މާލެ ރާޅުގަނޑު ސަރަހައްދުގައި ބްރިޖު ވިއު ޕްލެޓްފޯމާ އިންވެގެން ހަދާފައި ހުރި، ނިއުޕޯޓް ރެސްޓޯރެންޓް ހިންގި ކުންފުނި ކަމަށްވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ބޮޑު ބަދަލެއް ދޭން ޑރ. މުއިއްޒު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ކުރީގެ ސަރުކާރުގައި 2016 ގައި, މާލޭގެ އެންމެ އަގުބޮޑު ސަރަހައްދުގެ ލޮނުޒިޔާރަތްކޮޅުން ބިމެއް ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތަރައްގީކޮށް، އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ.
ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބެލުމަށް ކަމަށްބުނެ ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓަކާ އެކު ތަރައްގީ ކުރުމުގެ މަސައްކަތް، ސްޑްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސެޕްޓެމްބަރު 22، 2016 ގަ އެވެ. ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު އެންމެ ފުރަތަމަ އެއްބަސްވުން ގާއިމްކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެހެންނަމަވެސް ރައީސް ޔާމިންގެ ސަރުކާރުން ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕްލެޓްފޯމަކާއި ރެސްޓޯރަންޓެއް ހިންގުމަށް، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ 2016 ވަނަ އަހަރު ސެޕްޓެމްބަރުމަހުގެ ތެރޭގައި ހަވާލުކުރި ތިން އަހަރު ދުވަހުގެ މުއްދަތަށް ފަސް އަހަރު, އިއުލާން ކުރުމަކާ ނުލާ, އިތުރުކޮށްދީނީ 2017 ވަނަ އަހަރުއެވެ. އެ ބަދަލާއެކު, އިއުލާން ކުރުމަކާ ނުލާ, މާލޭގެ އެންމެ އަގުބޮޑު ސަރަހައްދުން, ޖުމްލަ 8 އަހަރަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އެބިން ލިބިގެން ދިޔައެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ނަމަވެސް ފަހުން އެ މުއްދަތު 8 އަހަރަށް އިތުރުކޮށްފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސްޓްރާޑާއާ އެކު ވި އެއްބަސްވުން 2019 ވަނަ އަހަރު ބާތިލްކުރިއެވެ.
އެއީ އެއަހަރު ކުރީކޮޅު އޭސީސީން ނެރުނު ތަހުގީގު ރިޕޯޓުގައި ބުނީ ލޮނުޒިޔާރަތްކޮޅުގައި ހިންގަމުން އަންނަ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގަމުން އައި ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ރައީސް ޔާމިންގެ ސަރުކާރުން ނާޖާއިޒު މަންފާތަކެއް ހޯދައި ދިން ކަމަށް ބެލެވޭ ކަމަށް ނިންމާ ނެރުނު ރިޕޯޓަށް ފަހުއެވެ. އެ ރިޕޯޓުގައި އެ މުއާމަލާތުގެ ތެރެއިން ހިންގާފައި ހުރި ކޮރަޕްޝަންގެ ގިނަ ތަފްސީލްތަކެއް ހިމަނާފައި ހުއްޓެވެ.
ރައީސް ސާލިހުގެ ސަރުކާރުން ނިއުޕޯޓު ހިންގި ބިން އަތުލީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައިދޭން އެ ކުންފުނީގެ ވެރިފަރާތުން ފަހުން ކޯޓަށްވެސް ދިޔައެވެ. އެހެންނަމަވެސް ކޯޓުންވެސް އެފަރާތަށް މައްސަލަ ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ނިއުޕޯޓުގެ ވެރިފަރާތްކަމަށްވާ ޒާހިދު ރަމީޒްއަކީ ޕީޕީއެމްގެ އިސް އެކްޓިވިސްޓެެކެވެ. އަދި އޭނާއަކީ ރައީސް ޔާމިންއަށް ވަރަށްބޮޑަށް ތާއީދުކުރަމުން އައި ފަރާތެކެވެ. ފާއިތުވި ރިޔާސީ އިންތިޚާބުގައި އޭނާ ޑރ. މުއިއްޒުއަށް ތާއީދު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރު އޭނަ ގެންދަނީ ސޯޝަލް މީޑިއާގައި މުއިއްޒުއަށް ސަނާ ކިޔަމުންނެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ނިއުޕޯޓަށް ބޮޑު މިވަގުތު ބަދަލެއް ދިނުމުގެ އެއްބޭނުމަކީ, ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ޕީއެންސީއަށް ފައިނޭންސް ރެއިސް ކުރުމެވެ.