަ ބޭނުން ކުރުން މަނާ ކުރަން ސަރުކާރުން ދަނީ ނިންމަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުންގެ ގެކޮޅުގައި ވެސް އަދި ވަޒީރުން ދުއްވާ ކާރުތަކުގައި ވަޒީރުން ތިއްބަވާ ވަގުތުތަކުގައި ދިދަ ނަގާފައި ބަހައްޓަން ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ދަނީ، ހައްދުފަހަނައެޅި ޤައުމިއްޔަތުގެ އަނދިރި ސިޔާސީ ހަރަކާތަކަށް ތައްޔާރު ވަމުންނެވެ. އޭގެ ތެރޭގައި އަވަށްޓެރި ޤައުމުތަކާއި ދެކޮޅުވުމާއި، މީހުން ލޭބަލް ކުރުމާއި، ޤައުމިއްޔަތުގެ ނަމުގައި، ޤައުމު ބައިބައިކޮށްގެން ވެރިކަން ކުރުން ހިމެނެއެވެ. މިއީ ދުނިޔޭގައި ހައްދުފަހަނައެޅި far-right politics ގޮތުގައި ދެކޭ ސިޔާސީ ހަރަކާތްތައް ފެށިގެން އަންނަ ގޮތެވެ.

ތަހުޒީބު ވެފައިވާ ދުނިޔޭގައި، އެބަޔަކު ބޭނުން އިރަކު އެބައެއްގެ ދިދަ، ބޭނުން ކުރެވެއެވެ. ޤައުމީ ދިދަ އަމިއްލަ ގޭގައި ޖެހުމުން ފެށިގެން ދިދަ ރަމްޒުކޮށްދޭ ހެދުންވެސް ހުރެއެވެ. ދިވެހިން ވެސް އެކި މުނާސަބަތު ތަކުގައި ދިވެހި ދިދަ ބޭނުން ކުރައެވެ. ސްކޫލުގެ ހަރަކާތްތަކުން ފެށިގެން މުޒާހަރާތަކުގައިވެސް ދިވެހި ދިދަ ބޭނުން ކުރެއެވެ. ނަމަވެސް މިގޮތަށް މުޒާހަރާތަކުގައި ދިވެހި ދިދަ ބޭނުން ކުރުން ފެށިގެން އާންމުން އަމިއްލަ ބޭނުމަށް ދިވެހި ދިދަ ނެގުން މަނާކުރުމަކީ ސަރުކާރުން ހަދާ ވަރަށް ބޮޑު ގޯހެކެވެ. މި ހުރިހާ ކަމަކީ މަޖުބޫރު ކަމެއް ނެތި ތަހުޒީބީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކުރާ ކަންކަން ކަމުގައި ވީ ނަމަވެސް، ވަކި ގޮތަކަށް މިކަންކަން މަޖުބޫރު ކުރުވުމަކީ ވަރަށް ވެސް ނާތަހުޒީބު އަދި ޤައުމިއްޔަތުގެ ނަމުގައި އަނދިރި ދުވަސްތަކެއް ރާއްޖެއަށް ގެންނަށް ބަޔަކު ކުރަމުންދާ މަސައްކަތުގެ ފެށުމެވެ. މިއީ އަނިޔާވެރި ވެރިކަމަކަށް މިސްރާބު ޖަހާފައިވާ ކަމުގެ އަލިގަދަ ހެއްވެސް މެއެވެ.